އިރުމަތީޤުދުސަށް ވަނުން ފަލަސްޠީންމީހުންނަށް މަނާކޮށްފި

އޮކްޓޫބަރ 10 2009، 14:34 0 ޚިޔާލު

މާތްވެގެންވާ އަޤުޞާމިސްކިތް ހުންނަ އިރުމަތީ ޤުދުސަށް ވަނު ން ފަލަސްޠީންމީހުންނަށް އިސްރާއީލުން މަނާކޮށްފިއެވެ. އިސްރާއީލުން މިފިޔަވަޅު އަޅާފައި މިވަނީ ފަލަސްޠީންމީހުންގެ ތެރެއިން ޢުމުރުން 50 އަހަރަށް ވުރެ ހަނގުމީހުން އަޤުޞާމިސްކިތަށް ވަނުން މަނާކޮށްފައި އޮންނަތާ ހަފްތާއެއްވީފަހުންނެވެ. އިސްރާއީލުން ހިންގި މިކާފިއު ހުކުރުދުވަހު އުވާލިނަމަވެސް އަޤުޞާމިސްކިތަށް ވަންނަން ދިޔަ އެތައް ބަޔަކު އެމިސްކިތަށް ވަނަނުދީ އިސްރާއީލް ފުލުހުން ވަނީ ފޮނުވާލާފައެވެ.

އަޤުޞާމިސްކިތް ހުންނަ ސަރަހައްދަށް އެސަރަހައްދުގެ އަހުލުވެރިން ވަނަނުދިނުމަށްޓަކައި އިސްރާއީލުން އިތުރު ފުލުހުންނާއި ސިފައިން ފޮނުވާފައިވާއިރު އިއްޔެގެ ހުކުރުނަމާދު ފަލަސްޠީންމީހުން ކޮށްފައިވަނީ ޤަދީމީ ޝަހަރަށް ވަންނަން ހުންނަ ދޮރުތަކުގެ ކައިރީގައެވެ.

އަޤުޞާމިސްކިތަށް ވަނުމުން ފަލަސްޠީންމީހުން މަހުރޫމްކުރަމުންދާނަމަ ތިންވަނަ އިންތިފާދާއެއް ފަށާނެކަމުގެ އިންޒާރު ފަލަސްޠީންގެ އިސްފަރާތްތަކުން އިއްޔެވަނީ ދީފައެވެ. ފަލަސްޠީން ފަތަޙަޖަމާޢަތުގެ ލީޑަރު އަދި އެގައުމުގެ ރައީސް މަޙުމޫދު ޢައްބާސް ވަނީ އިސްރާއީލްގެ މިއަމަލާ ދެކޮޅަށް ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުމަށް ގޮވާލައްވާފައެވެ.

އިސްރާއީލުން ދަނީ އަޤުޞާމިސްކިތް ހުންނަ ސަރަހައްދުގައިވާ ފަލަސްޠީންމީހުންގެ ގެތައް އަތުލައި އެގެތަކުގައި ޔަހޫދީން އާބާދުކުރަމުންނެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv