
ގައުމީ ފުޓްބޯޅަ ޓީމަށް ތިންމަހުގެ މުސާރަ ދިނުމަށް ފިނޭންސަށް ފޮނުވަނީ
ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދީ ހުރި މަސްތަކުގެ ތެރެއިން 3 މަހުގެ މުސާރަ ދިނުމަށް މި ހަފްތާގައި ފިނޭންސަށް ފޮނުވާނެ ކަމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްއިން ބުނެފި އެވެ.
މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަބްދުއްރައްޒާގު އިބްރާހީމް ވިދާޅުވީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މިއަހަރު 4 މަހުގެ ފައިސާ ދީފައިވާ ކަމަށާއި އިތުރު 3 މަހުގެ ފައިސާ ހޯދަން އެފް އޭ އެމުން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ”އެހެންވެ ތިންމަހުގެ ފައިސާ ދިނުމަށް މާދަމާ ފިނޭންސަށް ފޮނުވާނަން.“ ރައްޒާގު ވިދާޅުވީ އެފް އޭ އެމަށް ފޮނުވާނީ ކޮންމެ މަހަކަށް 23 ކުޅުންތެރިންނާއި 8 އޮފިޝަލުންގެ މުސާރަ ކަމަށެވެ. އެއީ މަހަކަށް މީހަކަށް 5000 ރުފިޔާގެ މަގުންނެވެ. ”އަންނަ ހަފްތާގެ ތެރޭގައި ފިނޭންސުން އެފް އޭ އެމަށް އެ ފައިސާ ލިބެންވާނެ އުސޫލެއްގެ ގޮތުން.“ ރައްޒާގު ވިދާޅުވިއެވެ.
މިނިސްޓްރީން މިފަހަރު ހަމަޖައްސަނީ މެއި، ޖޫން އަދި ޖުލައިގެ ފައިސާ އެވެ.
އެފް އޭ އެމުން ބުނެފައިވަނީ ޤައުމީ ޓީމުގެ ހަރަކާތެއް ނޯންނަ ދުވަސްވަރެއްގައި ކުޅުންތެރިންނަށް މުސާރަ ދޭނެ އޮނިގަނޑެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފް އޭ އެމުގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް ދާދިފަހުން ވިދާޅުވީ އެކަމުގެ ފުރަތަމަ ޑްރާފްޓަށްފަހު ދެވަނަ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޓެކްނިކަލް ކޮމެޓީން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެފް އޭ އެމުގެ ޗެއާމަން އަލީ އާޒިމް ދާދިފަހުން ވިދާޅުވީ އޮނިގަނޑެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރެވެމުން ދިޔަ ނަމަވެސް ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބެން ޖެހޭ ފައިސާ މިނިސްޓްރީން އެފް އޭ އެމަށް ލިބެންވާނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.