

ބީޗްވޮލީ ކޮމިޝަންގެ ހަ ޖާގައަށް ކުރިމަތިލީވެސް ހަ ފަރާތަކުން
ބުރާސްފަތި ދުވަހުގެރޭ އިންތިހާބު ކުރާ ބީޗްވޮލީ ކޮމިޝަންގެ 6 މަޤާމަށް 6 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
ކްލަބްތަކުން ނަން ހުށަހަޅާ ގޮތަށް ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު ކުރިމަތިލާފައިވަނީ މިހާރު ބީޗް ވޮލީ ކޮމިޝަން ހިންގުމާ ހަވާލުވެ ހުރި މުހައްމަދު ރަނޭޝް އާއި އެނީގެ މުއައްސިސް ސިޔާން އަލީ(ސިޔާންޓޭ) އާއި ޕޮލިސް ވޮލީ ޓީމުގެ މެނޭޖަރ އަބްދުﷲ ރަޝީދާއި ކުރީގެ ކުޅުންތެރިޔާ އަދި މިހާރު މާކެޓިންގައި ހަރަކާތްތެރިވާ ހުސެން މާޒިން އާއި ބީޗް ބޯއިސް ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ސަމާހު(ދޮންބެ) އާއި ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާގެ އަހްމަދު އަޝްރަފެވެ.
ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ ކޮމިޝަންގައި ތިބޭނީ 9 މީހުން ކަމަށާއި އޭގެ ތެރެއިން ވޯޓުލައިގެން ހޮވަން ޖެހެނީ 6 މީހުން ކަމަށެވެ. ”6 މަޤާމަށް 6 މީހުން ކުރިމަތިލާފަ މިއޮތީ. އެހެންވެ ވޯޓެއް ނަގާނެތޯ މިކަން ނިންމާނީ އަދި ފަހުން.“ ހުސެން ވިދާޅުވީ އަނެއް 3 މެމްބަރުންނަކީ އެސޯސިއޭޝަނުން އައްޔަން ކުރާ ބައެއް ކަމަށެވެ.
9 މެމްބަރުންގެ ކޮމިޝަން އުފެދުމުން އޭގެ ތެރެއިން ޗެއާމަނާއި ވައިސް ޗެއާމަން އަދި ހިންގާ ސެކްރެޓަރީ އަކާއި ހަޒާންދާރެއް ހޮވާނެ އެވެ. ހުސެން ވިދާޅުވީ ހަޒާންދާރު ފިޔަވާ އަނެއް ތިން މަޤާމު ހޮވާނީ އިންތިހާބު ކުރެވޭ މެމްބަރުންގެ ތެރެއިން ކަމަށާއި ހަޒާންދާރު ހޮވާނީ އެސޯސިއޭޝަނުން ކަނޑައަޅާ ތިން މެމްބަރުންގެ ތެރެއިން ކަމަށެވެ.
އިންތިހާބުގައި ވޯޓުދޭނީ ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ޝަރުތު ހަމަވެފައިވާ ޖަމްއިއްޔާ ތަކެވެ.