އެމެރިކާގެ އެހީބަލައިގަތުމާމެދު ޕާކިސްތާންގެ ޕާލަމެންޓްގައި ބަހުޘްކޮށްފި

އޮކްޓޫބަރ 8 2009، 12:33 0 ޚިޔާލު

ޕާކިސްތާންގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް އެގައުމުގެ ރައްޔިތުން ގަބޫލުކުރާ ޝަރުތުތަކަކާއި އެކު އެމެރިކާއިން އެގައުމަށް ދިނުމަށް ނިންމާފައިވާ އެހީ ބަލައިގަތުމާއި މެދު ޕާކިސްތާންގެ ޕާލަމެންޓްގައި އިއްޔެ ބަޙުޘްކޮށްފިއެވެ.

ކުރިއަށް އޮތް ފަސްއަހަރުދުވަހުގެ ތެރޭގައި އެމެރިކާއިން ޕާކިސްތާނަށްދޭ ފައިސާގެ ”އެހީ“ ދެގުނައަށް އިތުރުކުރުމަށް ފާސްކޮށް އެކަން ތަސްދީޤު ކުރުމަށް އެމެރިކާގެ ރައީސަށް އެގައުމުގެ ޕާލަމެންޓުން ފޮނުވާފައިވަނީ ފާއިތުވިހަފްތާގައެވެ.

އެމެރިކާގެ އިސްފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނާއެކު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި އެޅި މިފިޔަވަޅުގެ އަމާޒަކީ ހައެކަނި ޢަސްކަރީ ކަންތައްތަކެއްނޫނެވެ.

އެމެރިކާގެ އެހީބަލައިގަތުމާ ބެހޭގޮތުން އިއްޔެކުރި ބަޙުޘްގައި ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން ކޮށްފައިވާ ބައެއް ޝަރުތުތަކަކީ ޕާކިސްތާންގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންލިބިދާނެ ޝަރުތުތަކެވެ. އަދި އެޝަރުތުތައް ގަބޫލުނުކުރުމަށްވެސް އެމެމްބަރުން ވަނީ ގޮވާލާފައެވެ.

ޕާކިސްތާނަށް ބިލިޔަންޑޮލަރުގެ އެހީދިނުމަށް އެމެރިކާއިން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން ކުރަމުން ގެންދާ ”ޓެރަރިޒަމާ“ ދެކޮޅު ހަނގުރާމައަށް ޕާކިސްތާނުން ދާއިމީގޮތެއްގައި އެހީތެރިވުމާއި ޕާކިސްތާންގެ ޕާކިސްތާންގެ ދީނީ ޖަމާއަތެއްކަމަށްވާ ޖަމާޢަތުއް ދަޢުވާގެ އޮފީސް ބަންދުކުރުން ހިމެނެއެވެ. އަދި އިސްލާމްއާބާދުގައި ހުންނަ އެމެރިކާގެ އެމްބަސީ ބޮޑުކުރުން ވެސް ހިމެނޭއިރު ޕާކިސްތާންގެ ގިނަބަޔަކު ތުހުމަތުކުރާ ގޮތުގައި އެކަމުގެ ބޭނުމަކީ އެމެރިކާގެ ކުލީސިފައިންގެ ހަރަކާތްތައް އެމްބަސީގައި ހިންގުމެވެ.

ޕާކިސްތާންގެ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުންވެސް އެމެރިކާއާއި އެކު ބާއްވަމުން އަންނަ އަސްކަރީގުޅުމަކީ އެގައުމުގެ ގިނަބަޔަކު ދެކޮޅުހަދާ ގުޅުމެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv