އާޖެންޓީނާގެ ކޯޗުކަމުން މަރަޑޯނާ ވަކިވެދާނެކަމުގެ އިންޒާރުދީފި

އޮކްޓޫބަރ 7 2009، 16:13 0 ޚިޔާލު

އާޖެންޓީނާގެ ކޯޗް ޑިއޭގޯ މަރަޑޯނާ އެޓީމުގެ ކޯޗްކަމާ ޙަވާލުވީއްސުރެ ހިތްހަމަނުޖެހޭ ގިނަ ކަންތައްތަކެއް ކުރިމަތިވެފައިވާ ކަމަށާ އެހެންކަމުން ވާރލްޑްކަޕް ކޮލިފައިން މެޗުތައް ނިމުމުން މަޤާމުގައި ދެމި ހުރުމާމެދު ގޮތެއް ނިންމާނެ ކަމުގައި ބުނެފިއެވެ.

ހިތްހަމަ ނުޖެހިފައިހުރި މަރަޑޯނާ ނިއުސް ކޮންފަރެންސެއްގައި ބުނީ އޭނާ ޓީމުގައި ދެމިހުންނާނީ އޭނާ ކަނޑައަޅާ ޝަރުޠު ތަކެއްގެ މަތިންކަމަށެވެ. މަރަޑޯނާ އެ ޝަރުޠުތައް ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ ބުނީ އެ ޝަރުޠުތައް ފުރިހަމަ ނުވާނެނަމަ ޓީމުގައި ދެމިނުހުންނާނެ ކަމުގައެވެ.

މަރަޑޯނާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނު އެއްކަމަކީ މެންޗެސްޓަރ ސިޓީ އަށް ކުޅުމަށް ފަހު ޕަބްލޯ ޒަބަލޭޓާ އާޖެންޓީނާ އަށް އައި އިރު އޭނާ އަށް އަނިޔާވެފައި ހުރުމެވެ. މިކަމުގައި މަރަޑޯނާ ކުށްވެރި ކޮށްފައިވަނީ ކާލޯސްބިލާޑޯއެވެ.

ބިލާޑޯ އަކީ ޓީމުގެ އެސިސްޓެންޓެއް ނަމަވެސް އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާ އަށްވަނީ ބާރުތަކެއް ދީފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިދެމީހުންގެ ގުޅުން ވަރަށް ގޯހެވެ. އެކަކު އަނެކަކަށް ވާހަކަވެސް ނުދައްކައެވެ.

އެންމެ ފަހުން މިދެމީހުން މައްސަލަ ޖެހުނީ ކުރިމަތީގައި އޮތް ޕެރޫއާއި އުރުގުއޭ އާއި ބައްދަލުކުރަންޖެހޭ މުހިއްމު ދެމެޗުގެ ކުރިން ކާލޯސް ތެވޭޒް އާއި ޒަބެލޭޓާ މެންޗެސްޓަރ ސިޓީއަށް ކުޅެން ނުފޮނުވުމަށް ބިލާޑޯއަށް އެންގުމުންނެވެ.

އެންމެ ފަހުން މިދެކުޅުންތެރިންވަނީ އެމެޗުގައި ކުޅެން ގޮސްފައެވެ. އަދި ޒަބަލޭޓާ އެނބުރި އައި އިރު އޭނާއަށް އަނިޔާވެފައި ވުމުގެ ސަބަބުން އޭނާއަށް ގައުމީ ޓީމު ކުޅެންޖެހޭ ދެމެޗުގައިވެސް ނުކުޅެވޭނެ ކަން ވަނީ ޔަޤީންވެފައެވެ.

މިދެމެޗާ ކުރިމަތިލާއިރު އަނިޔާގެ އިތުރުން ކާޑުގެ މައްސަލަ މަރަޑޯނާއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ނަމަވެސް އޭނާ ބުނެފައިވަނީ އިތުރު ކުޅުންތެރިއަކު ޓީމަށް ނުނަގާނެ ކަމަށެވެ.

މިހުރިހާ މައްސަލަތަކެއް މިހެން ހުރުމާއެކު އާޖެންޓީނާ ކޮލިފައިވިނަމަވެސް މަރަޑޯނާ ކޯޗުގެ މަޤާމުން އިސްތިއުފާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv