

-މުޙައްމަދު ނަސީމު-
ހަނދަށް ދެރޮކެޓް ފޮނުވާލައި ބިމަށް ފެންނަވަރުގެ ދެގޮވުން ގޮއްވާލުމަށް އެމެރިކާގެ ޖައްވީއިދާރާ ނާސާއިން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ. ހަނދުގައި ފެންހުރިތޯ ބެލުމަށްޓަކައި އެތައް މިލިޔަންޑޮލަރެއް ޚަރަދުކޮށްގެން ނާސާއިން ރޭވި މިމަޝްރޫޢަކީ ނާސާއިން ބުނާގޮތުގައި އެއިދާރާއިން ރޭވި އެންމެ އުއްމީދީ އެއްމަޝްރޫޢެވެ. ނަމަވެސް ހަނދުގައި ބޮންގޮވާ މަންޒަރުދައްކާލުމަށް ނާސާއިން އެއްކުރި އެތައް މިލިޔަންމީހުންނަށް އެފަދަ އެއްވެސްކަމެއް މިއަދު ވަނީ ނުފެނިފައެވެ.
ނާސާގެ 49 މިލިޔަން ޕައުންޑްގެ މަޝްރޫޢުކާމިޔާބުވިނަމަ ހަނދުގައި ގޮވައިގެންދާ ގޮވުމުގެ ސަބަބުން ހަމޭލު އުސްމިނަށް ހިރަފުހާއި ދުން އަރައިގެންދާނެކަމަށާއި ހިރަފުހާއި ދުމުގެ ވިލާގަނޑު މިމުގައި ތިބިމީހުންނަށް ޓެލެސްކޯޕް މެދުވެރިކޮށް ފެންނަވަރު ވާނެކަމަށް ނާސާގެ އިސްފަރާތްތަކާ ހަވާލާދީ ޑެއިލީމެއިލް ބުނެއެވެ. ނަމަވެސް ބޮޑުސްކްރީން މެދުވެރިކޮށް ދެއްކި ހަނދުގެ ލައިވް ފޮޓޯތަކުން އެފަދަ އެއްވެސް މަންޒަރެއް އެމެރިކާގެ ރައްޔިތުންނަށް ވަނީ ނުފެނިފައެވެ. ނަމަވެސް ފޮނުވާލި ރޮކެޓް ދެބައިވެ، ހަނދުގައި ދެވަޅުގަނޑު އުފެދުނު މަންޒަރު ފެނުނުކަމަށް ނާސާއިން ދަޢުވާކުރެއެވެ.
ނާސާއިން ހާމަކުރާ ގޮތުގައި އެމީހުން ހަނދަށް ބޮންއެޅުމުގެ ސަބަބުން އުފެދިފައިވާކަމަށްބުނާ ވަޅުގަނޑުން ފެނުގެ އަސަރެއް ފެނޭތޯ އެއިދާރާގެ ސައިންސްވެރިން މިހާރު ދަނީ ލިބިފައިވާ ފޮޓޯތައް ދިރާސާކުރަމުންނެވެ.
ނާސާއިން ހަނދަށް ފޮނުވާލި ރޮކެޓް ހަނދުގެ އުތުރުތަނޑިއާދިމާއަށް ދަތުރުކުރަމުންދާ މަންޒަރު އެމެރިކާގެ އެތައް މިލިޔަންމީހުންނެއް ދިޔައީ އިންޓަރނެޓްމެދުވެރިކޮށް ވަގުތުން ބަލަމުންނެވެ. އޭރު ނާސާއިން އުއްމީދުކުރަމުން ދިޔައީ އެރޮކެޓް ހަނދަށް އެރުމުން 350 ޓަނުގެ ހިލަކުދިކުދިވެ, ކުދިހިލައާއި ހިރަފުހުގެ ވިލާގަނޑެއް ހެދިގެންދާނެކަމަށެވެ. އަދި ހަމަލޮލުން ހަނދުބަލާމީހުންނަށް ފުޓްބޯޅައެއްގެ ފިތެއްވަރަށް ފާހަގަކުރެވޭ ފަދަ ބޮޑުވަޅުގަނޑެއް އެކަމުގެ ސަބަބުން ހަނދުގައި އުފެދިގެންދާނެކަމަށްވެސް ނާސާއިން އުއްމީދުކުރިއެވެ.
ނާސާގެ ސައިންސްވެރިން އަދިވެސް އުއްމީދުކުރާ ގޮތުގައި ހަނދުގައިވާ ފުންވަޅުގަނޑުތަކުގައި ހުންނާނެކަމަށް އެމީހުން ގަބޫލުކުރާ ގަނޑުފެންތައް މިކަމުގެ ސަބަބުން ހޯދޭނެއެވެ. އެމީހުން ދެކޭގޮތުގައި ހަނދުގައިވާ ވަޅުގަނޑުތަކުގެ އެންމެ އަޑީގައި މައިނަސް 170 ސެންޓިގްރޭޑްގައި ހުންނައިރު އެތަނުގައި ގަނޑުފެން ހުންނާނެއެވެ.
ނާސާއިން ހަނދުގައި ގޮއްވާލާނެކަމަށް ބުނި ގޮވުން ދެކިލުމަށްޓަކައި ފަތިސްވުމުގެ ކުރިން ހޭލައިގެން ލޮސްއެންޖަލިސްގައި ހުންނަ އޮބްޒަވޭޓްރީއަށް ދިޔަމީހުންގެ މޫނުމަތިން ފެނުނީ ހައިރާންކަމާއި މާޔޫސްކަންކަމަށް ބައެއް ރިޕޯޓަރުން ބުނެއެވެ. އަދި މިހާދިސާއަކީ ލަދުގަންނަން ޖެހޭ ފަދަ ހާދިސާއެއްކަމަށް އެކަމުގައި އިސްކޮށް އުޅުއްވި ބައެއް ސައިންޓިސްޓުން ވަނީ ވިދާޅުވެފައެވެ.