އައްޑޫގައި އަނެއްކާވެސް ބޮޑު ހަމަ ނުޖެހުމެއް

އަހުމަދު މުހުސިން އޭޕްރީލް 15 2007، 20:52 0 ޚިޔާލު

އައްޑުއަތޮޅު މަރަދޫގައި އަނެއްކާވެސް ބޮޑު ހަމަނުޖެހުމެއް ހިންގައިފި އެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުންގަނޑުގައި އާއްމުންނާއި ފުލުހުންގެ ބަޔަކަށް އަދި އިރުޝާދިއްޔާ ސްކޫލަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އަދި އާއްމުންނާއި ފުލުހުންގެ ވެހިކަލްތަކަށްވެސް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ޖަޒީރާއަށް ވަނީ ލިބިފައެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަމަނުޖެހުން ފެށިފައިވަނީ ޑީއާރުޕީގެ މެންބަރ އަދި ކުރީގެ އެމްޑީޕީ މެންބަރ ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު މެންބަރ އިބްރާހީމް ޝަރީފް ޑީއާރުޕީގެ ޖަލްސާގައި ވާހަކަދައްކަން ހަމަޖެހިފައިވާތީ އެމްޑީޕީއާއި އަދި ޑީއާރުޕީގެ ބައެއް މީހުން ހިތް ހަމަނުޖެހި އޭނާ ޖަލްސާއަށް ވަނުމަށް ހުރަސް އެޅުމުން ނެވެ.

އައްޑުއަތޮޅުން މައުލޫމާތު ދިން މީހަކު ބުނީ ފުރަތަމަ މައްސަލަ ގޯސްވީ ޑީއާރުޕީން ޖަލްސާ ބާއްވަން އޮތް އިރުޝާދިއްޔާ ސްކޫލު ކައިރީ ހުންނަ ގެއަކުން ޝަރީފް)މަވޯޓާ(ގެ ކުރީގެ ތަޤްރީރު)ސަރުކާރަށާއި ރައީސްމައުމޫނަށް ފާޑުވިދާޅުވެފައިވާ( ތަކަކާއި ލަވަތަކެއް ވަރަށް ބާރަށް ޖަހަމުން ގެންދާތީ އެކަން ހުއްޓުވަން އުޅުމުން ކަމަށެވެ.

”ޑީއާރުޕީގެ )މަސްލަހަތަށްޓަކައި ނަން އުނިކޮށްފައި(އައިސް ބުނީ ތިޔަ ލަވަ ނުހުއްޓައިފިއްޔާ މަރާލާނަމޭ. ދެން އެވަރުންވެސް ޑީއާރުޕީގެ )މަސްލަހަތަށްޓަކައި ނަން އުނިކޮށްފައި( އައިސް އަނެއްކާވެސް ބުނެފި ހުއްޓާލާށޭ. ދެން އެގޭ މީހުން ބުނީ. ހުއްޓާލާނީ މަވޯޓާ ޖަލްސާއަށް ނާރާމަތިންނާ މަރުގެ އިންޒާރު ދިން މީހާ އެރަށަށް އެރިޔަ ނުދޭ މަތިން ކަމަށް“ ޖަޒީރާއަށް މައުލޫމާތު ދިން މީހާ ބުންޏެވެ

އޭނާ ބުނީ އެގޮތުންވެސް ނުހުއްޓުމުން ޖަލްސާ ފަށަން އުޅުނު ކަމަށާއި މަވޯޓާއާ މެދު ނުރުހޭ މީހުން މަގުބަންދުކޮށް އޭނާ ވަނަނުދީ ބްލޮކް ކޮށްގެން ތިއްބާ ކުއްލިއަކަށް ފާރުމަތިން ސްކޫލު ތެރެއިން ގާ އުކަން ފެށި ކަމަށެވެ. އަދި އެއާއެކު ސައިކަލެއްގައި ޑީއާރުޕީ މީހަކު މަވޯޓާ ގޮވައިގެން ސްކޫލުތެރެއަށް ވަން ކަމަށެވެ.

”މީހުން ޝައްކު ކުރަނީ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުން ތިބެގެން ކަމަށް ގައު އުކީ. އަދި ފުލުހުންވެސް ގައު އުކި ކަމަށް ފުލުހަކު އެބަ ބުނޭ“ އޭނާ ބުންޏެވެ.

އޭނާ ބުނީ އެއާއެކު ދެފަރާތުން ގާއުކަން ފެށި ކަމަށައި ސްކޫލުކައިރީގައި ހުރި ސައިކަލެއްގައި ރޯކޮށްލިތަންވެސް ފެނިފައިވާ ކަމަށެވެ. އަދި ސްކޫލު ތެރޭގައިވެސް ހުޅު ހިފާފައިވާތީ ފެނިފައިވާ ކަމަށެވެ.

އޭނާ ބުނީ ފުލުހުންނާއި އާއްމު ރައްޔިތުންނަށް ގެއްލުން ލިބިފައިވާނޭ ކަމަށާއި އަދި ފުލުހުންގެ ހިމާޔަތުގެ ދަށުގައި ތިބެގެން ޑީއާރުޕީ މީހުން އާއްމުން ގައިގައި ތަޅާފައިވާ ކަމަށެވެ. އަދި އެމަންޒަރުތައް ދެއްކުމުން ފުލުހުން ހުއްޓުވާފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.

” ފުލުހުން ހައްޔަރުކުރި މީހެއް ގެންގޮސް ވެއްދީ ސްކޫލުތެރެއަށް. އޭރު ޑީއާރުޕީ މީހުން އެތާ ތިބެފައި ވަރަށް އަނިޔާ ކުރި. މިއަދު އޭނާގެ އަންހެނުން ބައްދަލު ކުރިއިރު ލޯކައިރިއާއި އަނގައިގެ ދެފަރާތް ވަނީ ފަޅާލާފައި. އަދި އަރިކައްޓަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވަނީ އަދި އަތަށްވެސް. އެކަމަކު ހޮސްޕިޓަލަށް ގެންދާކަށްވެސް އެމީހުން ނޫޅެޔޯ.“ ޖަޒީރާއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އަދާލަތު ޕާޓީގެ މީހަކު ބުނީ ހިނގާ ދިޔަ ހަމަ ނުޖެހުން ގަނޑުގެ މައުލޫމާތެއް ނޭނގޭ ކަމަށާއި ނަމަވެސް ފުލުހުންގެ ހިމާޔަތުގައި އުޅުނު ޑީއާރުޕީގެ ބޮޑެއް އޭނާއަށް ހަމަލާ ދޭން އުޅެފައި ވާކަމަށެވެ.

”އަޅުގަނޑަކަށް އެއިން އެއްވެސް ކަމެއް ނޭނގޭ. އެކަމަކު ފުލުހުންގެ ހިމާޔަތް ލިބިގެން އުޅުނު ޑީއާރުޕީގެ )ލަވަޖެހި ގޭ މީހުންނަށް މަރުގެ އިންޒާރު ދިން މީހާ( ގުރޫޕަކާއެކު އަޅުގަނޑާ ދިމާކުރީ ބަހަށް އަރަމުން. ފުލުހުން އަޅުގަނޑު ސަލާމަތް ކުރީ. އަދި އޭނާ ދަމުން ބުނީ ހިތަދޫއަށް އަރައިފިއްޔާ ފޮތިފޮތި ކޮށްލާނަމޭ.“ އޭނާ ބުންޏެވެ. ރޭ ޖަލްސާއަށް ދިޔަ ޑީއާރުޕީގެ އަންހެނަކު ބުނީ ހަމަނުޖެހުން ހިންގީ އެމްޑީޕީ މީހުން ކަމަށާއި މާކުރިންސުރެ ގަލާއި އެއްޗެހި އެއްކޮށްފައި ވާކަމަށެވެ. އަދި ފުލުހުންނަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

”އެމްޑީޕީ މީހުން ގާ އުކާ ފުލުހުންގެ މޫނަށް ޕެޓްރޯލް ޖަހާ އަތުގާ ކަޓަރު އަޅާ ހެދީ. އަދި ފުރާޅަށްވެސް ގާ އުކި. ފުލުހުންގެ ސައިކަލެއްގައިވެސް ރޯކޮށްލި. އަޅުގަނޑަށްވެސް އާދެވުނީ ފާރުމަތިން އަރައިގެން މޫދުން ލާފައި“ އޭނާ ބުންޏެވެ. ފުލުހުން ބުނީ އައްޑުއަތޮޅުގައި ހަމަނުޖެހުން ހިންގި މީހުންވަނީ މަރަދޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލްގައި ރޭ ދިވެހި ރައްޔިތުންގެ ޕާޓީން ބޭއްވުމަށް މަސައްކަތްކުރި ބައްދަލުވުމަށް ހުރަސްއަޅާ އަޑުގަދަކޮށް ހަޅޭއްލަވާ ގަލާއި ޕެޓްރޯލް ފަދަ ތަކެތި އުކާ ހަދާފައެވެ.

ދިވެހިރައްޔިތުންގެ ޕާޓީގެ ބައްދަލުވުމުގެ ކުރިން އައްޑުއަތޮޅު ފޭދޫގައި ހުންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހަރުގޭގައި އެމް.ޑީ.ޕީ.އިން ބޭއްވި ބައްދަލުވުމަށްފަހު އިރުޝާދިއްޔާ ސްކޫލް ޞަރަޙައްދަށް ދިޔަ މީހުން ވަނީ ދިވެހި ރައްޔިތުންގެ ޕާޓީގެ ބައްދަލުވުން ފެށުމާއިއެކު ބޮޑެތި ސްޕީކަރުތަކެއް ބޭނުންކޮށްގެން އަޑުގަދަކޮށް ލަވަޖަހާ އެބައްދަލުވުމަށް ހުރަސްއަޅާ އެޞަރަޙައްދުގައި ތަފާތު ހަމަނުޖެހުން ހިންގައި ގާފަދަ ތަކެތި އުކާ އެޞަރަޙައްދުގައި ޙަރަކާތްތެރިވި ފުލުހުންނަށާއި ދިވެހި ރައްޔިތުންގެ ޕާޓީގެ ބައްދަލުވުމަށް ދިޔަ ބައެއް އާންމުންނަށް ޙަމަލާ ދީފައެވެ. އަދި ފުލުހުން ޕެޓްރޯލް ކުރުމަށް ބޭނުންކުރާ ސައިކަލެއްގައި ރޯކޮށްލާ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަންދާލާފައެވެ. މީގެ އިތުރުން އެބައްދަލުވުމަށް ދިޔަ ބައެއްމީހުންގެ ވަހިކަލްތަކަށްވެސް އެމީހުންވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.

ރޭ އައްޑުއަތޮޅުގައި ހިނގި މިހަމަނުޖެހުމުގައި 17 ފުލުހަކަށް އަނިޔާވެ, ދިވެހި ރައްޔިތުންގެ ޕާޓީގެ ބައްދަލުވުމަށްދިޔަ އާންމުންގެ ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެ 3 ފުލުހަކަށާއި އާއްމުންގެ 2 މީހަކަށް އައްޑުއަތޮޅު ހޮސްޕިޓަލުން ފަރުވާ ދޭން ޖެހިފައި ވެއެވެ. އޭގެ ތެރެއިން އާންމުންގެ މީހަކަށާއި ފުލުހެއްގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ފުލުހެއްގެ މޫނުމަތި ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ. މިހަމަނުޖެހުމާއި ގުޅިގެން 4 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އައްޑު އަތޮޅު ގައި ރޭ ހިންގި މިހަމަނުޖެހުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރުމިދަނީ ތަޙްޤީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv