ވޮލީބޯޅަ : މެއްކާއި ސީހައުސް ގައުމީގައި ވާދަ ނުކުރަން ނިންމައިފި

އޮކްޓޫބަރ 6 2009، 15:10 0 ޚިޔާލު

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނަށް ހޮވިފައިވާ މާއެނބޫދޫ ހެލްތު އެންޑް އެންވަޔަރަމަންޓް ކްލަބް(މެއްކު)އާއި މެކްސީ ބޫސްޓާރ ވޮލީ މުބާރާތުގައި ވަރުގަދަކޮށް ފެނުނު ސީހައުސް މިއަހަރުގެ ޤައުމީ މުބާރާތުގައި ވާދަނުކުރާނެ ކަމަށް ބުނެފި އެވެ.

މިދިޔައަހަރުގެ ޒޯންލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޤައުމީ މުބާރާތުގައި ވާދަކޮށް ޤައުމީ ފައިނަލުގައިވެސް ކުޅުނު މެއްކު ޓީމުން މިއަހަރު ނުކުންނަން މަސައްކަތްވެސް ކުރި އެވެ. ނަމަވެސް މިހާރު ޓީމު ނުނެރެން ނިންމާފައިވާ ކަމަށް މުއައްސިސް ސިނާން އަލީ ވިދާޅުވިއެވެ. ކްލަބްގެ ހިންގާ ކޮމެޓީއަށް ފެނުނީ މިދުވަސްވަރު ކްލަބްގެ މާލީ ހާލަތު ހުރި ގޮތުން ވާދަ ނުކުރަން. އިގްތިސާދީ ގޮތުން ދަށްވެފައިވާއިރު ކުޅުންތެރިންގެ މުސާރަތައް އުޅެނީ އެހާ މަތީގައި. އަދި އެސޯސިއޭޝަނުންވެސް ކުރިންދެމުން އަންނަ އެހީތެރިކަންވެސް ދެވޭނެކަމުގެ ޔަޤީންކަމެއްނެތް ކަމަށް ބުނާތީ ބައިވެރިނުވާން ނިންމީ.“ ސިނާން ވިދާޅުވިއެވެ.

މެއްކު ޓީމުން އެޓީމަށް ކުޅުވުމަށްޓަކާ އިޝާން މުހައްމަދު(ބަޓިސް)އާ ވާހަކަ ދައްކާ ސޮއި ކުރުމާ ހިސާބަށްވެސް ދިޔަކަމަށް ކްލަބުން ވަނީ ބުނެފައެވެ. ނަމަވެސް ބަޓިސް ފަހުން ވަނީ ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާއަށް 40 ހާހަށް ސޮއިކޮށްފައެވެ.

ސީހައުސް ޓީމަކީ މެކްސީ ބޫސްޓާ މުބާރާތުގައި އަލަށް ފެނުނު ޓީމެކެވެ. ބަނޑޮސް ޓީމަށް ކުޅުނު ކުޅުންތެރިން ހިމަނައިގެން ވަރުގަދަ ކޮށް ނެރުނު ޓީމު ޤައުމީއަށް ނުނެރެން ނިންމީ އިގްތިސާދު ހުރި ގޮތުން ކަމަށް އެޓީމުގެ އިސްފަރާތަކުން ވަނީ ބުނެފައެވެ.

މެއްކަކީ ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނަށް ހޮވިފައިވާ 6 ޓީމުގެ ތެރެއިން ޓީމެކެވެ. ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ މެއްކު ފިޔަވާ އަނެއް 5 ޓީމުން ވާދަކުރާނެ ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv