ސްޕޯޓްސް ކައުންސިލްގެ ގަވާއިދަށް ބަދަލު ގެނެސް އިންތިހާބު ކުރަންޖެހޭ ވައިސް ޗެއާމަން އައްޔަންކޮށްފި

މުހައްމަދު ޝަނޫން އޮކްޓޫބަރ 7 2009، 14:48 3 ޚިޔާލު

ސްޕޯޓްސް ކައުންސިލް އުފެދިގެން މަހެއްވެސް ނުވަނީސް ޤަވާއިދަށް ބަދަލު ގެނެސް ކުރިން އިންތިހާބު ކުރާ ގޮތަށް އޮތް ވައިސް ޗެއާމަންގެ މަޤާމަށް މިނިސްޓަރ ބޭފުޅަކު ހަމަޖައްސައިފި އެވެ.

ސްޕޯޓްސް ކައުންސިލްގެ ޗެއާމަން އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަބްދުއްރައްޒާގު އިބްރާހީމް ވިދާޅުވީ ކައުންސިލްގެ ވައިސް ޗެއާމަންގެ މަޤާމަށް ހަސަން އިސްމާއީލް މިނިސްޓަރ ހަމަޖައްސާފައިވަނީ ޤަވާއިދަށް ބަދަލު ގެނެސްގެން ކަމަށެވެ. ހަސަން އިސްމާއީލަކީ ކައުންސިލަށް މިނިސްޓަރ އައްޔަން ކުރައްވާފައިވާ 5 ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ރައްޒާގު ވިދާޅުވީ ސްޕޯޓްސް ކައުންސިލް އިންތިހާބުވެ ޖަލްސާތައް ފެށުމުގެ ކުރިން މިނިސްޓަރ ކައުންސިލާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޤަވާއިދަށް ބަދަލު ގެނެވޭނެ ކަމަށް ގިނަ މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ. ”ގިނަ މެމްބަރުން ވިދާޅުވެފައިވަނީ ކައުންސިލަކީ މިނިސްޓްރީގެ ޕޮލިސީ އާއި ކަންތައްތައް ހިންގަން އޮންނަ އެއްޗަކަށްވާތީ މިނިސްޓްރީން ގެންނަން ފެންނަ ބަދަލެއް ގެނައުމަކީ މައްސަލައެއް ނޫން ކަމަށް. އެގޮތުގެ މަތިން ޤަވާއިދަށް މިހާރުވެސް ބައެއް ބަދަލުތައް ގެނެސްފަ ހުންނާނެ. އަދި ކުރިއަށް އޮތްތަނުގައިވެސް ބަދަލު ގެނައުމަށްޓަކާ މިހާރު މަސައްކަތް ކުރަމުންދަނީ.“ ރައްޒާގު ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލާގައި ކައުންސިލްގެ ބައެއް މެމްބަރުންގެ ޚިޔާލު ވަނީ ތަފާތުވެފައެވެ.

ކައުންސިލްގައި ވޮލީބޯޅަ އެސޯސިއޭޝަން ތަމްސީލު ކުރައްވާ އިލްޔާސް ވަހީދު ވިދާޅުވީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި އެއީ ވަރަށް ޚުދުމުހުތާރު ކަމެއް ކަމަށެވެ. ”ޤަވާއިދަކީ އެސޯސިއޭޝަންތަކުގެ ޚިޔާލާވެސް އެކު ހަދާފައިވާ އެއްޗެއް. އެހެންވެ ބަދަލެއް ގެންނަންޏާވެސް ޖެހޭނީ އެސޯސިއޭޝަންތަކުގެ ލަފާގެ މަތިން އެކަން ކުރަން. އެނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ. އެހެންވެ އަޅުގަނޑު ޤަބޫލެއް ނުކުރަން ހަސަން އަކީ ވައިސް ޗެއާމަން ކަމަކަށް.“ އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މިނިސްޓްރީއަށް ޤަވާއިދު ފައިނަލު ކުރެވުނީވެސް އެހާ ގިނަ ދުވަހުން ކަމަށާއި މަހެއްވެސް ނުވަނީސް އަނެއްކާ އެއަށް ބޮޑު ބަދަލުތަކެއް ގެނައުމަކީ ޑިމޮކްރަސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށެވެ. ”އަޅުގަނޑުމެން އެތަނަށް މިދިޔައީ ވަކި ޤަވާއިދަކަށް އަމަލު ކުރުމަށްޓަކާ. އެކަމަކު އަޅުގަނޑުމެންގޮސް އަޅުގަނޑުމެންނަށް ފައިދާވާ ގޮތަށް ޤަވާއިދަށް ބަދަލު ގެންނަނަމަ އެސޯސިއޭޝަންތަކުން އެކަމާ ސުވާލު ކުރާނެ.“ އިލްޔާސް ވިދާޅުވިއެވެ.

ކައުންސިލްގައި އެތްލެޓިކްސް އެސޯސިއޭޝަން ތަމްސީލު ކުރައްވާ މުހައްމަދު ތޮލާލު ވިދާޅުވީ އެސޯސިއޭޝަންތަކުގެ ޚިޔާލު ލިބިގެން ހަދާފައިވާ ޤަވާއިދެއް ބަދަލުކުރާއިރުވެސް އެސޯސިއޭޝަންތަކުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. ”މިހާރު ގިނަ ބަޔަކަށް މި ހީވަނީ ކައުންސިލްގެ މެމްބަރުން ބޭނުންވެގެންނޭ މިކަން މި ކުރަނީ.“ ތޮލާލު ވިދާޅުވިއެވެ.

ކައުންސިލަށް އެޑިޔުކޭޝަން ދާއިރާއިން މިނިސްޓަރ އައްޔަން ކުރައްވާފައިވާ ޖަމީލާ އަލީ ވިދާޅުވީ އިދާރީ ކުދި ކުދި ބަދަލުތައް ޤަވާއިދަށް ގެނައުމަކީ ބޮޑު މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ބޮޑެތި ބަދަލު ތަކެއް ގެންނަ ނަމަ އެސޯސިއޭޝަންތަކުގެ މަޝްވަރާ ހޯދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ”އެގޮތަށް އެކަން އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ.“ ޖަމީލާ ވިދާޅުވިއެވެ.

ރައްޒާގު ވިދާޅުވީ ޤަވާއިދަކީ މިނިސްޓްރީން ހަދާފައިވާ އެއްޗެއް ކަމަށާއި އެސޯސިއޭޝަންތަކުން ދީފައިވާ ރަނގަޅު ޚިޔާލުތައް އެއަށް މިނިސްޓްރީން އިތުރު ކުރީ ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ސާބަސް، މުށުތެރޭގައި އޮތް އެއްޗެއް ދޫކޮށްލުމަކީ ވަރަށް އުދަގޫ ކަމެއް. އެއްވެސް ކަމެއް ނުކުރެވުނަސް ބާރުތައް ދޫކޮށްނުލާތި. ކުރިއަށްވުރެ ވެސް ކައުންސިލް މާ ހުދްމުހްތާރުކަން ބޮޑު ކަންނޭގެ. ރާއްޖެގެ ކުޅިވަރުގެ ފޭރާން ވީދި ވިހާލިވެގެން ދާއިރުވެސް މިނިސްޓަރު މި އުޅުއްވަނީ ކައުންސިލް ކޮންޓްރޯލް ކުރެވޭތޯ.އަލީ

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 02:11
  2. ރަގަޅަށް ކުޅިވަރުތަކަށް އެހީއެއް ނުދެވި އަޅާނުލެވި އޮންނައިރުވެސް، މިކަހަލަ ހުރިހާ މަޤާމްތަކުގެ ބޭނުން ކުރަންޖެހޭ. ދިވެހި ކުޅިވަރު މިހާބޮޑަށް ވެއްޓޫނު ދުވަހެއް އަދި ނާދެއެވެ. މިހާރުގެ މިނިސްޓަރު އުޅުއްވަނީ ހަމައެކަނި އެމްޕްލޯއިމަންޓްބައި ރަގަޅުކުރުމަށެވެ. ކުރިއަށް ސާފްގޭމްސް އަދި ސާފް ޗެމްޕިއަންޝިޕް އޮތްއިރުވެސް އަދިވެސް އެއްވެސްކަހަލަ ޢަމަލީ ކަމެއް ނުފެނެއެވެ. މިނިސްޓަރ ކުޅިވަރު ކުރިއަރުވާކަށް ނޫޅުއްވައެވެ.

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 09:15
  3. ކުޅިވަރުގެ މުހިންމުކަން އިގޭނީ ހަމަކުޅީވަރު ކުޅުންތެރިންނަށެވެ. ކުޅިވަރުގެ މިނިސްޓަރަކަށް މިފަދަ ބޭފުޅުން ތިއްބެވުން މުހިންމެވެ. ޤައުމުގެ މިފަދަ ކަންކަން ލޮބުވެތި ރައީސްއަށް ވިސްނާ ވަޑައިގެންނެވޭނެނަމް ވަރަށް ރަގަޅެވެ. ތިޔަބުނާ މަޤާމްވެސް ދެވިފައި ތިޔައޮތީ ހަމަ ގޭތެރެއިންނެވެ. ގޭތެރެއިން މަޤާމްދިނުމަކީ ހަމަ އެކަނި ފާއިތުވި 30 އަހަރުގެ ކަމެއްނޫންކަން މިފެންނަނީ އެވެ. އަދި ކުރިއަށްއޮތްތާގަވެސް ފެންނާނެއެވެ. ކޮއްކޮ

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 09:18
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv