

ސެރީނާ އަނެއްކާވެސް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމަށް
ޗައިނާ އޯޕަންގެ ދެވަނަ ބުރުގައި ރަޝިޔާގެ ކުޅުންތެރިއެއް ކަމަށްވާ މަކަރޯވާ އަތުން މޮޅުވުމާއެކު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަޤާމު އަނެއްކާވެސް ސެރީނާ ވިލިއަމްސް އަށް ލިބިއްޖެއެވެ.
28 އަހަރުގެ ސެރީނާއަށް މިމަޤާމު މިލިބުނީ މިހާތަނަށް އެއްވަނަ މަޤާމުގައި ހުރި ޑިނާރާ ސަފީނާ މުބާރާތުން ކެޓުމާވެސް އެކުގައެވެ. 23 އަހަރުގެ ސަފީނާ ވަނީ ދެވަނަ ބުރުގައި ސީޑު ނުކުރެވޭ ޗައިނާ ކުޅުންތެރިއެއްގެ އަތުން ބަލިވެފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެލީނާ ޔަންކޮވިޗް އަކީވެސް މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިގެން ދިޔަ ކުޅުންތެރިއެކެވެ. އޭނާވެސް ބަލިވީ ޗައިނާގެ ކުޅުންތެރިއެއްކަމަށްވާ ޕެންގޝުއައި އަތުންނެވެ.
މީގެ ކުރިންވެސް ސެރީނާ ވަނީ އެއްވަނަ ކުޅުންތެރިޔާގެ މަޤާމުގައި 72 ހަފްތާ ހޭދަކޮށްފައެވެ. އޭގެ ތެރޭގައި މިއަހަރު ފެބްރުއަރީން އެޕްރީލްގެ ނިޔަލަށް ދިޔަ ދުވަސްތައްވެސް ހިމެނެއެވެ.