ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ނިންމުން - ނުފެންނަ ބޮޑު މަންޒަރާއި ފެންނަ ކުޑަ މަންޒަރު

މުހައްމަދު އަފްރާޙް އޮކްޓޫބަރ 5 2009، 16:19 0 ޚިޔާލު

ސިންގަޕޫރު ސިވިލްސާވިސް ޑިވިޝަން (ޕީއެސްޑީ)ން އެގައުމުގެ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް، ސިންގަޕޫރު ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

”އިގްތިސާދީ މަލަމަތިން ފެންނަ ނުސާފުކަމުގެ ސަބަބުން އަންނަ އަހަރުގެ ޖެނުއަރީ [2009 ޖެނުއަރީ]ން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.“ އެގޮތުން ސަރުކާރު މުވައްޒަފުންގެ މުސާރައިން 19އާއި 11 އިންސައްތަ މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޝިއާގެ އެންމެ ދުޅަހެޔޮ އެއް އިގްތިސާދު އޮތް ގައުމުންވަނީ ކުޑަކޮށްފައެވެ.

ސިންގަޕޫރު ސަރުކާރުގެ ޕީއެސްޑީން ބުނާ ގޮތުގައި 13 މަސްދުވަހަށް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނިންމީ ދުނިޔެއަށް މިހާރު ކުރިމަތި ވެފައިވާ އިގްތިސާދީ ހީނަރު ކަމުގެ ސަބަބުން ދިމާވެފައިވާ ”ހާއްސަ ހާލަތުން“ އަރައިގަތުމަށެވެ.

ސިންގަޕޫރުގެ އިގްތިސާދީ ހުރިހާ ތަނބުތަކެއްވެސް އެގައުމުގެ ކާބަފައިން ޖަހާފައިވަނީ ވަރުގަދަކޮށްކަން މުޅިދުނިޔެވެސް ގަބޫލު ކުރެއެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރުމުން މީހުންގެ ކިޔަމުންދިޔަ ފާޑު ކިއުންތަކަށް ސަރުކާރުން ޖަވާބު ދެމުން ގެންދިޔައީ އިތުބާރާއި ޔަގީން ކަމާއި އެކުގައެވެ.

ނަމަވެސް ދިވެހި ސަރުކާރަށް، ކުރީގެ އިގްތިސާދީ ސިޔާސަތުތަކުން އިތުބާރު ހޯދުމަކީ ކުރެވޭނެ ކަމެއް ބާއެވެ.؟ ދިވެހިރާއްޖެ މިވަނީ އިގްތިސާދީ ގޮތުން ހާއްސަ ހާލަތެއްގައި ނޫން ކަމަށް ބުނެވިދާނެ ހެއްޔެވެ.؟

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އޮގަސްޓްމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ 2007ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި މައްސަލަތަކުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އަސަރު ފޯރާފައިވަނީ ބަޖެޓުގެ ތާށިކަމާއި ގުޅިގެން ކަމަށެވެ.

މިއީ ޒަމާންތަކެއް ވަންދެން ސަރުކާރުންކުރި އިގްތިސާދީ ”ދޯހަޅި“ ސިޔާސަތުތަކުގެ ނަތީޖާ ނޫން ބާއެވެ؟ މިއަދު ދުނިޔެއަށް އިގްތިސާދީ ހީނަރުކަން ކުރިމަތި ވެފައިވާއިރު ދައުލަތުގެ ބަޖެޓަށް ވަންނަ ފައިސާއަށްވުރެ ނިކުންނަ ފައިސާގެ އަދަދު މިވަނީ އިތުރުވެފައެވެ. ސަރުކާރު ބަޖެޓުގެ ބޮޑު ބައެއް މުވައްޒަފުންގެ މުސާރައަށް ދާއިރު، ދައުލަތުގެ ބަޖެޓަށް ފައިސާއެއް ވައްދާނެ ދޮރެއް ހޯދުމަށް މިވަނީ ވިސްނަން ޖެހިފައެވެ. ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރު ވެފައެވެ.

އެންމެ ފަހުން ސަރުކާރުން އިއުލާނުކުރި ބަޖެޓުގެ ޖުމްލަ އަދަދަކީ 5.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 5.1 ބިލިއަން ރުފިޔާ ހަރަދު ކުރަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބެހިގެން ގޮސްފައިވާ ގޮތަށް ބަލާއިރު މި 5.1 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑުބައެއް ލިބެނީ 70 އިންސައްތަ ހިއްސާކުރާ ސިވިލްސާވަންޓުންނަށެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދަކީ ދެ ޕަސެންޓެވެ. އަދި ރައީސް އޮފީހާއި ރިއާސީ ގަނޑުވަރުގެ މުވައްޒަފުންގެ މުސާރައިގެ ނިސްބަތަކީ އެންމެ ޕަސެންޓެކެވެ. އަދި އެމްއެންޑީއެފް އަދި ޕޮލިހަކީ މީގެ ތެރެއިން 17 ޕަސެންޓެވެ. އަދި މިނިވަން މުސްތަޖިއްލު މުއައްސަސާތަކަށް ނިސްބަތްވާ ބޭފުޅުންގެ މުސާރައުގެ ނިސްބަތަކީ 5.1 ބިލިއަން ރުފިޔާގެ ތެރެއިން ހަތަރު ޕަސެންޓެވެ. މީގެ މާނައަކީ ތައުލީމާއި، ސިއްހަތު އަދި އެނޫންވެސް އެހެނިހެން ކަންކަމަށް ހޭދަކުރުމަށް އޮތީ އެންމެ ތިން ބިލިއަން ރުފިޔާ ކަމެވެ. މިއީ ޖަޒީރާ ރަށްތަކެއްގެ ގޮތަށް 200 ރަށުގައި މީހުން ދިރުއުޅޭ ގައުމަކަށް އެކަށީގެން އަދަދެއް ބާއޭ މިއީ އުފެދޭ ސުވާލެކެވެ.

އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި މުޅި ދުނިޔެ ”ރިސެޝަނެއް“ގައި އޮތް މި ދަނޑިވަޅުގައި ކޮންމެ ގައުމެއްގައިވެސް ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ދެން އުފެދޭ ސުވާލަކީ ސަރުކާރުން މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ ކީއްވެގެން ބާއެވެ. އެކަން ނުކޮށްފިނަމަ ދެން ވާނީ ކިހިނެއް ބާއެވެ.؟

އިކޮނޮމިކް މިނިސްޓްރީގެ ނާއިބު އަހުމަދު އިނާޒް ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކައަށް ފުންކޮށް ވިސްނާލައިފިނަމަ ކޮންމެ ގޮތަކުންވެސް ދެކޮޅު ޖައްސަން ޖެހޭކަން އެނގޭ ކަމަށެވެ.

”ނުލިބޭ އެއްޗަކުން ހަރަދެއް ނުކުރެވޭނެ އަދި ހަރަދު ކުޑަކުރަން ޖެހޭ“ އިނާޒް ވިދާޅުވިއެވެ.

”މީޑީޔާ ސްޕިން ކުރައްވާ ފަރާތްތަކުން ސަރުކާރުން ކިތަންމެ ރަނގަޅު ދެކޮޅު ޖެހޭ ވާހަކައެއް ދެއްކިއަސް އެބޭފުޅުން ދައްކަވާނީ އޭގެ އަނެއް ފަރާތުގެ ވާހަކަތައް.“ ނޫސްވެރިނަށް މައުލޫމާތު ދެމުން އިނާޒް ވިދާޅުވިއެވެ.

”ސަރުކާރުން ފުރަތަމަ ވިދާޅުވީ ޕޮލިޓިކަލް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަތައް އުނިކުރެވުނު ވާހަކަ. އެންމެ ފަހުގެ މުސާރަ އަޅުގަނޑުމެންނަށް ލިބުނުއިރު މުސާރައިންވަނީ 20 ޕަސެންޓް އުނިކުރެވިފައި. ދެން ދެއްކުނީ ސިވިލްސާވިސް ކޮމިޝަނާއި ސަރުކާރުން އެއްބަސްވެ ސަރުކާރު މުވައްޒަފުންގެ މުސާރައިން ބައެއް އުނިކުރާ ވާހަކަ.“

ބައެއް އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި ސަރުކާރުގެ ހަރަދުތަށް ކުޑަކުރުމަށް ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައިން ބައެއް އުނިކޮށްގެން ނަމަވެސް ހަރަދު ކުޑަނުކޮށް ބަޖެޓަށް ފައިސާ ނުހޯދައިފިނަމަ ފައިސާ ޗާޕުކުރަން އަނެއްކާވެސް ސަރުކާރަށް ޖެހޭނެއެވެ. އަދި ފައިސާ ޗާޕުކޮށްފިނަމަ ދިވެހި ފައިސާގެ އަގު ވެއްޓިގެން ދާނެއެވެ. މީގެ މާނައަކީ ދިވެހިރާއްޖެއަކީ އިންޕޯޓަށް ބަރޯސާ ވެފައިވާ ގައުމެއް ކަމަށް ވުމުން ބޭރުން ގެންނަ މުދަލުގެ އަގު އުފުލިގެން ދާނެ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv