
ސާފްގޭމްސްގައި ޓީޓީ ބައިވެރި ކުރުމަށް އާ ރައީސް ނިންމައިފި
ބަޖެޓް ނެތުމުގެ ސަބަބުން އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ޓޭބަލް ޓެނިހުން ބައިވެރިނުވާން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.
ޓީޓީގެ ވައިސް ޗެއާމަން އަލީ ރަޝީދު ވިދާޅުވީ އިއްޔެރޭ އިންތިހާބުވި ޓީޓީގެ އާ ޕްރެޒިޑެންޓް އަބްދުﷲ ޖާވީދު ޓީމު ސައުތު އޭޝިއަން ގޭމްސްއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. ”ޕްރެޒިޑެންޓް ވިދާޅުވެފަ އޮތީ ސްޕޮންސަރ ހޯދައިގެން ޓީމު މުބާރާތުގައި ބައިވެރިކުރާނެ ކަމަށް. އެހެންވެ މިހާރު އެގޮތަށް ވަނީ ހަމަޖެހިފަ. އޮލިމްޕިކް ކޮމެޓީއާވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން އަދި ފުރުސަތު އޮތް ކަމަށާއި ސިޓީއެއް ފޮނުވަން ބުނެފަ އޮތީ. ސިޓީވެސް މިހާރު ފޮނުވާފަ އޮންނާނީ.“ އައްޔަ ވިދާޅުވިއެވެ.
އައްޔަ ވިދާޅުވީ ސާފްގޭމްސްއަކީ އަބަދުވެސް ޓީޓީން ބައިވެރިވާން ބޭނުން މުބާރާތެއް ކަމަށާއި އެހެންކަމުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ. ”އަންހެން ތިން ކުޅުންތެރިންނާއި ފިރިހެން ތިން ކުޅުންތެރިން އަދި އޮފިޝަލެއް މަދުވެގެން މުބާރާތަށްދާނެ. މިހާރު އޮތް ގޮތުން 3 ކުޅުންތެރިންނަށް ކުޅެން މި ފުރުސަތު އޮންނަނީ“ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކޮށްފައިވާ އައްޔަ ވިދާޅުވިއެވެ.
ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާން 9 ކުޅިވަރަކުން ޝައުގުވެރިކަން ފާޅުކުރިއިރު އޭގެ ތެރޭގައި ޓީޓީ ނުހިމެނެއެވެ. ޓީޓީން ބުނެފައި ވަނީ އެ ކުޅިވަރަށް ފައިދާ ބޮޑީ ސާފްގޭމްސްއަށްވުރެ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުން ކަމަށާއި އެހެންކަމުން ބައިވެރިވާނީ އަންނަ އަހަރު ދިއްލީގައި އޮންނަ ކޮމަންވެލްތު ގޭމްސްގައި ކަމަށެވެ.
ސައުތު އޭޝިއަން ގޭމްސް އަންނަ ޖެނުއަރީމަހުގެ 28ވަނަ ދުވަހު ފަށާނީ ބަންގާޅުގެ ޑާކާ ގައެވެ.