މަޑިފުށީ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދެފި

މިއުސަމް އައްބާސް އޭޕްރީލް 15 2007، 20:59 0 ޚިޔާލު

2004 ވަނަ އަހަރު ރާއްޖެއަށް އައި ސުނާމީގެ ސަބަބުން މ.މަޑިފުށިން އދ. މާމިގިއްޔަށް ބަދަލުވި މީހުންނާއި މާމިގިލީ މީހުންނާ ދެމެދު ހިގަމުންދާ މައްސަލަތަކުގެ ސަބަބުން އެހެންރަށަކަށް ބަދަލުވުމަށް އެދިފައިވާ ކަމަށް އެރަށުގެ ކަތީބު ވިދާޅުވެއްޖެ އެވެ. މަޑިފުށީ ކަތީބު އަބުދުލް މަތީން އަލީ ވިދާޅުވީ އެރަށުގައި އުޅުމަށް މިހާރު ނުރައްކާ ވަމުންދާ ކަމަށާއި އަދި އެރަށުން ފުލުހުން ފައިބުމުން މަޑިފުށީ ރައްޔިތުންނަށް ހަމަލަދޭނެކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށެވެ.

” އަޅުގަނޑުމެން މިތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި. އެންމެންވެސް ބޭނުންވަނީ މިރަށުން ފައިބައިގެން ސަލާމަތްވާނެ ތަނަކަށް އަވަހަށް ދިޔުމަށް, އަދި އެހެން ބަޔަކާއެކު އެޅެން ބޭނުންނުވާ ކަމަށްވެސް އެމީހުން ބުނޭ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ބޭނުންވަނީ މަޑިފުއްޓަށް ދިއުމަށް. އެހެންކަމުން އެޓޯލްމިނިސްޓްރީގަޔާއި ރައީސް އޮފީހުގައި ވާނީ އެހެންރަށަކަށް ބަދަލުކޮށްދިނުމަށް އެދިފައި“ މަޑިފުށީ ކަތީބު ވިދާޅުވި އެވެ.

ކަތީބު ވިދާޅުވީ އަދިވެސް ސަރުކާރުން މިކަމަށް ފިޔަވަޅެއް ނާޅާ ކަމަށާއި މިކަން ދެރަށުގެ މީހުންނާ ވާހަކަދައްކައިގެން އަވަހަށް ހައްލުކޮށްދިނުމަށް އެދޭ ކަމަށެވެ. ” އަދިވެސް ސަރުކާރުން އަޅުގަނޑުމެންނާ މަޝްވަރާއެއް ނުކުރޭ މިކަމުގައި. މިކަން ނިމެންވާނީ ދެރަށުގެވެސް އިސްފަރާތްތަކާއި ރައްޔިތުންނާ ބައްދަލުކޮށް އެންމެން ބޭނުންވާ ގޮތެއްގެ މަތީން“ މަތީން ވިދާޅުވި އެވެ.

މާމިގިލީ ރަށު އޮފީސްވެސް މިކަމާ ގުޅިގެން އެރަށުގެ މީހުން ނުކެމެ ބަންދުކޮށްފައި ވަނިކޮށް އެޓޯލްމިނިސްޓަރީގެ ނައިބު ފާތުމަތު ޝީރީން ވަޑައިގެން ވަނީ ހުޅުވާފަ އެވެ. އެކަމަކު އެރަށުގެ އޮފީސް ހުޅުވިފައި ހުރިނަމަވެސް މަޑިފުށީ ދެކަތީބުންނަށް އޮފީހަށް ނުކުތުމަށް ރައްޔިތުންވަނީޯ މަނާކޮށްފައެވެ. މާމިގިލީ މީހުން ބުނީ މަޑިފުށީ މީހުން ރަށުތެރޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާ ކަމަށާއި އަދި ރަށުގައި މާމިގިލީ މީހުންނަށް އެއްވެސް ކަހަލަ މިނިވަން ކަމަކާއި އަދި ހައްގެއް ލިބިފައި ނުވާ ކަމަށެވެ.

” ކޮންމެ ކެމެއްގައިވެސް އެމީހުން ބުނަނީ މިގުޅަނީ ހަމްދޫނަށް ކަމަށް އަދި ފަހުން އެމައްސަލައެއް ނިމެނީވެސް އެމީހުން ބުނާ ގޮތަށް. އެމީހުން ރަށު އޮފީހުގައިވެސް ވެރިކަން ކުރަނީ. ރަށުކަތީބަށް އެރަށު ކަތީބުން އަންގަނީ ތިމަންނަމެންނަށް ކަލޭމެނަށް ބާރެއް ނޮފޯރުވޭނެ ކަމަށް. އެހެން ނޫނަސް އެމީހުން މިހާރު ވަނީ ރަށުގައި ފިތުނަ އުފަންދަން ފަށާފައި. އަޅުގަނޑުމެން އެމީހުން ގެނެސްގެން ހުރިހާ ކަމެއް ކޮށްދިނީމާ ބުނަނީ ތިމަންނަމެންގެ ކޮންމެ މީހެއްގެ އެކައުންޓްގައި 2ލައްކަ ރުފިޔާ އެބަހުރި ކަމަށް އަދި މާމިގިލީ މީހުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް“ މާމިގިލީ ރައްޔިތަކު ކިޔައި ދިނެވެ.

މަޑިފުށި މީހުން މާމިގިއްޔަށް ބަދަލުކުރުމަށްފަހު އެރަށުގައި މަޑިފުށީ މީހުން ތިބުމަށް އެޅި ދާއިމީ 38 ހިޔާ ހެދުމަށް 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv