އޭއެފްސީ ކަޕް މުބާރާތް : ނަތީޖާ ބަދަލު ކުރުމަށް ވެލެންސިއާގެ ދެ ކުޅުންތެރިޔަކު ރިޝްވަތު ހިފި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ނަން ހުށަހަޅައިފި

އޮކްޓޫބަރ 8 2009، 17:26 0 ޚިޔާލު

އޭ އެފްސީކަޕް މުބާރާތުގައި ހޯމް ޔުނައިޓެޑް އާއި ބައްދަލު ކުރިމެޗްގެ ނަތީޖާ ބަދަލު ކުރުމަށް ވެލެންސިއާގެ ދެ ކުޅުންތެރިޔަކު ރިޝްވަތު ހިފި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ނަށް ހުށައަޅައިފި ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަ ކޮށްފިއެވެ.

21 އޭޕްރިލް 2009ވަނަ ދުވަހު ސިންގަޕޫރުގައި ކުޅެވުނު މިމެޗްގެ ނަތީޖާ ވަކި ގޮތަކަށް ކަނޑައެޅުމަށް ކުލަބު ވެލެންސިއާގެ ދެކުޅުންތެރިން ކަމަށްވާ ހަސަން ރަމީޒް އަދި ހަސަން ފައިރޫޒް ރިޝްވަތުގެ ގޮތުގައި ފައިސާ ހިފިކަމަށާއި އަދި ކުލަބުގެ ފަރާތުން އެކަން ތަހުގީގު ކުރި ކުރުމުން އެދެކުޅުންތެރިން އެއްބަސް ވެފައިވާ ކަމަށް ބަޔާން ކޮށް އެމައްސަލަ އެފްއޭއެމް އަށް އަންގާފައިވާ ކަމަށް އެފަރާތުން ބުނެއެވެ. މައްސަލައިގެ ބާވަތުން އެކަން އިތުރަށް ބަލާ ޤަވާއިދުން ފިޔަވަޅު އެޅުމުގެ މަޤްސަދުގައި މިމައްސަލަ އެ އެސޯސިއޭޝަނުގެ ޑސިޕްލިނަރީ ކޮމިޓީން ބަލާ އޭއެފްސީ ގެ ލަފައެއް ހޯދުމަށް އެއިދާރާ އަށް ފޮނުވިފައިވާ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއެވެ.

އެފްއޭއެމް އިން އިތުރަށް ހާމަ ކުރި ގޮތުގައި މިމައްސަލަ އޭއެފްސީ އަށާއި ފީފާ އަށް ހުށައެޅުމުން އެފަރާތުން އަންގަވާފައިވަނީ މައްސަލައިގެ ބާވަތުން ފުޓްބޯޅައިގެ ކަރަޕްށަނާއި ގުޅުން ހުރި މައްސަލަ އަކަށްވާތީ ކަމާބެހޭ އިދާރާ އަކުން އެމައްސަލަ ބެލުމަށް ފަހު އެފަރާތަށް އަންގަވާ ދެއްވުމަށް އެފަރާތުން އެދިލައްވާކަމަށެވެ.

ފުޓްބޯޅައިގެ މައިއިދާރާގެ މިއެންގުމުގެ މަތިން މިހާރު މިމައްސަލަ އިތުރަށް ބަލައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށައެޅާފައިވާ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ބައެއް ކުލަބު ތަކަށް މިފަދަ މައްސަލަ ތަކެއް ކުރިމަތިވެފައެވެ.އެގޮތުން 2006ވަނަ އަހަރު ނިއުރޭންޑިއޭޓަށް އަދި 2007ވަނަ އަހަރު ވިކްޓްރީއަށް ވެސް ސިންގަޕޫރުގައި މިމައްސަލަ ދިމާވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv