

އަލްޖީރިއާ، ކެމަރޫން، އައިވަރީ ކޯސްޓް، ޓިއުނީޝިއާ ވޯލްޑްކަޕަށް
ވާރލްޑްކަޕް ކޮލިފައިންގައި މިރޭ ކުޅެވޭ މެޗުތަކަށްފަހު އަލްޖީރިއާ، ކެމަރޫން، އައިވަރީކޯސްޓާއި ޓިއުނީޝިއާ އަންނަ އަހަރު ބާއްވާ މުބާރާތަށް ކޮލިފައިވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
ގްރޫޕްއީގައި މިރޭ ކުޅެވޭ މެޗުގައި ޓޭބަލުގެ ފުލުގައިވާ މަލާވީ އަތުން އެއްޕޮއިންޓް ލިބުނު ނަމަވެސް އައިވަރީ ކޯސްޓަށް ވިދިވިދިގެން ދެވަނަ ވާރލްޑްކަޕުގައި ކުޅުމުގެ ފުރުޞަތު ތަނަވަސް ވެގެން ދާނެއެވެ.
ނަމަވެސް އަނެއް 3 ޓީމަށް ވަނީ ނަސީބުގެ އެހީތެރިކަންވެސް ބޭނުންވެފައެވެ.
އެންމެފަހުން މީގެ 23 އަހަރު ކުރިން ވާރލްޑްކަޕްގައި ކުޅުމުގެ ފުރުޞަތު ލިބުނު އަލްޖީރިއާ އަށް ގްރޫޕް ސީގެ އެންމެ ކުރި ލިބެން އަންނަނީ އެޓީމު މިރޭ ރުވާންޑާއާއި ދެކޮޅަށް ކުޅޭ މެޗުގައި ނެރެވޭ ނަތީޖާއަކީ އެފްރިކަން ނޭޝަންސް ކަޕްގެ ޗެމްޕިއަން މިސްރު ޒެމްބިއާގެ މައްޗަށް ހޯދާ ކަމިޔާބަށްވުރެ ރަނގަޅު ނަތީޖާއަކަށް ވެގެންނެވެ. އަމިއްލަ ރަށުގައި ކެމަރޫނަށް މިރޭ ޓޯގޯ އަތުން މޮޅުވެވިއްޖެނަމަ ގްރޫޕް އޭގައި އެޓީމަށް ބޮޑު ތަފާތަކުން ލީޑު ލިބޭނެއެވެ. މިގްރޫޕްގެ އަނެއް މެޗުގައި މޮރޮކޯ ބައްދަލުކުރާނީ ދެވަނާގައިވާ ގެބޮންއާއިއެވެ.
މާދަމާރޭ ކެންޔާ ބަލިކުރެވިއްޖަނަމަ ޓިއުނީޝިއާ ވިދިވިދިގެން 4ވަނަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވާނެއެވެ. ނަމަވެސް އެއީ ގްރޫޕް ބީގައި ކުޅެވޭ މެޗުގައި މޮޒަންބިކް އަތުން ނައިޖީރިއާއަށް 3 ޕޮއިންޓް ނުލިބިއްޖެނަމަވެސް މެއެވެ.