ގުޅުން ބަދަހިކުރެއްވުމަށްޓަކައި ސަޢުދީރަސްގެފާން ސޫރިޔާއަށް ވަޑައިގެންފި

އޮކްޓޫބަރ 8 2009، 13:31 0 ޚިޔާލު

ސަޢުދީޢަރަބިއްޔާއާއި ސޫރިޔާއާ ދމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އެކު މަޝްވަރާކުރެއްވުމަށްޓަކައި ސަޢުދީޢަރަބިއްޔާގެ ރަސްގެފާން ޢަބުދުﷲ ބިން ޢަބުދުލް ޢަޒީޒު މިއަދު ސޫރިޔާއަށް ވަޑައިގެންފިއެވެ. މިއީ މިދެގައުމުގެ ދެމެދުގައި އެތައް އަހަރެއް ވަންދެން އޮތް ޚިޔާލުތަފާތުވުން ނިމުމަކަށް ގެންނެވުމުގެ މަޤުޞަދުގައި ޢަބުދުﷲ ކުރައްވާ ދަތުރުފުޅެއްކަމަށް ސަޢުދީސަރުކާރުގެ އިސްފަރާތްތަކާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.

މީގެ ދެއަހަރުކުރިން ސަޢުދީރަސްކަން ލިބިވަޑައިގެންނެވި ޢަބުދުﷲ ސޫރިއާއަށް ކުރެއްވި މިފުރަތަމަ ދަތުރުފުޅުގައި އެގައުމަށް ވަޑައިގެން އިރު ސޫރިޔާއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެއީ އެމެރިކާގެ ރައީސްކަމަށް ބަރަކް އޮބަމާ ވަޑައިގަތުމާ ގުޅިގެންނެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ވައިގެ ބަނދަރުން ޢަބުދުﷲރަސްގެފާނަށް މަރުހަބާވިދާޅުވީ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުކަމަށާއި އެއަށް ފަހު ސޫރިޔާގެ ރިޔާސީ ގަނޑުވަރަށް ޢަބުދުﷲ ވަޑައިގަތީ ރައީސް ބައްޝާރުލްއަސަދުގެ އަރިހުގައިކަމަށް އަލްޖަޒީރާ ބުނެއެވެ.

ޢަބުދުﷲއާއި އަސަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާނެކަމަށް ބެލެވޭ ކަންތައްތަކުގެ ތެރޭގައި އީރާންގެ ނިއުކްލިއަރމައްސަލައާއި ފަލަސްޠީން މައްސަލައިގެ އިތުރުން ލުބުނާނުގެ މައްސަލަ ހިމެނެއެވެ.

ސަޢުދީޢަރަބިއްޔާއާއި ސޫރިޔާއާ ދެމެދު އެންމެބޮޑަށް ޚިޔާލުތަފާތުވާ މައްސަލައަކީ އީރާނާއި ސޫރިޔާއާ ދެމެދު އޮންނަ ގާތްގުޅުމާ މެދު ސަޢުދީޢަރަބިއްޔާއިން ހިތްހަމަނުޖެހުމެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv