އަފްޣާން ހަނގުރާމަ ކުޑަހަނގުރާމައަކަށް ބަދަލެއް ނުކުރާނަން- އެމެރިކާ

އޮކްޓޫބަރ 8 2009، 13:39 0 ޚިޔާލު

އަފްޣާނިސްތާންގައި އެމެރިކާއިން ކުރަމުން ގެންދާ ހަނގުރާމަ ކުޑަހަނގުރާމައަކަށް ބަދަލުކުރުމަށް ޤަސްދުނުކުރާކަން އެމެރިކާއިން އިއްޔެ ހާމަކޮށްފިއެވެ. ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައި އެމެރިކާއިން އަފްޣާނިސްތާންގައި ކުރަމުން ގެންދާ ހަނގުރާމަ ކުޑަހަނގުރާމައަކަށް ބަދަލުނުކުރާނެކަން ހާމަކުރެއްވީ އެގައުމުގެ ރައީސް ބަރަކް ޙުސައިން އޮބާމާއެވެ. ނަމަވެސް އަފްޣާނިސްތާނަށް އެމެރިކާގެ އިތުރުސިފައިން ފޮނުވާނެކަން ނުވަތަ ނޫންކަން އޮބާމާ އަދި ހާމަކުރައްވާފައި ނުވާކަމަށް އަލްޖަޒީރާ ބުނެއެވެ.

އަފްޣާނިސްތާނާއި ޕާކިސްތާންގައި އެމެރިކާއިން ކުރަމުން ގެންދާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްޓަކައި އޮބާމާ ވަނީ އިއްޔެ އެމެރިކާގެ މައިދެޕާޓީކަމަށްވާ ރިޕަބްލިކަންޕާޓީއާއި ޑިމޮކްރަޓިކްޕާޓީގެ އިސްފަރާތްތަކާއެކު ވައިޓްހައުސްގައި ބައްދަލުވުމެއް ބާއްވަވާފައެވެ. އެއީ އެދެގައުމުގައި އެމެރިކާއިން ކުރަމުންދާ ހަނގުރާމަ މުރާޖަޢާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ބައެއްގެ ގޮތުން ބޭއްވި ބައްދަލުވުމެއްކަމަށް އަލްޖަޒީރާ ބުނެއެވެ.

އިއްޔެ އޮބާމާއާ ބައްދަލުކުރެއްވި ހުރިހާ ޕާލަމެންޓްމެމްބަރުންވެސް ފާހަގަކުރައްވާފައިވާ ގޮތުގައި އޮބާމާއަކީ މީހުން ދައްކާވާހަކަ ކަނުލާ އަޑުއައްސަވާ ބޭފުޅެކެވެ. ނަމަވެސް އެބޭފުޅުންގެ 90 މިނެޓްގެ ސިއްރު ބައްދަލުވުމުން ނުކުމެވަޑައިގަތީ އެއްވެސް ނަތީޖާއެއް ލިބިވަޑައިނުގެންކަންވެސް ރިޕަބްލިކަންޕާޓީގެ އިސްފަރާތްތަކުގެ އިތުރުން އޮބާމާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކްޕާޓީގެ އިސްފަރާތްތަކުންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އިއްޔެގެ ބައްދަލުވުމުގައި އަފްޣާނިސްތާންގައި ހުންނަ އެމެރިކާގެ އިސްކޮމާންޑަރު އެދޭގޮތުގެ މަތިން އެގައުމަށް އިތުރު ސިފައިން ފޮނުވުމަށް ރިޕަބްލިކަންޕާޓީގެ އިސްފަރާތްތަކުން އޮބާމާއަށް ބާރުއެޅުއްވި އިރު ޑިމޮކްރޭޓުން ބާރުއަޅުއްވާފައިވަނީ އޮބާމާ އެކަމަށް އަވަސްވެވަޑައިނުގަތުމަށެވެ. ނަމަވެސް އަފްޣާނިސްތާންގައި ހުންނަ ކޮމާންޑަރު ޖެނެރަލް ސްޓެންލީ މެކްކްރިސްޓަލް އެދިފައިވާ ފަދައިން އިތުރު 40,000 ސިފައިން އެގައުމަށް ފޮނުއްވުމަކަށްވެސް އަދި ޑިމޮކްރޭޓުން އެދޭފަދައިން ހަނގުރާމަކުޑަކުރެއްވުމަކަށްވެސް އޮބާމާ އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.

ނަންހާމަނުކުރާ އެމެރިކާގެ އޮފިޝަލަކު ވިދާޅުވިކަމަށް އަލްޖަޒީރާ ބުނާގޮތުގައި އަފްޣާނިސްތާނުން ގިނަސިފައިންތަކެއް ބޭލުމުގެ ޚިޔާލާ އޮބާމާ ދެކޮޅުހެއްދެވި ފަދައިން އެގައުމަށް އެތައްސަތޭކަހާސް ސިފައިންނެއް ފޮނުވުމާވެސް އޭނާ ވަނީ ދެކޮޅުހައްދަވާފައެވެ.

އަފްޣާނިސްތާންގައި ހުންނަ އެމެރިކާއާއި ނޭޓޯސިފައިންގެ އެންމެ މަތީކޮމާންޑަރ މެކްކްރިސްޓަލް މީގެ ކުޑަދުވަސްކޮޅެއްކުރިން ހާމަކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނަށް އިތުރުސިފައިން ނުފޮނުވައިފި ނަމަ އެގައުމުގައި އެމެރިކާސިފައިން ބަލިވުމުގެ ބިރު އެބައޮތެވެ. މެކްކްރިސްޓަލް ބޭނުންވަނީ އެމެރިކާގެ 30,000 ނުވަތަ 40,000 ސިފައިން ފޮނުވުމަށެވެ.

އަފްޣާން ހަނގުރާމައާ ބެހޭގޮތުން އޮބާމާ އެމެރިކާގެ ސިޔާސީއިސްފަރާތްތަކާ އެކު މަޝްވަރާކުރައްވާފައި މިވަނީ އެހަނގުރާމައަށް އަށްއަހަރުފުރުމާ ދިމާކޮށެވެ. އަފްޣާނިސްތާނަށް އެމެރިކާއިން ވެރިވެގަތީ އެމެރިކާގެ ނިއުޔޯކްގައި ހުރި ވޯލްޑްޓްރޭޑްސެންޓަރަށް 2001ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 11ވަނަ ދުވަހު ބަޔަކުދިން ހަމަލާއަކާ އެގައުމާ ގުޅުވައިގެންނެވެ. ނަމެވެސް އެކަމުގެ ހެކި އެމެރިކާއަށް މިހާތަނަށްވެސް ދެއްކިފައިނުވާކަން ފާހަގަކުރެވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv