އެމެރިކާއިން ދިން ފައިސާ ޕާކިސްތާންސިފައިންނަށް ނުލިބޭކަން ހާމަވެއްޖެ

އޮކްޓޫބަރ 5 2009، 17:51 0 ޚިޔާލު

-މުޙައްމަދު ނަސީމު-

އަލްޤައިދާއާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި އެމެރިކާއިން ޕާކިސްތާނަށް ދިން އެތައްބިލިޔަންޑޮލަރެއް ހޭދަކޮށްފައިވަނީ އެގައުމުގެ ސިފައިންނަކަށްނޫންކަމަށް ޕާކިސްތާންގެ ދެޖެނެރަލަކު ހާމަކޮށްފިއެވެ. އެސޯސިއޭޓެޑްޕްރެސްއަށް މައުލޫމާތުދެމުން އެދެޖެނެރަލުން ބުނެފައިވާ ގޮތުގައި 2002ވަނަ އަހަރާއި 2008ވަނަ އަހަރާދެމެދު އެމެރިކާއިން ދިން 6.6 ބިލިޔަން ޑޮލަރުގެ ތެރެއިން ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ހަނގުރާމަކުރާ ސިފައިންނަށް ޚަރަދުކޮށްފައިވަނީ 500 މިލިޔަންޑޮލަރެވެ.

އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރާ މުޖާހިދުން ނައްތާލުމަށް އެމެރިކާއިން ދިން ފައިސާގެ ބޮޑުބައެއް ޕާކިސްތާންސަރުކާރުން ޚަރަދުކޮށްފައިވަނީ އެގައުމުގެ އިޤުތިޞާދީކަންކަމަށާއި އިންޑިއާއާއި ހަނގުރާމަކުރުމަށްކަމަށް ބުނެ އެސޯސިއޭޓެޑްޕްރެސްއަށް މައުލޫމާތުދިން ދެޖެނެރަލުން ވަނީ އެމީހުންގެ ނަންހާމަނުކުރުމަށް އެދިފައިކަމަށް އެނޫސްބުނެއެވެ. އެއީ ޕާކިސްތާންސިފައިންގެ ގާނޫނު އެކަމަށް ޖާގަނުދޭތީއެވެ. ދެޖެނެރަލުން ދިން މައުލޫމާތުތަކަށް ޕާކިސްތާންގެ ކުރީގެ ސަރުކާރުގެ ބައެއް އިސްފަރާތްތަކާއި ކުރީގެ ބައެއް ޖެނެރަލުން ތާއީދުކުރައްވާފައިވާކަމަށްވެސް އެސޯސިއޭޓެޑްޕްރެސް ބުނެއެވެ.

”ޕާކިސްތާންސިފައިންނަށް ލިބިފައިވަނީ (ފައިސާގެ) ވަރަށް ކުޑައެތިކޮޅެއް. އެގޮތުން ސަބްސިޑީދިނުން ފަދަ ކަންކަމަށް. ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާންސަރުކާރުން ޚަރަދުކޮށްފައިވަނީ ސަރުކާރުގެ އަމިއްލަ ބަޖެޓުން.“ ޖެނެރަލް ޕަރުވޭޒް މުޝައްރަފުގެ ވެރިކަމުގައި ޕާކިސްތާނުން އ.ދއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ރިޓަޔަރޑް ޖެނެރަލް މުޙައްމަދު ދުއްރާނީ ވިދާޅުވިކަމަށް އެސޯސިއޭޓެޑްޕްރެސް ބުނެއެވެ.

އިސްލާމްދީނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅުހަދާ ފަރާތްތައް ނައްތާލުމަށް މަސައްކަތްކުރުމަށް އެމެރިކާއިން ޕާކިސްތާނަށް ދިން ފައިސާ ޚަރަދުކުރިގޮތާއި ބެހޭ ގޮތުން މައުލޫމާތުދިން ކުރީގެ ޖެނެރަލުންނާއި ކުރީގެ ވަޒީރުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ފައިސާ ސިފައިންނަށް ޚަރަދުނުކުރުމުގެ ސަބަބުން ސިފައިންނަށް ވަނީ ވަރަށް ބޮޑެތިގެއްލުންތައް ލިބިފައެވެ.

”އަޑިގުޑަން ސަރަހައްދީރޮނގުގައި ހަނގުރާމަކުރުމަށް ކޮންމެހެން ބޭނުންވާ ހެލިކޮޕްޓަރުތަކެއް އޭރުލިބޭކަށް ނުހުރޭ. އެއްފަހަރަކު ގަބީލާތަކުގެހަނގުރާމަވެރިން އުޅޭސަރައްދެއްގައި 200 ސިފައިން ތާށިވި. ނަމަވެސް އެމީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރެއް ނުލިބުނު.“ މުޝައްރަފުގެ ވެރިކަމުގައި މުޖާހިދުންނާ ދެކޮޅަށް ހިންގި ކެމްޕޭންގައި ކުރިމަތިވި ކަންތައްތަކާ ބެހޭގޮތުން ކުރީގެ ޖެނެރަލުން ކިޔައިދީފައިވެއެވެ. އެމީހުން އިތުރަށް ބުނެފައިވާ ގޮތުގައި ރޭގަނޑު އަލިކުރުމަށް ގެންގުޅޭ އިކްއިޕްމެންޓްފަދަ ތަކެތިވެސް ކޮންމެ ތިންމަހަކުން އިންވެންޓްރީއަށް އަނބުރާ ގެންދެއެވެ.

”ސާމާނު ދިޔައީ ހަލާކުވަމުން . ތަމްރީނެއް ނުލިބޭ. ކުރީސަފުގައި ހަނގުރާމަކުރާ ސިފައިންނަށް ތަމްރީންދިނުމަށް ބޭނުންވާ ފައިސާ 2007ގެ ކުރިން ލިބިފައެއް ނުވޭ.“ މުސްލިމުން އަޅުވެތިކުރުމާ ދެކޮޅަށް ހަނގުރާމަކުރަމުންދިޔަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް އެމެރިކާއިން ދިން ފައިސާ އެކަމަށް ލިބިފައިނުވާތީ ކަންބޮޑުވެފައިތިބި ޕާކިސްތާނުގެ ކުރީގެ ޖެނެރަލުން ބުނެއެވެ.

މުޖާހިދުންނާ ހަނގުރާމަކުރުމަށް އެމެރިކާއިން ދިން ފައިސާ ޕާކިސްތާންގެ ކުރީގެ ސަރުކާރުން ޚަރަދުކޮށްފައިވާ ގޮތާއި ބެހޭ މިމަޢުލޫމާތުތައް އާއްމުވެފައި މިވަނީ އެމެރިކާއިން އެކަމަށް އަނެއްކާވެސް ފައިސާ ދިނުމަށް އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނަށް އެމެރިކާއިންދޭ ފައިސާގެ އާއްމު އެހީ ތިންގުނައަށް އިތުރުކުރުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފައިވަނީ ފާއިތުވިހަފްތާގައެވެ. އަދި ޕާކިސްތާން ސިފައިންނަށް ޚަރަދުކުރުމަށްވެސް ހަމަ އެވަރުގެ އަދަދެއް ދިނުމަށްވެސް އެމެރިކާގެ ގާނޫނުހަދާމަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޕާކިސްތާނަށް ފައިސާގެ ”އެހީ“ދިނުމުގައި އެމެރިކާއިން ވަނީ ޕާކިސްތާނަށް ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން ނިއުކްލިއަރހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައި އެގައުމުން ސޮއިކުރުމާއި އެމެރިކާއިން ކުރަމުންދާ ”ޓެރަރިޒަމާ ދެކޮޅު“ (މުސްލިމުންނާ ދެކޮޅު) ހަނގުރާމައިގާ ޕާކިސްތާންސިފައިން ދާއިމީގޮތެއްގައި ބައިވެރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި އެހަނގުރާމައަށް ޕާކިސްތާނުންކުރާ ޚަރަދު އަނބުރާ ދިނުމަށްޓަކައި ޚަރަދުތަކުގެ ތަފާސް ހިސާބު ރަނގަޅަށް ބެލެހެއްޓުމަކީވެސް އެމެރިކާއިން މިފަހަރު ޝަރުތުކޮށްފައިވާ ކަމެކެވެ. އެމެރިކާއާ ގުޅިގެން ހަނގުރާމަކުރާ ގައުމުތަކަށް ޚަރަދުކުރުމަށް އެގައުމުން އުފައްދާފައިވާ ފަންޑަކުން ފައިސާހޯދުމަށްޓަކައި 1.7 ބިލިޔަންޑޮލަރުގެ ބިލެއް ޕާކިސްތާނުން މިހާރުވެސް ވަނީ ހުށައަޅާފައެވެ. އެއީ ޕާކިސްތާނުން އެމެރިކާގެ ބޭނުމަށް ކުރި ހަނގުރާމައިގާ ޚަރަދުވެފައިވާ ފައިސާގެ ބިލެކެވެ.

އެމެރިކާއިން ޕާކިސްތާނަށް ފައިސާ ދިނުމަށް ނިންމިކަމުގައި ވިޔަސް އެގައުމުން ހާމަކޮށްފައިވާ ގޮތުގައި އެފއިސާ ޕާކިސްތާނުން ޚަރަދުކުރާގޮތް ބެލޭނެގޮތެއް ނެތްކަމަށް އެގައުމުން ބުނެއެވެ. ”އަހަރެމެން އެފައިސާ ދިނުމަށްފަހު އެފައިސާ ޚަރަދުކުރާގޮތް ބެލޭނެ އިންތިޒާމެއް ނެތް“ އެމެރިކާގެ ދިފާޢީވުޒާރާގެ ތަރުޖަމާން ލެފްޓިނެންޓް ކާނަލް މާކްރައިޓް ބުނިކަމަށް އެމެރިކާގެ ފޮކްސްނިއުސްބުނެއެވެ.

އެމެރިކާބުނާ ގޮތުގައި އެގައުމުން ކުރަމުންގެންދާ ހަނގުރާމަތަކަށް އެހީތެރިވެދޭ ގައުމުތަކަށް ފައިސާދޭ ފަންޑުން އެންމެ ގިނަފައިސާ ނަގާފައިވަނީ ޕާކިސްތާނުންނެވެ. އަދި ޕާކިސްތާން ހިއްސާކުރާ ހަނގުރާމައިގެ ކުރީސަފަކީ އެންމެ އަގުހެޔޮ ކުރީސަފުކަމުގައިވެސް އެގައުމު ބުނެއެވެ. އެގޮތުން ޢިރާޤުގައި ހަނގުރާމަކުރާ ސިފައިންގެ ކޮންމެމީހަކަށް މަހަކު 76,870 ޑޮލަރު އަދި އަފްޣާނިސްތާންގައި ހަނގުރާމަކުރާސިފައިންގެ ކޮންމެމީހަކަށް މަހަކު 85,640 ޑޮލަރު ޚަރަދުވާއިރު ޕާކިސްތާން ފަޅީގައި ހަނގުރާމަކުރާ ކޮންމެ މީހަކަށް ޚަރަދުވާނީ 928 ޑޮލަރުކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ.

ޕާކިސްތާންގެ ސިފައިންގެ ގާނޫނު ހުއްދަނުކުރާތީ ނަންހާމަނުކޮށް ވާހަކަދެއްކި އެގައުމުގެ ޖެނެރަލުންނާއި ކުރީގެ ޖެނެރަލުން ބުނެފައިވާ ގޮތުގައި ޕާކިސްތާންސަރުކާރުން ހަނގުރާމައަށް ޚަރަދުކުރަނީ އެގައުމުގެ އަމިއްލަބަޖެޓުންނެވެ. އަދި އެއަށް ފަހު ޚަރަދުވި ފައިސާގެ ބިލްތައް އެމެރިކާސަރުކާރަށް ފޮނުވާކަމަށްވެސް އެމީހުން ބުނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv