މިހަފްތާގައި ކުޅެވޭ ވޯލްޑްކަޕް ކޮލިފައިން މެޗްތައް

އޮކްޓޫބަރ 8 2009، 14:54 0 ޚިޔާލު

މިހަފްތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުގައި ބައިނަލް އަޤްވާމީ މެޗްތަކެއް ކުޅެވޭނެއެވެ.

ވާރލްޑްކަޕް ކޮލިފައިންގައި ކުޅެވޭ މީގެތެރެއިން ބައެއް މެޗްތައް ވެފައިވަނީ ހަމައެކަނި ޝަރަފައްޓަކައި ކުޅެލެވޭ މެޗްތަކަކަށެވެ. ބްރެޒިލް ފަދަ ބައެއް ޓީމުތައް ކޮލިފައިވެފައިވާއިރު ޕެރޫ ފަދަ ކޮލިފައިވުމުގެ އުއްމީދު މުޅިން ގެއްލިގެންފައިވާ ޓީމުތައްވެސް ހިމެނެއެވެ.

އެހެންނަމަވެސް އަނެއްބައި ޓީމުތަކަށް މިއީ ވަރަށް މުހިއްމު މެޗުތަކެކެވެ. ކޮލިފައިވުމަށްޓަކައެވެ. ނުވަތަ އެކަމުގެ ދޮރު ބަންދުވެގެން ދިޔަ ނުދިނުމަށްޓަކައެވެ.

އެފްރިކާ ބައްރުގައި ހޮނިހިރު ދުވަހު ޓޯގޯ އަތުން މޮޅުވެވިއްޖެނަމަ ކެމަރޫން ކޮލިފައިވާނެއެވެ. ނައިޖީރިއާގެ ކުރިމަތީގައި އޮތީ މަރުގެ މެޗެކެވެ. އަމިއްލަ ބާރު ގެއްލިފައިވާ ނައިޖީރިއާ އާދީއްތަ ދުވަހު މޮޒަންބީކް އަތުން ބަލިވެއްޖެނަމަ އެޓީމަށް ދޮރު އެއްކޮށް ބަންދުވެގެންދާނެއެވެ. އަދި އެއްވަރުވިޔަސް ތޫނިސް ކެންޔާ އަތުން މޮޅުވެއްޖެ ކަމަށްވާނަމަވެސް ނައިޖީރިއަށް ކޮލިފައިވުމުގެ ހުރިހާ މަގެއް ބަންދުވާނެއެވެ.

ޔޫރަޕްގައި ކުޅެވޭ މެޗުތަކުގެ ތެރޭން ރަޝިޔާއާއި ޖަރުމަނު ހޮނިހިރު ދުވަހު ކުރިމަތިލާއިރު މިދެޓީމަށްވެސް ޕްލޭއޯފް ކުޅުމަށް ފުރުޞަތު ލިބޭނެކަށްވަނީ ޔަޤީންވެފައެވެ. އެހެންކަމުން މިމެޗަކީ ގްރޫޕްގެ އެއްވަނަ ކަނޑައެޅިގެންދާނެ މެޗެވެ.

ދެޓީމުގެ ދެމެދުގައި ފުރަތަމަ ކުޅެވުނު މެޗު ޕޮޑޮލްސްކީ އާއި ބަލަކްގެ ލަނޑުން ކާމިޔާބުކުރީ ޖަރުމަނެވެ. ނަމަވެސް ވޭތުވެދިޔަ 11 އަހަރު ވާދަވެރި މެޗެއްގައި ރަށުގައި ކުޅެ ރަޝިޔާ ބަލިވެފައި ނުވުމާއެކު ދެވަނަ މެޗުގައި އެޓީމު ކުރި ހޯދަފާނެކަމަށް ބެލެވެއެވެ.

ހޮނިހިރު ދުވަހު ސްވިޑެންއާ ބައްދަލުކުރާ މެޗުން މޮޅުވެއްޖަނަމަ ޑެންކާމް ކޮލިފައިވާނެއެވެ. މިމެޗުވެގެންދާނީ ގްރޫޕްގެ އެއްވަނަ ކަނޑައަޅާ އަދި ކޮލިފައިވުމުން އޮޓަމެޓިކް ފުރުޞަތު ލިބޭނެ ޓީމެއްވެސް ކަށަވަރުވެގެންދާނެ މެޗަކަށެވެ. މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 18 ޕޮއިންޓް ހޯދާފައިވާ ޑެންމާކްވަނީ ދެވަނާގައިވާ ސްވިޑްންއަށް ވުރެ 3 ޕޮއިންޓް ކުރީގައެވެ.

އަޔަރލެންޑާ ކުރިމަތިލާ އިޓަލީއަށް ކޮލިފައިވުމަށްޓަކައި ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މިމެޗަށް ނުކުންނައިރު އިޓަލީވަނީ ދެވަނާފައިވާ އަޔަލެންޑަށްވުރެ 3 ޕޮއިންޓް ކުރީގައެވެ. އަޔަރލެންޑްވެސް މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ. އެޓީމަށް 3 ވަނާގައިވާ ބަލްގޭރިއާއަށް ވުރެ 5 ޕޮއިންޓް އިތުރަށް ލިބިފައިވުމާއެކު އެންމެ ދަށްވެގެން ޕްލޭއޯފްގެ ފުރުޞަތު އަޔަރލެންޑަށް ލިބޭނެކަން ވަނީ ޔަޤީންވެފައެވެ.

އަޔަރަލެންޑާ ދެކޮޅަށް ނެރޭ ޓީމުގައިވެސް އިޓަލީ ކޯޗް މާސެލޯ ލިއްޕީ ބުރަވާނެ ކަމަށް ބެލެވެނީ ޔުވެންޓަސްގެ ކުޅުންތެރިންނަށެވެ.

މިދިޔަމަހު ބަލްގޭރިއާ އަތުން 2-0ން މޮޅުވި މެޗުގައި ވެސް އޭނާ ވަނީ ފުރަތަމަ 11ގައި ޔުވެންޓަސްގެ 7 ކުޅުންތެރިން ހިމަނާފައެވެ.

ހޮނިހިރު ދުވަހު ކުޅެވޭ ވާރލްޑްކަޕް ކޮލިފައިން މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއްމެޗަކީ ދެކުނު އެމެރިކާ ގްރޫޕްގައި އާޖެންޓީނާއާ ޕެރޫ ބައްދަލުކުރާ މެޗެވެ.

4 ޓީމު އޮޓޮމެޓިކުން ކޮލިފައިވާ މިގްރޫޕްގައި އާޖެންޓީނާ މިހާރުވެސް ވަނީ 5ވަނާގައެވެ. 5 ވަނަ ޓީމަށް ޕްލޭ އޯފްމެޗެއް ކުޅެން ފުރުޞަތު ލިބޭނެކަމަށް ވީނަމަވެސް ޕެރޫއާއި އުރުގުއޭ އަތުން މޮޅުނުވެވިއްޖެނަމަ އާޖެންޓީނާއަށް އެފުރުޞަތުވެސް ގެއްލިގެން ދާނެއެވެ.

ޕެރޫވަނީ ގްރޫޕްގެ އެންމެ ފުލުގައި ކޮލިފައިވުމުގެ ހުރިހާ ދޮރެއް ބަންދުވުވެފައެވެ. ނަމަވެސް އާޖެންޓީނާ ބަލިކުރުން އެއީ އެމީހުންގެ އުއްމީދެވެ.

މިމެޗާ ކުރިމަތިލާއިރު އާޖެންޓީނާގެ ކޯޗް މަރަޑޯނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިތަކަކަށް އަނިޔާވެފައިވުމެވެ. ކަނާތު ބެކް ޒަބަލޭޓާއަށް އަނިޔާވެފައިވާއިރު 138 މެޗު ކުޅެ ރެކޯޑު ހަދާފައިވާ ކުރީގެ ކެޕްޓަން ހާވިއާ ޒެނެޓީ ޓީމުގައި ހިމަނާފައެއް ނުވެއެވެ.

ކެޕްޓަން ހާވިއާ މަޝެރާނޯ އަށްވެސް އަނިޔާގެ ސަބަބުން ކުޅެވޭނެކަމާއެކު ޝައްކު އުފެދިފައިވާއިރު ސެބަސްޓިއަށް ވެރޮން ސަސްޕެންޑް ކުރެވިފައިވުމުން ޓީމުގެ މެދުތެރެއަށްވެސް ވަނީ މައްސަލަ ކުރިމަތިވެފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv