އޯލެވެލްއިން ހޯދާ ޔޫސެޓްގެ ޒިންމާ ނަގާނީ؟

އަންވަރު އިބްރާހިމް އޮކްޓޫބަރ 4 2009، 16:10 5 ޚިޔާލު

”މައްސަލައަކީ ކުދިންނަށް އެކަށީގެންވާ ތައުލީމެއް ނުދެވުން. ޓީޗަރުންނަށް އެވަރަށް މަސައްކަތް ކޮށްނުދެވުން. ދުވާލަކު މީހަކު އައިސްގެން ކިހިނެއް އެކަންކުރާނީ. އަހަރު ފެށޭތަނުން ނުވަތަ މެދުތެރޭން ޓީޗަރަކު ބަލިވެދާނެ. ނުވަތަ ރަށަށް ހިނގައިދާނެ. ދެން ހެދޭނެ ގޮތެއް ނޯވޭ. ދެން ޓީޗަރުން ހަމަކުރުމަކީ ބޮޑު މައްސަލައެއް.“ މިއީ ބެލެނިވެރިއެއްގެ ޝަކުވާ އެވެ. މިޝަކުވާ ޓީޗަރެއްގެ ކަންފަތުގައި ޖެހުމުން އެޓީޗަރު ދެއްކި ވާހަކަ މުޅިން ތަފާތެވެ.

”މައްސަލައަކީ ހަމައެކަނި ޓީޗަރުންކަމުގައި ހަދައިގެން ފަރުޖެއްސޭކަށް ނެތް. ބެލެނިވެރިންވެސް ފަރުވާ ކުޑައީ. ދަރިފުޅަށް އަޅާލަންޖެހޭ ވަރަށް އަޅާނުލެވެނީ. ކިތަން މަންމަތޯ ނުވަތަ ބައްޕަތޯ އެކުދިންގެ ކިޔަވާތޯ ނުވަތަ މަސައްކަތްތައް ބަރާބަރަށް ކުރޭތޯ ބަލަނީ؟ ދަރިފުޅު ރީތިކޮށްފައި ސްކޫލަށް ގެނައިމާ އެނިމުނީ. މިއީ ހަގީގަތް. ކިޔެވުމަކީ ހަމައެކަނި ކުލާހުގައި ކުރާ މަސައްކަތް އެކަންޏެއްނޫން. ކުލާހުގައި ދޭ ތަކެތި ގޭގައި ދަސްކުރޭތޯ ދަރިވަރަށް އެނގެނީ ކިހާ މިންވަރަކަށްތޯ ބަލާލެވެނީ ވަރަށް މަދު ބެލެނިވެރިއަކަށް.“ ޓީޗަރުން އެދައްކަނީވެސް މުޅިއަކުން ދޮގުވާހަކަތަކެއް ނޫނެވެ.

ދެން އޮތީ މިނިސްޓްރީން ދައްކާ ވާހަކަތަކެވެ. ކަންކަން ރާވާ ހިންގަވަމުން ގެންދަވާ ވެރިންގެ ވާހަކައެވެ. އެވެރިންނަށް ފެނިވަޑައިގެން އެއް މައްސަލައަކީ ކިޔަވާދޭ ގޮތާއި، ކަރިކިއުލަމްގެ މައްސަލައެވެ.

”ކިޔަވާދެމުން މިގެންދަނީ މީގެ އެތައް އަހަރެއް ކުރިން ތައްޔާރު ކުރެވިފައިވާ މަންހަޖަކަށް. އޭގެ ފަހުން އެތައް ބަދަލެއް މިވަނީ އައިސްފައި. އެހެންކަމުން ރަނގަޅު ތައުލީމެއް ދިނުމަށް، އަދި ކުރާ މަސައްކަތުގެ ނަތީޖާ ނެރުމަށް އަމަލުކުރެވޭ މަންހަޖެއް އެބަޖެހޭ އޮންނަން.“ މިއީ ގައުމީ މަންހަޖު އިސްލާހު ކުރުމުގެ މަހާސިންތާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެއް ވާހަކަފުޅެވެ. ކޮންމެ ވާހަކަފުޅެއް ވިދާޅުވިނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބެލެނިވެރިންވެސް ޓީޗަރުންވެސް، އަދި ވެރިންވެސް މިހާރަށްވުރެ ބޮޑަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ. އަވަސް ފިޔަވަޅުތަކެއް ނާޅައި ހިތްހަމަ ޖައްސާލެވެން ނެތްކަމެވެ. ކިޔަވާކުދިން ހޯދަމުންދާ ނަތީޖާއާމެދު ކަންބޮޑުވާން ޖެހޭކަމެވެ.

މިދިޔަ އަހަރު ރާއްޖޭގެ 165 ސުކޫލަކުން ގުރޭޑް ދިހައެއް ނިންމުމަށްފަހު އޯލެވެލް އިމްތިހާނުގައި 7733 ދަރިވަރަކު ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 24 އިންސައްތަ ކުދިންނަށް ބައިވެރިވި ހުރިހާ މާއްދާއަކުން ލިބިފައި ވަނީ ”ޔޫ“ ރިޕޯޓެވެ. އެއީ ގާތްގަނޑަކަށް 2000 ކުދިން ނެވެ. މީގެ މާނައަކީ މި 2000 ކުދިންނަށް އެއްވެސް މިންވަރެއް ނޭނގުމެވެ.

”ހަގީގަތުގައި މިއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން މިހާރުން މިހާރަށްވެސް ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ މައްސަލައެއް. މިހިސާބަށް ކަންތައް ދިޔައިރު އެކަމާމެދު ފިޔަވަޅުތަކެއް އެންމެ އެދެވޭގޮތުގައި އެޅިފައިނުވުމަކީވެސް މައްސަލައެއް. މިދަންނަވަނީ މަދު އަދަދެއްގެ ވާހަކައެއްނޫން. 2000 ކުދިން. މިއީ ބޮޑު ފޭލުވުމެއް.“ މަންހަޖު އިސްލާހުކުރުމުގެ މަހާސިންތާގައި ޑރ. އަބުދުﷲ ވަހީދު ވިދާޅުވި އެވެ.

މިހިސާބަށް ކަންތައް ދިއުމުގައި އެކިމީހުންގެ ޚިޔާލު ވަރަށް ތަފާތެވެ. މައްސަލައަކީ ޒިންމާނަގާނެ ބަޔަކު ނުވުމެވެ. އެއްވެސް ބަޔަކު އެޒިންމާ އުފުލަން ބޭނުންނުވުމެވެ. ޓީޗަރުންވެސް އެޒިންމާ އުފުލާކަށް ބޭނުމެއް ނުވެއެވެ. ބެލެނިވެރިންވެސް ބޭނުމެއް ނުވެއެވެ. މިނިސްޓްރީން، ނުވަތަ އެކަން ރާއްވަވަން ތިއްބެވި ބޭފުޅުންވެސް އެކަމުގެ ޒިންމާ ނަންގަވާކަށް ބޭނުންފުޅެއް ނުވެއެވެ. ހުރިހާ ކަމެއް 30 އަހަރަށް ފުޅުކެނޑޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެއީ ގަބޫލުކުރެވޭ ކަމެއްނޫނެވެ. ނުކުރެވެނީ މިއަދުވެސް ތައުލީމީ ދާއިރާ ހިންގަވަން ތިއްބެވީ ހަމަކުރިންވެސް ހިންގެވި ބޭފުޅުންކަމަށް ވާތީއެވެ.

”މިކަމުގައި މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑު. އެންމެ ބޮޑު އިހުމާލަކީ ކުދިންގެ ނަތީޖާ ސިއްރުކުރުން. މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެންނަކަށް ނޭނގޭ ނަތީޖާތަކެއް. އެބެލެނިވެރިޔަކަށް އެނގެނީ އެބެލނިވެރިޔާގެ ދަރިފުޅުގެ ނަތީޖާ. އެމީހަކުވެސް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވާނެ. އެމީހަކު ހީކުރަނީ އެނެއްމީހާގެ ދަރިފުޅު ވަރަށް މޮޅުކަމަށް. ޓީވީން ރޭޑިއޯއިންވެސް ގޮވަނީ ކުދިން ވަރަށް މޮޅޭ. ބްރިލިއަންޓް އެވޯޑް ހޯދައިފިޔޭ. އެއްވެސް ވަރަކަށް ހަގީގަތް ހާމަވެފައެއް ނުވޭ. މިއީ އެންމެ ބޮޑު މައްސަލަ.“ ތައުލީމީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރެއްވުމަށްފަހު މިހާރު އެހެން ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޚިދުމަތްތެރިއަކު ނަން ހާމަނުކުރެއްވުމަށް އެދިވަޑައިގެން ވިދާޅުވިއެވެ.

އޭނާވިދާޅުވީ މިއަދުވެސް ތައުލީމީ ދާއިރާ ހިންގަވަން ތިއްބެވީ އިހުވެސް ހަމަތިއްބެވި ބޭފުޅުން ކަމަށާއި މިއަދުގެ ހާލަތު ބަދަލު ކުރަންބޭނުންނަމަ އެކަންކުރެވޭނީވެސް ހަމައެބޭފުޅުން ނަށްކަމަށެވެ.

”ބަދަލުވީ ސަރުކާރު. މިނިސްޓްރީއެއްނޫން. މިނިސްޓްރިގައި އެތިއްބެވީ ހަމައެބޭފުޅުން. ޕޮލިސީތައް ރާއްވަވަމުން އެގެންދަވަނީވެސް ހަމައެބޭފުޅުން. އެހެންވީމާ މިކަންރަނގަޅު ކުރެވޭނީވެސް ހަމަ އެބޭފުޅުންނަށް. މިހާރު ހުރިހާ ބެލެނިވެރިންނަށްވެސް އަޅުގަނޑުމެންގެ ފެންވަރު އެނގޭނެ. މޮޅުކުދިންތަކެއް ނެތެކޭ ނުދަންނަވަން. ނަމަވެސް ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ޔޫ ހޯދާ ތަނަކަށް މިރާއްޖޭގެ ސްކޫލުތައްވެސް ވާނެ. އެއީ ޔަގީންކަމެއް. އަޅުގަނޑުމެން ކުރާ ހޭދައާ އަޅާބަލާއިރު މިނަތީޖާ ހަމަސުމެއް. މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެވެންޖެހޭނެ.“ އޭނާ ވިދާޅުވި އެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ނަތީޖާ ދަށްވުމާ ގުޅިފައިވަނީ ހަމައެކަނި ކިޔަވާދޭ ގޮތް ނުވަތަ މެތަޑްތޯ އެވެ؟

”ހިތަށްއަރާ އެއީ ކިހާވަރެއްގެ ވާހަކަފުޅެއްބާއެވެ؟ އަޅުގަނޑުމެންގެ ހާލަތު އެއްވެސް ބޭފުޅަކު ނުވިސްނަވާ. އުޅޭ ތަނަކާމެދު ނުވިސްނަވާ. ކިތަންމެ ރަނގަޅު މުގައްރަރެއް އޮތަސް، ގޭތެރެއިން އެކަށީގެންވާ އެހީތެރިކަމެއް ދަރިންނަށް ދެވެންނެތްނަމަ ކިހިނެއް އެކުދިން ކިޔަވާނީ. މަންމައާއި ބައްޕަ މިއުޅެންޖެހެނީ ބޭރުގައި. ދަރިން ނިންދަވާގޮތާއި، އެކުދިން ފިލާވަޅު ދަސްކުރާގޮތާއި، އުޅެންޖެހިފައިވާ ހާލާމެދު އެކަކުވެސް ނުވިސްނާ. ކިހިނެއް ނަތީޖާ ރަނގަޅު ކުރެވޭނީ.“ މިއީ މަންހަޖު އިސްލާހު ކުރުމުގެ މަހާސިންތާގައި ބޭފުޅަކު ދެއްކެވި ވާހަކައެވެ.

ކޮންމެ ޚިޔާލެއް ނެރުނަސް، ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ރަނގަޅު ނަތީޖާއެއް ނެރެން އެބަމަޖުބޫރުވެ އެވެ. ސަރުކާރުންނާއި މައިންބަފައިން ކުރާހޭދައަކީ ދެކޮޅުޖެހޭ ހޭދައެއްކަމުގައި ހެދުމަށް އިތުރު ގޮތްތަކެއް ހޯދަން އެބަޖެހެއެވެ. މިއަދު ހުސް އަނގަތަޅައިގެން ކުރެވޭނެ އަދި ކުރިހޯދޭނެ ގޮތެއް ނެތެވެ. އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކޮށްގެންވެސް ހޯދޭނެ ހައްލެއް ނެތެވެ. ހައްލުހޯދެން އޮތީ ކޮންމެވެސް ބަޔަކު އެޔޫސެޓްގެ ޒިންމާ ނަގައިގެން ނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އެހެންވީމަ މިވިދާޅުވަނީ ކެރިގެންނޭ ހަމަ މިޤައުމު ހިންގާފައި އޮތީކީ އެއްވެސް ކަމެއް ހިނގާ ނުހިގާ ގޮތްް ބަލާނުލައި ސީދާ ވެރިކަން ދިފާއު ކުރުމަށް ކުރެވޭނެ ހުރިހާ ކަމަކަށް ބަލައިގެންނޭ.. ސިފައިން ތިބޭނީ ތަމްރީނު ވެފަ ވެރިކަން ދިފާޢުކުރުމަށް. ޗުއްޕުވެސް މީހަކަށް އޮޅިގެން ވެރިކަމާ އިދިކޮޅަށް ބުނެވޭތޯ، ބަޑި، ޕަޓާސް އެތެރެކޮށް ބޭނުން ކުރެވުނު ތޯ. ނުކުރެވޭނެ އެކަމަށޭ ތިބީ ސަމާލުވެގެން އެކަންކަން އޭރުގައި ނުކުރެވުނެއް ނޫންތޯ.. އަޅުގަނޑު މިދަންނަވަނީ ސަރުކާރުގެ ވަޒީފާއަކީ މީހަކަށް ޙައިރާތެއް ކޮށްލުން ފަދަ ކަމެކޭ. ދެން އެމީހަކު ކޮންމެ ފަދަ ގޮތަކަށް އުަޅުނަސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯޥޭ. ޤަވާޢިދާއި އުސޫލު ބޮޑެތި ފޮތްފޮތުގައި ލިޔެވި ނުރުހޭ މީހެއް ވެއްޖެޔާ އެޔަށް ޢަމަލު ކުރެވި އެމީހަކަށް ފިޔަވަޅު އަޅާ. ޒިންމާ ނަގާނެ ހަމައެކަކުވެސް ނޯވޭ.އެންމެފަހުން ހުންނެވި ބޭފުޅާވެސް މިހާރު ވިދާޅުވަނީ އަޅުގަނޑު ގޯހެއް ނަހަދަމޭ. ދެން މީ ޤާއުމެއްތޯ - ޤައުމުގެ ދޫ

    އާދިތްތަ، އޮކްޓޫބަރ 4 2009، 16:47
  2. މިގައުމުގެ ތައުލީމީހަޔާތުގެ ބޮޑުބައެއް ހަލާކުވެގެންދިޔައީއަކީ ބަޔަކަށްނޭގިއެއްނޫން، ކޮންމެހެން އެވާހަކަތަށް ތަކުރާރުކުރާކަށް އަޅުގަޑުތަކުރާރުކުރާކަށްނެތީން ، އަޅުގަޑުދައްނާވަންބޭނުންވަނީ މި5 އަހަރުގައި ތައުލީމީ މަންހަޖު ރަގަޅުކޮށްގެން ރާއްޖޭގެ ދަރިންނަށް އެދަރިންގެ މައިންބައިންގެ އަޅާލުމާއި އޯގާވެރިކަން ލިބޭނެ މާހައުލެއްގައި ތިބެގެން ތައުލީމުލިބޭނެ ވަސީލައް ހަމަޖައްސައިގެން ރަގޅު ނަތީޖާއަކަށް ކުދިންނަށް ވާސިލުކޮށްދެއްވުން ، އަޅުގަޑުދައްނަވަން މިއުޅޭވާހައަކީ މާލޭގައި ހަމައެކަނި ތިބިސޮކޫލަތަކަށް ބޭނުންވާހުރިހާވަސީލަތްތަށް ފޯރުކޮށްދޭވަރަށް ރާއްޖޭގެ އެހެނިހެންކަންކޮޅުގައި ތައުލީމުހާސިލްކުރަމުން ގެންދާކުދިންނަށްވެސް އެފުރުސަތު ހޯއްދަވައިދެއްވުމަކީ މިައދު އެޑިޔުކޭޟަން މިނިސްޓަރުގެޒިއްމާއެއްކަމުގައިދެކުން ، އަދި މިހާރުވަރަށްގިނައިންދެކެވޭ ވާހަކައެއް މިހާރު ހިގަމުންދާ ބައެއްޕްރައިމަރީ ސްކޫލަތަކަށް މިއަންނައަހަރުންފެށިގެނ ްގުރޭދް 7، 8 އިތުރކރާވާހަކަ ، އަޅުގަޑަށްވެސް ވަރަށްބޮޑަށް މިކަމަށް ތާއިދުކުރެވޭ ، އެހެންނަމަވެސް މިގޮތަށް ގުރޭޑުތަށް އިތުރުކުރެވޭކަމަށްވާނަމަ އެސްކޫލްތަކުން ކިޔަވަންބޭނުވާ ކުދިންނަށް އެގްރޭޑަށް ބޭނުންވާ ހުރިހާފެސިލެޓީއެއް ފުރހމަކުރައްވައިގެންނޫނީ މިކަންކޮށްގެންނުވާނެ، ވިސްނާލުން އެއްމެރަގަޅުކަމަކަށް ވާންވާނީ މިވަރުގެ ބަދަލެއްގެނެވޭއިރު މިކަމުގެ ފައިދާ ދުރުމުސްތަގުބަލަށް ކުރާނެގޮތަކަށް ބަހައްޓައިގެން ކުރިއަށްގެންދިއުން ، އަޅުގެ އުއްމީދަކީ މިސަރުކާރުން މިގޮތަށް ގެންނަކޮންމެބަދަލަކީ މުޅިގައުމުގެ ހުރިހާދަރިންނަށް ވަރަށް ރަގަޅުހެޔޮފާލަކަށް ވާނޭކަމަށް ، މާތްﷲ އަޅުގަޑުމެންގެ ގައުމުހިންގަންތިއްބެވި ހުރިހާފަރާތްތަކަށް ހެޔޮވިސްނުން މިނަވަރުކުރައްވާށި ، އާމިން . ވައްސަލާމުއަލައިކުމް. = އޭސް =

    ހޯމަ، އޮކްޓޫބަރ 5 2009، 13:01
  3. ފެންވަރު ދަށްވުމުގައި މައިންބަފައިންގެ ޒިންމާގެ ވާހަކަ ދައްކާއިރު އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި މިފަހަކަށްއައިސް އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެޑިޔުކޭޝަން މިނިސްޓްރީންނާއި ސްކޫލްތަކުން ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑަކީވެސް މަންމައަކަށްވީހިނދު އަޅުގަނޑު ކޮންމެ ރެއަކުވެސް ކުދިންގެ ހޯމްވޯކް ހެދުމާއި ފިލާވަޅުދަސްކުރުމުގައި އެކުދިންނާއެކު ވަގުތު ހޭދަކުރަން. އަދި ޓީޗަރުން ކިޔަވައިދީފައި ހުންނަގޮތްތައްވެސް ވަރަށް ކަމުދޭ. އެހެންނަމަވެސް މިހާރަކަށްއައިސް ޓީޗަރުންނަކަށް ނޯވޭ ގިނަވަގުތު ކުދިންނާއެކު ވަގުތު ހޭދަކޮށް އެކްސްޓްރާ ކްލާސްތައް ނަގައިދީ ހެދޭކަށް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތް ކުށްކަމުގައި ނުވަނީނަމަ ޓީޗަރުން އެކުރައްވާ ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ. އޯޓީ ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ. އެހެންނަމަވެސް ލިޓްލްމެއިޑް، ގައިޑް، ސްކައުޓް ފަދަ ހަރަކާތްތަކާއި މިނޫނަސް އެހެނިހެން އެކްޓިވިޓީތައްވެސް އެބޭފުޅުން ހިންގަވަންޖެހޭ. ޕޭޕަރ މާކްކުރުމާއި ލެސަންޕްލޭން ތައްޔާރުކުރުމާއި މިގޮތަށް ދުވާލަކު 8 ގަޑިއިރަށްވުރެ މާގިނަވަގުތު އެބޭފުޅުން ސްކޫލްގައި ހޭދަކުރަންޖެހޭ. އަދި ޚާއްޞަކޮށް ބައެއްސްކޫލްތަކުގައި ހޮނިހިރުދުވަހުވެސް ހެނދުނު ސްކޫލަށް ދާގޮތަށް ހަވީރު ގެއަށްމިއާދެވެނީ. ކުރިއަށް އޮންނަ ހަފްތާގެ ކިޔަވައިދިނުމާގުޅޭ ކަންތައްތައް ކޮށްފައި. މިވެސް ހަމަ އޯޓީއެއް ނެތި އެބޭފުޅުން ކުރައްވާ ކަންތައްތައް. ވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާގޮތެއްގައި ވިސްނަވާ އެބޭފުޅުން އެކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާ އެއާއެއްވަރުގެ އުޖޫރައެއް ދެއްވާށޭ، އޭރުންނޭ އެބޭފުޅުންގެ މަސައްކަތްވެސް ރަނގަޅުވެފައި އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ. ޞިއްހީދާއިރާގައި ނަރުހުންނަށް މަހުމުސާރަ ދީފައި ބޮޑުއަދަދެއްގެ ރިސްކް އެލަވަންސް ދީފައި އަދި އޭގެއިތުރަށް ނުކުންނަ ކޮންމެ ޑިއުޓީއަކަށް ވަކިޢަދަދަކަށް ފައިސާދީފައި މިގޮތަށް ކަންތައްކުރެއްވުމުގެ ބަދަލުގައި ޓީޗަރުންނަށްވެސް މުސާރައިގެ އިތުރުންވެސް އިތުރު އެލަވަންސްދޭން ފެންނަ ވާހަކަ ދަންނަވާލަން މައެއްގެ ހައިސިއްޔަތުން.

    ހޯމަ، އޮކްޓޫބަރ 5 2009، 14:00
  4. އެހެންވީމާ ޙައްލަކީ ޓީޗަރުންނަށް ލެޕްޓޮޕް ލޯނުގެ ގޮތުގައި ދޫކުރުން ދެއްތޯ؟ އެއީތޯ މިސަރުކާރަށް މިކަމުގާ ވިސްނުނު ޙައްލަކީ، ހުރި ހިތާމައެއްގެ ބޮޑުކަމާ!

    ހޯމަ، އޮކްޓޫބަރ 5 2009، 14:02
  5. ޓީޗަރުން ރުއްސަންކަމަށްކަންނޭންގެ މިސަރުކާރުން ލެޕްޓޮޕް ހޯދުމަށް ލޯންދޫކުރުމުގެ އަނދުން ޓީޗރުންގެ މިއަޅުވަނީ. ޓީޗަރުންނަށް ލިބޭ ކުޑަމުސާރަކޮޅުން އަދި ލޯނު ދައްކަންވީ. އޭގެ ބަދަލުގައި އެޑިޔުކޭޝަނުން ކޮންމެ ސްކޫލެއްގައި ކޮމްޕިއުޓަރ ލެބޯޓްރީއެއް ފްރީ އިންޓަނެޓް ކަނެކްޝަން ލިބޭގޮތަށް ޓީޗަރުން ބޭނުންކުރުމަށް ހައްދަވައި ދެއްވިއްޔާ މާރަނގަޅުވާނެ.

    ހޯމަ، އޮކްޓޫބަރ 5 2009، 14:11
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv