ޒޯން 9ގެ ރެލިގޭޝަން : އީގަލްސް ބަލިކޮށް ވިޔަންސާ ފުރަތަމަ ޑިވިޝަން ކަށަވަރުކޮށްފި

އޮކްޓޫބަރ 7 2009، 14:42 0 ޚިޔާލު

ދިވެހިލީގު ކޮލިފައިންގައި އިއްޔެ ކުޅެވުނު މެޗުގައި އީގަލްސް އަތުން ފަސޭހަކަމާއެކު މޮޅުވެ ވިޔަންސާ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގައެއް ހޯދައިފި އެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ވިޔަންސާ ރަނައަޕް އީގަލްސް އަތުން މޮޅުވީ 5-1 ލަނޑުންނެވެ. މިމެޗުގައި ވިޔަންސާއަށް ތިންލަނޑު ޖަހާދީ ހަސަން ސޮލާހު ވަނީ މި މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. އަނެއް ދެ ލަނޑު ވިޔަންސާއަށް ޖަހާދިނީ އަހްމަދު މުއާޒާއި އިބްރާހީމް ޒިނާހު އެވެ.

އީގަލްސްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އިރުހާނެވެ.

މިމޮޅުގެ ސަބަބުން ވިޔަންސާއަށް ތިންމެޗުން ވަނީ 6 ޕޮއިންޓް ލިބިފައެވެ. އީގަލްސްއަށް 3 މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން ތާވަލުގެ ފުލުގައި އޮތީ އެޓީމެވެ.

އީގަލްސްއަށް ކުރިއަށް އޮތީ ވެލެންސިއާ މެޗު އެކަންޏެވެ. އެމެޗުން މޮޅުވިއަސް ވިޔަންސާއަށްވުރެ މައްޗަށް އެރޭނެ ގޮތެއް ނެތެވެ. 5 ޓީމު ވާދަކުރަމުންދާ މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ 4 ޓީމު އަންނަ އަހަރުގެ ދިވެހިލީގަށް ހޮވޭނެ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ އައިލް އާއި ކަޅައިދޫ އެވެ. މިމެޗު އެއްވަރުވިއަސް ކަޅައިދޫއަށް ފުރަތަމަ ޑިވިޝަންގެ ޖާގައެއް ކަށަވަރުވާނެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv