
ޖަރުމަނާއި އިޓަލީ މިރޭ ކޮލިފައިވެދާނެ
ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރުތަކުގެތެރޭގައި ހިމެނޭ ޖަރުމަނާއި އިޓަލީ މިރޭގެ މެޗުތަކަށްފަހު އަންނަ އަހަރުގެ މުބާރާތުން ޖާގައެއް ކަށަވަރުކުރުން ވަރަށް ގާތެވެ.
ޔޫރަޕުން މިހާތަނަށް ކޮލިފައިވެފައިވާ ހަމައެކަނި ޓީމުތަކަކީ އިންގްލެންޑް، ސްޕޭން އަދި ނެދަލެންޑްސްއެވެ. އެހެންކަމުން އޮޓަމެޓިކުން ފުރުޞަތު ލިބޭ 6 ޓީމެއް އަދި ވަނީ ކަނޑަނޭޅިއެވެ. އިތުރު 4 ޓީމަކަށް ޕްލޭ އޯފް މެޗުތަކަކަށް ފަހު ކޮލިފައިވުމަށް ފުރުޞަތު ލިބޭނެއެވެ.
އެންމެފަހުގެ ޗެމްޕިއަން އިޓަލީ ގްރޫޕް 8ގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވުމަށް މިރޭ ރިޕަބްލިކް އޮފް އަޔަލެންޑާ ބައްދަލުކުރާ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ހަމައެހެން މޮސްކޯގައި ރަޝިޔާއާއި ބައްދަލުކުރާ ޖަރުމަނަށްވެސް މިރޭ 3 ޕޮއިންޓް ލިބިއްޖެނަމަ ގްރޫޕް 4ން އެޓީމު ކޮލިފައިވާނެއެވެ.
ނަމަވެސް ފްރާންސް ދަނީ ކޮލިފައިވުމަށް ކުޑަނަމަވެސް އުއްމީދެއް ލިބޭތޯ ހަނގުރާމަ ކުރަމުންނެވެ. މިވަގުތު ފްރާންސްވަނީ ގްރޫޕް 7ގެ އެއްވަނާގައިވާ ސާބިއާ އަށްވުރެ 4 ޕޮއިންޓް ފަހަތުގައި ގްރޫޕްގެ ދެވަނާގައެވެ. ނަމަވެސް މިރޭ އާދައިގެ ޓީމެއް ކަމަށްވާ ފާރޯ އައިލެންޑްސް އަތުން މޮޅުވެވިއްޖެނަމަ ފްރާންސަށް ޕްލޭއޯފް ކުޅުމަށް ފުރުޞަތު ލިބޭނެއެވެ.