

ޕާކިސްތާންސިފައިންގެ މައިމަރުކަޒަށް ހަމަލާދީފި
ހަތިޔާރުއަޅައިގެން ތިބި ހަތަރުމީހަކު މިއަދު ޕާކިސްތާންސިފައިންގެ މައިމަރުކަޒަށް ބަޑިން ހަމަލާދީފިއެވެ. ވެރިރަށް އިސްލާމްއާބާދުގެ ރަށްބޭރުގައިވާ ރާވަލްޕިންޑީގައި ހުންނަ އެމަރުކަޒަށް ހަމަލާދިން ހަތަރުމީހުންވެސް ޕާކިސްތާންސިފައިން ދިން ރައްދުހަމަލާގައި މަރުވެފައިވާކަމަށް އަލްޖަޒީރާ ބުނެއެވެ.
އަތުބޮމާއި ރައިފަލްހިފައިގެން ތިބި ހަތަރުމީހުން ސިފައިންގެ މައިމަރުކަޒަށް ހަމަލާދެމުން ދިޔައިރު ޕާކިސްތާން ސިފައިންގެ ވަރަށް އިސް އޮފިސަރުން އެމަރުކަޒުގައި ތިބިކަމަށް އަލްޖަޒީރާ ބުނެއެވެ. އަދި ހަމަލާދިން ހަތަރުމީހުންގެ ތެރޭގައި އަމިއްލައަށް މަރުވެގެން ހަމަލާދޭމީހުންވެސް ތިބިކަމަށާއި ހަތަރުމީހުންވެސް ތިބީ ސިފައިންގެ ޔުނިފޯމްގައިކަމަށްވެސް އަލްޖަޒީރާ ބުނެއެވެ,.
ޕާކިސްތާންފުލުހުންގެ އޮފިސަރެއްކަމަށްވާ މުޙައްމަދު ޖަމީލް ބުނިކަމަށް އަލްޖަޒީރާ ބުނާގޮތުގައި ދުއްވާއެއްޗެއްގައި އައި ހަތަރު ހަނގުރާމަވެރިން ސިފައިންގެ ހެޑްކުއާޓަރަށް ވަންނަން މަސައްކަތްކުރީ އިއްޔެ މެންދުރުވުމާ ގާތްވެފައިވަނިކޮށެވެ.
ޕާކިސްތާންސިފައިންގެ މައިމަރުކަޒަށް ހަމަލާދިނުމާ ގުޅިގެން ސިފައިންގެ ހެލިކޮޕްޓަރުތައްވެސް އެސަރަހައްދަށް ގެންގޮސްފައިވާކަމަށާއި އެސަރަހައްދުގެ ސަލާމަތީފިޔަވަޅުތައް އަދިވެސް އޮތީ ވަރަށް ވަރުގަދަކޮށްފައިކަމަށް ޕާކިސްތާންސިފައިންނާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.
ޕާކިސްތާންސިފަންގެ މައިމަރުކަޒަށް ހަމަލާދީފައި މިވަނީ އެގައުމުން އަލްޤައިދާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަކުރަމުންދާ ވަގުތެއްގައެވެ.