އަޒްހަރު ޔުނިވަރސިޓީގައި މޫނުބުރުގާއެޅުން މަނާކުރަނީ

އޮކްޓޫބަރ 8 2009، 13:43 5 ޚިޔާލު

އިސްލާމީދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީކަމަށްވާ މިޞްރުގެ އަލްއަޒްހަރު ޔުނިވަސިޓީގައި ކިޔަވާ އަންހެން ދަރިވަރުން މޫނުބުރުގާއެޅުން މަނާކުރުމަށް އެޔުނިވަސިޓީގެ އިސްވެރިން ނިންމަވައިފިއެވެ. 1000 އަހަރަށްވުރެ ގިނަދުވަސްވީ އެޔުނިވަސިޓީން ނިންމި މިނިންމުމާ މިޞްރުގެ ގިނަޢިލްމުވެރިންތަކެއް ދެކޮޅުހައްދަވަމުން ގެންދަވާކަމަށް އަލްޖަޒީރާ ބުނެއެވެ.

އަޒުހަރު ޔުނިވަސިޓީގެ ފަތުވާކައުންސިލްގެ ވެރިޔާގެ ގޮތުގައި ކުރިން ހުންނެވި ޢިލްމުވެރިއެއްކަމަށްވާ ޝައިޚު ޢަލީ އަބުލް ޙަސަން ވިދާޅުވާގޮތުގައި މޫނުބުރުގާއެޅުމަކީ އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ ކަމަކަށް ނުވިޔަސް އަންހެނުން އަޅަންބޭނުންވާ ހެދުމެއް އެޅުން މަނާކުރެވިގެންނުވާނެއެވެ.

”ނިގާބަކީ ރަނގަޅު އެއްޗެއްނޫންކަމަށް ކޮންމެމީހަކު ބުންޏަސް އަންހެނަކު އަޅަންބޭނުންވާ ހެދުމެއް އެޅުން އޭނާއަށް މަނާކުރުމަކީ ކުށެއް“ ޝައިޚު ޞަފްވަތު ޙިޖާޒީ ވިދާޅުވިކަމަށް އަލްޖަޒީރާބުނެއެވެ. އޭނާއަކީ މިޞްރުގައި ޚުތުބާވިދާޅުވާ ދީނީޢިލްމުވެރިއެކެވެ.

މިޞްރުގެ ޤަދަރުބޮޑު ޢިލްމުވެރިން މޫނުބުރުގާއެޅުން މަނާކުރުމާ ދެކޮޅުހައްދަވަމުން ގެންދަވާއިރު އެކަމާ އެއްކޮޅަށް ވާހަކަދައްކަނީ އަޒްހަރުޔުނިވަރސިޓީގެ އިސްވެރިންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާކަމަށް ދަޢުވާކުރާ ބައެއް ޖަމާޢަތްތަކުގައި އިސްކޮށް އުޅޭ ދީނީ ޢިލްމު އެއްވެސްވަރަކަށް ނެތް މީސްމީހުންނެވެ.

”ޙައްދުފަހަނައަޅާދިއުމާ ހަނގުރާމަކުރުމަށްޓަކައި މިޞްރު ސަރުކާރުން ފަރުމާކޮށްފައިވާ ފިޔަވަޅުގެ ތެރެއިން މޫނުބުރުގާއެޅުމާ ދެކޮޅު ފިޔަވަޅުތަކަކީ މުޙިއްމުކަމެއް.“ އިޖިޕްޝަން އިނިޝިއޭޓިވް ފޯރ ޕަރސަނަލް ރައިޓްސް ނަމަކަށްކިޔާ ޖަމާޢަތެއްގެ ފަރާތުން ވާހަކަދެއްކި ހުޝާމް ބަޣަތުކިޔާމީހަކު ބުނިކަމަށް އަލްޖަޒީރާ ބުނެއެވެ. ބަޣަތު ބުނާގޮތުގައި އެކަމުގެ ބޭނުމަކީ އަންހެނުންނާއި މެދު ބޭއިންސާފުކުރުން ހުއްޓުވުމެވެ.

އަޒްހަރު ޔުނިވަސިޓީގައި ކިޔަވާ އަންހެން ދަރިވަރުންނަށް މޫނުބުރުގާއެޅުން މަނާކުރެއްވުމުގެ ރޭއްވެވުމެއް އެޔުނިވަރސިޓީގެ މުފްތީ ”ޝައިޚު“ މުޙައްމަދު ތަންތާވީ ގެންގުޅުއްވާކަން ހާމަވީ ޤާހިރާގެ ސްކޫލަކަށް އޭނާކުރެއްވި ޒިޔާރަތެއްގައި މޫނުބުރުގާއަޅައިގެން އިން ދަރިވަރެއްގެ މޫނުބުރުގާ ނެގުމަށް އޭނާ އަމުރުކުރެއްވުމާ ގުޅިގެންނެވެ. ތަންތާވީގެ އެޒިޔާރަތާބެހޭ ތަފްޞީލްތައް ޢާއްމުކުރީ މިޞްރުގެ މިނިވަން ނޫހެއްކަމަށްވާ އަލްމިޞްރީ އަލް ޔައުމްއިންނެވެ.

ސޭޚް ތަންތާވީގެ މިވިސްނުންފުޅާއި މެދު މިޞްރުގެ ވަރަށް މަޝްހޫރު ޢިލްމުވެރިންކަމަށްވާ އައްޝައިޚު ޢަބުދުއްޟާހިރު ޣަޒާލާބޭފުޅުން ތިއްބެވީ ވަރަށް ބޮޑަށް ހައިރާންވެފައިކަމަށް އަލްޖަޒީރާ ބުނެއެވެ. އެގޮތުން ހެދުމުގެ ބައެއް އެޅުން މިޞްރުގެ އެންމެ އިސް މުފްތީ މަނާކުރައްވަފާނެކަން ޤަބޫލުކުރައްވަންވެސް ޝައިޚު ޣަޒާލާ ދެކޮޅުހެއްދެވިކަމަށް އަލްޖަޒީރާ ބުނެއެވެ.

މޫނުބުރުގާއަޅައިގެންތިބޭ އަންހެން ޢިލްމުވެރިން މިޞްރުގެ މިސްކިތްތަކުގައި އަންހެނުންނަށް ދީނީނަސޭޙަތްދިނުން މިސްރުސަރުކާރުން މަނާކުރުމުން އެމައްސަލަ މިޞްރުގައި ވަރަށް ހޫނުވިއެވެ.އަދި ނަރުހުން ބުރުގާއެޅުން މަނާކުރުމަށް މިސްރުސަރުކާރުން ނެރުނު އަމުރުވެސް ތަންފީޒުކުރެވިފައެއް ނުވެއެވެ.

މިސްރުގެ ވެރިރަށް ޤާހިރާގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގައި ދިރާސާކުރާމީހެއްގެ ގޮތުގައި މަސައްކަތްކުރި އަންހެނަކު މޫނުބުރުގައަޅައިގެން ހުންނާތީ އޭނާ އެޔުނިވަރސިޓީގެ ލައިބްރަރީ ބޭނުންކުރުން އެއްފަހަރު މަނާކުރިއެވެ. އެކަމާ ގުޅިގެން އޭނާ ކޯޓަށްގޮސް އެމައްސަލަކާމިޔާބުކުރިއިރު މިސްރުގެ ސްޕްރީމްކޯޓުން ނިންމާފައިވަނީ މޫނުބުރުގާއެޅުން މަނާކުރުމަކީ އެޤައުމުގެ ގާނޫނުއަސާސީއާ ޚިލާފުކަމެއްކަމުގައެވެ.

ފުރިހަމަ އިސްލާމީހެދުމަކާއި އެކު މޫނުބުރުގާއަޅައިގެން ތިބޭ އަންހެންދަރިވަރުން އަޒްހަރު ޔުނިވަރސިޓީއަށް ވަނުން މަނާކުރުމާ ދެކޮޅަށް އެޔުނިވަރސިޓީގެ ގިނައަންހެންދަރިވަރުންތަކެއް ވަނީ ފާއިތުވި ހޮނިހިރުދުވަހު މުޒާހަރާކޮށްފައެވެ. އަދި ހަމަ އެފަދަ މުޒާހަރާއެއް ޔުނިވަސިޓީ އޮފް ކައިރޯގެ ދަރިވަރުންވެސް ހަމައެދުވަހު ކޮށްފައިވެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މޫނުބުރުގާ އެޅުން މަނާކުރަން އުޅެނީ ޠަންޠާވީ އަށް ކުޑަ އަންހެންކުއްޖެއްގެ މޫނު ނުފެނިގެން އެކަމާ ރުޅިއައިސްގެން. އެއަންހެން ކުއްޖާއާ ދިމާލަށް ކަލޭގެ ބައްޕަޔަށްވުރެވެސް އަދި ކަލެއަަށްވުރެވެސް ބޮޑަށް އަހަންނަށް ދީން އިގޭނެ ނޫންހޭ، ވީމާ ތިބުރުގާ ނަގާށޭ، ނަމަވެސް އެކުއްޖާ ނުނެގި. އެހިސާބުން މިކަންތަށް ފެށުނީ. އެކަލޭގެ އެއުޅެނީ ދުނިޔޭގަ އުޅެލަން އޮތް ދުވަސްކޮޅު ގިނަކަމުން މަދުކޮށް އަަހަށް ކަށްވަޅަށް ދާނެގޮތެއް ނޭނގިގެން. ތަންތާވީ ނެރޭ ފަތުވާ އަކީ ޚުދު އަޒްހަރުގެ ވެސް ބޮޑެތި ގިނަ ޢިލްމުވެރިން ދެކޮޅުހަދާ ސިޔާސީމަގްސަދު އޭގަ އެކުލެވޭ ފަތުވާތަކެއް. ރޯއޮރިޔާމާ އުޅެން ފުރުސަތު އޮންނަގޮތަކަށް މޫނުއަޅަންވެސް ފުރުސަތު އޮންނަންވާނެ. މާވަރަކަށް މިލިޔުން މިޖަހަނީ ރާއްޖޭގަ މޫނު މަނާކުރެވޭތޯ ހެން ހީވަނީ. އެފަދަ ކަމެއް ނުހިނގަާތި ތިމާމެންގެ ސަލާމަތް ބޭނުންވާނަމަ. =ގާހިރާގެ ހިރަފުސް ޝޭޚް=

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 15:47
  2. އިސްލާމްދީނުގައި މޫނު ބުރުގާ އެޅުމެއް ނޯވޭ. އަންހެނުންގެ މޫނާއި އަތާއި ފިޔަވައި އެހެން ހުރިހާތަނަކީ އައުރަކަމަށް ގިނަ ޢިލްމުވެރިން ބުރަވެފައިވަނީ. ދެން މިއީ ކޮންތާކުން ދަސްކޮށްގެން އުޅޭ ކަމެއްބާ.. ކޮންމެ ކަމެއްގައިވެސް ހައްދުފަހަނައަޅައި ދިއުން އެއީ މިހާރު މިޒަމާނުގައި އެންމެ ފެޝަންގޮތް..މިކަން ގަބޫލުނުކުރާނެ އެއްވެސް މީހަކު ޕޮސިޓިވްކޮށް ވިސްނަންޏާމުން ނުހުންނާނެ.

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 16:10
  3. ޔާ ﷲ މިބަމީހުން ގެ ސުންޕާ އަމަލުތަކުގެ ސަބަބުން އާންމު ވެގެންވާ ކޯފާ އެއް ނުލައްވާށި!

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 16:18
  4. ތިޔަކަމާ ދިވެހިން މުޒާހަރާކުރަންޖެހޭނެކަމަށް ފެނޭ! އަޒްހަރު ޔުނިވަރސިޓީގެ މުފުތީއަށްވުރެ މާމޮޅަށް ތިކަން ވާންޖެހޭނެގޮތް އެނގޭނެމީހުން މިހާރު ރާއްޖޭގަ ހައްތާވެސްތިބީ

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 16:51
  5. އަންހެނުން މޫނުބުރުގާ އެޅުމަކީ ވަރަށްވެސްމުހިއްމުކަމެއްކަމުގައި ދައްނަވާލަންޖެހޭ ، އެހެނަސް މީގެވާގޮތަކީ އަސްލުމަގުސަދު އޮޅޭގޮތަށް މޫނުނިވާކޮށްގެން ބައެއްފަހރު ވަރަށްބޮޑެތި ޓެރެރިސްޓު ހަމާލަތަށް ހިންގަމުންގެންދާތި ދުނިޔޭގެ ހުރިހާގައުމެއްގައިވެސް މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި މޫނުބުރުގައެޅުންހުއްޓުވުމަށް ބާރުއަޅަނީ ، އަޅުގަޑު ތަންކޮޅެއްކުރިން އަޑުއެހިން މިރާއްޖޭގެކޮންމެސްރަށެއްގައިވެސް ހަމަމިގޮތަށް މޫނުނިވާކޮށްގެން ބައެއްފިރިހެނުން ރޭގަޑުދަންވަރު މީހުންނިދާފަތިއްބާ ގޭގެއަށްވަދެ ވަރަށްބޮޑެތި ވައްކަންކޮށްހެދުމާއި ބައެއްމީހުންގެ އަބީން ނިދާފަތިއްބާ ބޭނުންކުރާވާހަކަ ، އަދި މިބާވަތުގެ ކިތަންމެކަމެއްކުރުމުގެ ފުރުސަތުހުޅުވިގެންދާކަމަކަށްވާތި އަޅުގަޑުވެސް އެދެނީ މިކަމާއިމެދު މިހާރުގެ ސަރުކާރުގެ ދީނީކަންކަން ބެލެހެއްޓުމާއި ހަވާލުވެފައިވާ މިނިސްޓްރީން މިކަމަށް ޚާއްސައަހުމިއްޔަތުކަމެއްދެއްވައިގެން ގޮތެއްނިންމާފައި މީޑިއާމެދުވެރިކޮށް ހާމަކޮށްދެއްވުން ، އަޅުގަޑަށް ވިސްނޭގޮތުގައި އިސްލާމީދުނިޔޭގައި އެއްމެބޮޑު އިސްލާމީތައުލީމު އެއްމެމައްޗަށް ކިޔަވައިދެއްވާ މަދުރަސާއިން ބުރުގާއެޅުމާއިމެދު ބުރުގާނޭޅުމަށް ނިންމީވެސްވަރަށްގިނަ ދައްނަބޭކަލުންގެ ޚިޔާލައި މަޝްވަރާކޮށްގެންކަމަށް ގަބޫލުކުރެވޭ ، އެހެންކަމުން މިކަމަށް އަވަސްހައްލެއް އިސްލާމިކުމިނިސްޓްރީން ހޯއްދަވާދެއްވާނޭކަމުގެ އުއްމީދުކުރަން ، އެހެންނޫނީ ވަރަށްއަވަހަށް އަނެއްކާ މިގައުމުގާ މިހިގާސިޔާސީއޮއިވަރުން އެހެންމާނަދޭހަވާގޮތަށް މިކަމުގައިވެސް ނާޖާއިޒުފައިދާ ނަގަން ފަށާފާނެކަމަށް ވަރަށްބޮޑަށް ގަބޫލުކުރެވޭ ، ޚާއްސަކޮށް މިކިޔާ ދީނީގޮތުން ހައްދުފަހނަޅާފައިވާ ، އަދި އަޅުަގޑުމެންގެ މިހޭދަކުރަމުން އައްނަސަގާފަތާއިމެދު ހިތްހަމަނުޖެހިތިބޭމީހުން ވަރަށް ހަރުކަށިކޮށް މިކަމާއިނިކުތުމަކީ ވަރަށްކާރިމަކަމެއް ، ސަބަބަކީ މިހާރުވެސް މިދިމާވެގެން އުޅޭމައްސަލައަކީ ރައީސުލްޖުމުހޫރިއްޔާ މުހައްނަދު ނަޝީދު އެއްމެފަހުން އދއަށްކުރެއްވި ދަތުރުފުޅުގައި އިޒުރޭލޭއާއިއެކު ބައްދަލުވުންތަކެއްބޭއްވީތި އކަމާއި ހިތްހަމނުޖެހިގެން ތަފާތުއެތަށް ގޮތަކަށް އެތަށްވާހަކަތަކެއް ހަދަހަދއިގެންދައްކާ މުޒާހަރާކޮށްހެދީ ، އަޅުގަޑުމެން އިސްލާމުދީންބާރުއަޅަނީ ކޮންމެކަމެއްގައިވެސް އެއްބަޔަކު އަނެއްބަޔަކާއި ވާހަކަދައްކާ މަޝްވަރާކުރުމަކީ އެއްމެރަގަޅު އެއްމެމާތްސިފަކަމުގައި ، ވީހިދު މިކަމަށް މިވެރިކަން ބަދަލުކޮށްލަން އެއްމެފަސޭހައީ ދީންކަމަށް ނުހެއްދުމަކީ ވަރަށްބޮޑަށް އެދެވިގެންވާކަމެއް ، މިގައުމުގެ ހާލަތު ރަގަޅުކޮށް ހެޔޮގޮތުގައި ބޭއްވުމަކީ އަޅުގަޑުމެން ހުރިހާދިވެހިރައްޔިތުންގެ ޒިއްމާއެއްކަމުގައި ބެލުމަކި ވަރަށް ބޭނުންތެރި އެހާމުހިއްމުކަމެއްކަމުގައި ހަމަގައިމުވެސް އަޅުގަޑުދެކެން ، ހަމަ މިއާއއިއެކު އަޅުގަޑު ގަބޫލުކުރާހިތްވަނީ އަޅުގަޑަކީއެއްފަދައިން ތިލޮބުވެތިރައްޔިތުންވެސް މިގައުމު ހަލާކުގެތެރެއަށް ވެއްޓިގެންދިއުމަކަށް ނޭދޭނެހެން ، އަދި އެކަހަލަ ރޭވުންރާވާހިންގާ ފަރާތްތަކަށް އެއްބާރުލުންނުދެއް އެބައިމީހުން މިގައުމުން ނެތިކޮށްލަންމަސައްކަތްކުރާބަޔަކަށްވާނޭކަމުގެ ފުރިހަމަޔަގީންކަން އަޅުގަޑަށް އެބައޮތް ،މިދިވެހި ގައުމު އަބަދުގެ އަބަދަށް މިކަހަލަ ނުބައި ވިސްނުން ގެންގުޅެމީހުންގެ ކިބައިން ސަލާމްތްކުރައްވާށި . އާމީން . ވައްސަލާމުއަލައިކުމް . = އޭސް =

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 17:00
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv