
ފޭސްބުކް - އެތައްބައެއްގެ ދިރިއުޅުމާއި ގުޅިފައި
-އާދަމް ރިފާއު-
މިޖީލުގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ވަމުން އަންނަ ސޯޝަލް ނެޓްވޯކް ފޭސްބުކްއަކީ އޭގެ ސަބަބުން ބައެއް މީހުން ނަށް ލިބޭ ފައިދާ އާއި ގެއްލުން އަދި ހަޔާތުގައި ހިނގާ އެކި ކަންކަމާ މެދު ބައެއް މީހުން ހިއްސާކުރާ މާލަމެއްކަމުގައި ވަނީ ވެފައެވެ.
ފޭސްބުކް ދުނިޔޭގެ ވުޖޫދަށް އައިސްފައިވަނީ ފެބްރުއަރީ 2004ވަނަ އަހަރު ހާވާރޑް ޔުނިވަރސިޓީގައި ކިޔަވަން އުޅުނު ދަރިވަރެއްކަމުގައިވާ މާކް ޒުކާބާގްގެ ކުލާސް މޭޓުންނާއި އެކީ ކުލާސް ތެރޭގައި އެވެ.އޭރު ފޭސްބުކްގެ މެންބަރަކަށް ވެވެނީ ހަމަ އެކަނި އެޔުނިވަރސިޓީގެ ދަރިވަރުންނަށް އެކަންޏެވެ.އެހެން ނަމަވެސް އޭގެ ފަހުން އެހެން ކޮލެޖްގެ ކުދިންނަށް ހުޅުވާލެވުނެވެ. އަދި އެންމެ ފަހުން އާއްމުކޮށް ފޭސްބުކް ހުޅުވާލެވުނެވެ. މުޅިދުނިޔޭގައި މިހާރު ޢާއްމުގޮތެއްގައި ފޭސްބުކް ބޭނުން ކުރާ 300 މިލިއަން މީހުންނަށް ވުރެ ގިނަމީހުން ތިބިކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.
ސޯޝަލްނެޓްވޯކިންގް ދާއިރާއިން ކުރިއަރަމުން އަންނަ ފޭސްބުކްގެ ސަބަބުން އިޖްތިމާއީ ގުޅުން ބަދަހިވުމުގެ ބަދަލުގައި އިޖްތިމާއީ ގުޅުން ރޫޅޭ ތަން ވެސް ފެންނަނީ މަދަކުން ނޫނެވެ. މިގޮތުން ހަދާފައިވާ ގުރޫޕްއެއް ކަމުގައިވާ ”އިން ދަ ލަވިން މެމޮރީ އޮފް ޗޯޓޭ“މިގުރޫޕްގައި އެއްބަޔަކު އަނެއްބަޔަކާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވެއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް މަރުގެ އިންޒާރު ދީފައި ވެއެވެ.
މީގެ އިތުރުން ”ސްޓޮޕް ޔޫސިންގ ޑީއާރްޕީ ގަވަރމެންޓް ރިސޯސެސް“ އަދި ”އައި ބެޓް އައި ކެން ފައިންޑް މޯރ ދެން 1000 ޕީޕަލް ހޫ ޑިސްލައިކް މައުމޫން“ މިނަމުގައި ހަދާފައިވާ ގްރޫޕްތަކުގައި ބައެއްފަރާތްތަކުގެ ނަހަމަ ގުޅުން ހިންގަމުންދާ ފޮޓޯތަކާއި އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކޮށްހަދާ ކޮމެންޓްކޮށްފައި އެބަހުއްޓެވެ.
މީގެ އިތުރުން ”އައްޑޫ ބިޓުން“ ”ފޯއްމުލައް ބިޓުން“މިފަދަ ނަންނަމުގައި ގުރޫޕްތައް ހަދައި ބައެއް އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތަކާއި އަދިވެސް އެފަދަ ކަންކަމަށްމަގުފަހި ކޮށްދޭ ފޮޓޯތައް ކޮންމެ މީހަކަށްބަލާލެވޭފަދަ ގޮތަކަށް ލާފައިހުރި ފޮޓޯތައް އެބަހުއްޓެވެ.
ފާހަގަކޮށްލެވޭކަމަކީ މިފަދަ ގްރޫޕްތަކުގައި ރާއްޖޭގެ ބައެއް މަޝްހޫރު ފިލްމީ ތަރިންނާއި ސިޔާސީ ދާއިރާ، އަދި ވެސް އެހެނިހެން ދާއިރާތަކުގަ ހަރަކާތްތެރިވާ ބައެއް މަޝްހޫރު ފަރާތްތަކުގެ ފޮޓޯތައް މިފަދަ ގުރޫޕްތަކުގެ ފޮޓޯގެލެރީގައި ހުންނަ ކަމެވެ.
ފޭސްބުކް އެކިގޮތްގޮތުން މިހާމަޝްހޫރު ވެފައިވާއިރު ބައެއް ގައުމުތަކުން ވަނީ ފޭސްބުކް ބޭނުންނުކުރެވޭ ގޮތްހަދާފައެވެ. މީގެ ތެރެއިން ސީރިޔާ، ޗައިނާ އަދި އީރާން ހިމެނެއެވެ
މީގެތެރެއިން އީރާނުން ފޭސްބުކް އަށް ވަނުން މަނާ ކޮށްފައި ވަނީ އެގައުމުގެ އިންތިޚާބާ ދިމާކޮށެވެ.
ފޭސްބުކްއަށް ވަނުން ބައެއް ގައުމުތަކުން މަނާ ކޮށްފައިވާ އިރު ދިވެހިރާއްޖޭގައި މަނާ ކޮށްފައި ނެތަސް ރާއްޖޭގެ ބައެއް އޮފީސްތަކުގައި ވަނީ ފޭސްބުކް އަށް ނުވެދެވޭގޮތް ހަދާފައެވެ. އަދި ބައެއް އޮފީސްތަކުގެ އޮފީސް ގަޑީގައި ފޭސްބުކްބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.
ބައެއް ރިޕޯޓްތަކުގައި ވާ ގޮތުން ދިވެހިރާއްޖޭގައި 25000 ގިނަ މެންބަރުން ފޭސްބުކްގައި ރަޖިސްޓްރީ ވެފައިވާ ކަމަށް ވެއެވެ.
ފޭސްބުކް ބޭނުން ކުރާކުއްޖަކުބުނީ އޭނާ އޮފީހަށް ގޮސް ކޮންމެ ދުވަހަކު އެންމެ ފުރަތަމަ ވެސް ކުރާކަމަކީ ފޭސްބުކް އަށް ވަދެ ލިބިފައި ހުންނަ ނޯޓިފިކޭޝަން ބަލާލުން ކަމުގައި ބުންޏެވެ. ފޭސްބުކް ބޭނުން ކުރާ ޒުވާން އަންހެން ކުއްޖަކު ބުނީ އޭނާ ފޭސްބުކް ބޭނުން ކުރަނީ އޭގައި ހުންނަ ފޮޓޯތައް ބަލާލަން ކަމަށެވެ.
ފޭސްބުކް ބޭނުން ކުރާ އެހެން މީހަކު ބުނީ ފޭސްބުކް ބޭނުން ކުރަނީ ރައްޓެހިންނާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލާ ޗެޓް ކޮށްލަން ކަމަށާއި ފޭސްބުކްގައި ހުންނަ ގޭމް ތައް ކުޅެލަން ކަމަށް އޭނާ ބުންޏެވެ. އަދި މަސައްކަތުގެ ގަޑީގައި ފޭސްބުކް އަށްވަދެލަނީ ސްޓްރެސް ދުރުކޮށްލުމަށްކަމަށް އޭނާ ބުންޏެވެ.
ފޭސްބުކްގެ ޒަރިޔާއިން ޕެންޑުރައިވްގެ ވިޔަފާރި ކުރާ މީހަކުބުނީ ފޭސްބުކްގެ ސަބަބުން އޭނާގެ ވިޔަފާރި ވަރަށްބޮޑަށް ފުޅާވެފައިވާ ކަމަށާއި އެއްވެސް ޚަރަދަކާއި ނުލާ ބޭނުންވާ އެއްޗެއް ފަސޭހަކަމާއި އެކީ ރައްޓެހިންނަށާއި އެހެނިހެން މީހުން ނަށް އިޝްތިހާރު ކޮށްލެވޭތީ ވަރަށް ގިނައިން މިފަދަތަކެތި ވިކޭކަމަށް އޭނާ ބުންޏެވެ.
ކޮންމެއަކަސް އެކިމީހުން ފޭސްބުކް ބޭނުން ކުރަނީ އެކި ބޭނުން ތަކުގައެވެ. ބައެއް ފަރާތްތަކުން ސިޔާސީބޭނުންތަކަށާއި އަދި ވިޔަފާރިގެ ބޭނުމަށް ފޭސްބުކްގެ ބޭނުންކުރެއެވެ.