ފުޓްބޯޅަ : ޖަމްބޭއަށްފަހު އަޑުބަރޭއަށް ދެއްކި ރަތްކާޑުވެސް ކެންސަލްކޮށްފި

މުހައްމަދު ޝަނޫން އޮކްޓޫބަރ 7 2009، 14:45 1 ޚިޔާލު

ޕްރެޒިޑެންޓްސްކަޕް ފުޓްބޯޅަ މުބާރާތުގައި މިމަހުގެ ތިންވަނަ ދުވަހު ވިކްޓަރީ އާއި ވީބީ ބައްދަލުކުރި މެޗުގައި ދެއްކި ބައެއް ކާޑުތަކުގެ މައްސަލަ އެ ދެކްލަބުން ހުށަހެޅުމުން ވިކްޓަރީގެ އައްސަދު އަލީ(އަޑުބަރޭ)އަށް ދައްކާފައިވާ ރަތްކާޑު ޑިސިޕްލިނަރީ ކޮމެޓީން ކެންސަލްކޮށްފި އެވެ.

އެފް އޭ އެމުން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޑިސިޕްލިނަރީ ކޮމެޓީން ވީޑިއޯ ބެލުމަށްފަހު އައްސަދު އަލީއަށް 59ވަނަ މިނެޓްގައި ރެފްރީ މުހައްމަދު އަނިލް ދައްކާފައިވާ ފުރަތަމަ ރީނދޫކާޑަކީ ރަނގަޅު ކާޑެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާއަށް ދެވަނަ ރީނދޫކާޑާއެކު ދައްކާފައިވާ ރަތްކާޑަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެރަތްކާޑު ކެންސަލް ކުރުމަށް ކޮމެޓީން ވަނީ ނިންމާފައެވެ. މިއީ ޑިސިޕްލިނަރީ ކޯޑުގެ 52ވަނަ މާއްދާގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އަޑުބަރޭއަށް ފުރަތަމަ ރީނދޫކާޑު ދެއްކީ ލައިންސްމަން އޮފްސައިޑް ނަގާފައިވަނިކޮށް ބޯޅަ ގޯލަށް ޖަހައިގެންނެވެ. ނަމަވެސް އަޑޭ ގޯލަށް ބޯޅަ ޖެހިއިރު ރެފްރީ އަދި ކަށިގަނޑު ނުފުންމައެވެ. ކޮމެޓީން އެ ކާޑު ބާތިލު ކުރީ އެހެންވެގެން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ވީބީގެ އަހްމަދު ނިޔާޒަށް ދެއްކި ރަތްކާޑާއި މުހައްމަދު ހުސައިން(އޮއިއްޓޭ)އަށް ދެއްކި ރީނދޫކާޑުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށްފަހު އެދެކާޑަކީވެސް ދައްކަން ޖެހޭ ކާޑުތަކެއް ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ.

އެމެޗުގައި ވީބީ ސްޕޯޓްސް ކްލަބަށް ބޭނުން ކުރަން ދެވުނު 1 ނަންބަރު ޗޭންޖިން ރޫމަށް ވަންނަ ދޮރުގެ ތިރިން ދޮރުފަތް ފަޅާލާފައި ހުރުމުގެ ސަބަބުން އެކަމުގެ ޒިންމާ ވީބީން ނަގަން ޖެހޭ ގޮތަށްވެސް ކޮމެޓީން ވަނީ ނިންމާފައެވެ.

ދޮރުފަތް ފަޅާލާފައިހުރުމުގެ އިތުރުން އެ ޗޭންޖިން ރޫމްގެ ދެ އިސްކުރު ދޫކޮށްލާފައި ހުރުމާއި ރެފްރީޒް ރޫމްގެ ދޮރުފަތަށް ގެއްލުން ދީފައިވާ ކަމަށްވެސް އެފް އޭ އެމުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ފުރަތަމަ ޑިވިޝަންގެ މެޗުތަކުގައި މިހާރަށްވުރެ ރަނގަޅަށް ކުޅުންތެރިން ހިމެނޭ ސަރަހައްދާއި ޗޭންޖިން ރޫމް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ރަނގަޅު ކުރުމަށްވެސް ނިންމާފައިވާ ކަމަށް އެފް އޭ އެމުގެ ބަޔާނުގައިވެއެވެ.

ވީބީ ސްޕޯޓްސްގެ މެނޭޖަރު އިބްރާހީމް ރަޝީދު(ސަތޯ) ބުނީ އެފް އޭ އެމުގެ ނިންމުމަށް ވީބީން ފުރިހަމައަށް އިހްތިރާމްކޮށް އެފަރާތުން ބޭނުންވާ ގޮތަށް އެކަން ހަމަޖައްސާދޭނެ ކަމަށެވެ. ”އެދުވަހު މެޗުގައި ހިތްހަމަ ނުޖެހުން ފާޅުކުރީ ވީބީން. އެހެންވެ ވީބީއަށް ގިނަ ބައެއްގެ ނަޒަރު އަމާޒުވާނީވެސް. އެތަނަށް ގެއްލުން ދިނީ ކޮންބައެއްކަމެއް ބުނާކަށް ނޭނގެ. ސަބަބަކީ އެ ޗޭންޖިން ރޫމް ކުރިމަތިން ލާފަ ވަރަށް ގިނަ ތަންތަނަށް ދެވެން ހުރޭ.“ ސަތޯ ބުނީ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ވީބީގެ ސަޕޯޓަރުންނަށާއި ކުޅުންތެރިންނަށް އިލްތިމާސް ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަންތައްތައް އިތުރަށް ބަލާނެ ކަމަށެވެ.

އެންމެ ފުރަތަމަ ކެންސަލް ކުރީ ވެލެންސިއާގެ މުހައްމަދު ޖަމީލަށް ދެއްކި ރަތްކާޑެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އުންމީދު ކުރަން މިފަހަރުވެސް ވީބީބ ބަލިކޮށް ވިކްޓުރީ ތަށި އުފުލާ ލާނެކަމަށް.

    ބުރާސްފަތި، އޮކްޓޫބަރ 8 2009، 08:18
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv