މުއްސަނދި ލަސްވެގާސްގެ ހިތްދަތި ދިރިއުޅުން

އޮކްޓޫބަރ 4 2009، 13:51 0 ޚިޔާލު

-މުޙައްމަދު ނަސީމު-

ވަރަށް ހަމަޖެހިގެން ދިރިއުޅޭ ދެމަފިރިންކަމަށްވާ ސްޓީވެންއާއި ކެތަރިންގެ އިންތިޒާމްތައް ރަނގަޅު ގެއެއް އެމެރިކާގެ އެންމެ ތަރައްޤީ އެއް ޝަހަރުކަމުގައިވާ ލަސްވެގާސްގައި ހުރެއެވެ. އެމީހުންގެ ގޭގައި ރަނގަޅުބަދިގެއަކާއި ނިދާކޮޓަރިއެއް ހުންނައިރު އެކޮޓަރީގައި ޑަބަލްބެޑަކާއި ހެދުންއަޅުވާ ހަރެއްގެ އިތުރުން ފޮތްހަރުގަނޑުވެސް ހުރެއެވެ. އަދި އެމީހުން އާމްދަނީ ހޯދަނީ ދުނިޔޭގެ އެންމެ ބޮޑެތި ކެސީނޯ (ޖުވާކުޅޭތަންތަން)ތަކުގެ ތެރެއިން ކެސީނޯއަކުންނެވެ. މިއީ ލަސްވެގާސްގެ ބޮޑުކެސީނޯއެއްގެ ކައިރީގައި ދިރިއުޅޭ ސްޓީވެންއާއި ކެތަރިން އެމީހުންގެ ދިރިއުޅުމުގެ ވާހަކަ ދަސަންގެ ނޫސްވެރިންނަށް ކިޔައިދީފައިވާ ގޮތެވެ.

ސްޓީވެންއާއި ކަތަރިންގެ ވާހަކަތައް މިހެން ހުއްޓަސް އެމީހުންގެ ދިރިއުޅުމުގެ ވާހަކައަކީ މީހުންގެ އާއްމުދިރިއުޅުމާ ވަރަށް ތަފާތު ވާހަކައެކެވެ. އެހެނީ އެމީހުން ދިރިއުޅެނީ އެމީހުން ފަދައިން ދިރިއުޅޭ އެތައް ބަޔަކު ހިމެނޭ ސިއްރު މުޖުތަމަޢެއްގައެވެ.

ސިއްރު މުޖުތަމަޢުގައި ދިރިއުޅޭ ސްޓީވެންއާއި އޭނާ ފަދަ އެހެންމީހުންވެސް ކެސީނޯއިން އާމްދަނީ އެތަނުގެ ބާރއާއި ބަދިގޭގައި މަސައްކަތްކޮށްގެންނެއްނޫނެވެ. ނަމަވެސް އެމީހުން ކުރާކަމަކީ އެމީހުން ބުނާގޮތުންނަމަ ”ކްރެޑިޓް ހަސްލް“ ކުރުމެވެ. އެއީ ކެސީނޯއަށް އަންނަމީހުން އަތުން ވެއްޓިފައި ހުންނަ ފައިސާ ހޯދުމަށްޓަކައި މޭޒުތައް ދޮށް ހޯދުމެވެ. އަދި އެތަނުގައި ހުންނަ ޑަސްބިން ވެސް އެމީހުން ހާވައެވެ.

ލަސްވެގާސްގައި ދިރިއުޅޭ މިސިއްރު މުޖުތަމަޢުގެމީހުން ދިރިއުޅޭ ތަންތަނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތަނަކީ މަޝްހޫރު ކީޒަރ ކެސީނޯ ޕެލަސްގެ ދަށުގައި ހުންނަ ސްޓީވެންއާއި ކެތަރިންގެ ބިންގަރާހެވެ. އެމީހުންގެ ބަދިގޭގައި ތަށިތެލި ފަދަ ތަކެތި ހުންނައިރު އެމީހުންގެ ފާޚާނައިގާ ފެންމާގަނޑުވެސް ހުރެއެވެ. އެއީ އޮފީސްތަކުގައި ފެންބުއިމަށްޓަކައި ބަހައްޓާފައި ހުންނަ ޑިސްޕެންސަރއަކުން ހަދާފައިވާ މާގަނޑެކެވެ.

ސްޓީވެންމެންގެ ކޮޓަރީގައި ހުންނަ އެމީހުން ނިދާއެނދާއި އެމީހުން ބޭނުންކުރާ އެހެނިހެން ސާމާނު ބަހައްޓާފައި ހުންނަނީ ޕްލާސްޓިކް ބާސްކެޓް ބެހެއްޓުމަށް ފަހު އޭގެ މަތީގައި ލަކުޑިޕަލެޓްވެސް އަޅާފައެވެ. އެއީ އެއީ ކޮޓަރީގެ ތަޅުންގަނޑުމަތިން ދެމޭ ހަޑިފެންތަކުން ތަކެތި ސަލާމަތްކުރުމަށްޓަކައެވެ. އެއީ ހޫނު ގަދަ ހިކިދުވަހެއްނަމަވެސް ކައިރިހިސާބެއްގައިވާ ޢިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ތަނަކުން ދޫކުރާ ފެންތަކަކުން އެމީހުންގެ ދިރިއުޅޭ ތަނުގެ ތަޅުންގަނޑު ވަނީ ތެމިފައެވެ.

”އަހަރެމެން މިތަނުގައި ދިރިއުޅުމަށްޓަކައި ވަރަށް ގިނައިން ޚިޔާލީފޮލާކައްކަން.“ ސްޓީވެންއާއި ކެތަރިން ދިރިއުޅޭ ތަނަށް ދަސަންގެ ނޫސްވެރިން ވަނުމަށްޓަކައި މަގުދައްކަމުން ދިޔަ ވަގުތު އޭނާ ބުނެފައިވެއެވެ. އޭނާ ބުނާގޮތުގައި އެމީހުން ނިދާ ގޮދަޑިއަކީ ބަޔަކު އެޕާޓްމަންޓެއް ހުސްކުރިއިރު އެއްލާލަން ނެރެފައި ހުއްޓައި ގެނައި ގޮދަޑިއެކެވެ. އަދި އެތަނުގައި ގިނަތަކެއްޗަކީ އެގޮތަށް ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. ”އެކެއްގެ ކުނިބުންޏަކީ އަނެކަކަށް ރަން“ ސްޓީވެން ބުނެފައިވެއެވެ. ”އަހަރެމެން އެތަކެތި މިތަނަށް ވައްދަނީ ދަންވަރުގެ ވަގުތު“ ގެވެހިސާމާނާއި ފަރުނީޗަރު ހޯދާގޮތް ކިޔައިދެމުން އޭނާ ބުނެފައިވެއެވެ.

ސްޓީވެން ބުނާގޮތުގައި ފައިސާ ހޯދުމުގެ މަސައްކަތްކުރަނީ ރޭނގަޑު އެހެންމީހުން ނިދީމައެވެ. ”އަހެރެންނަށް އެއްރެއެއްގައި އެންމެ ގިނައިން ފައިސާ ލިބުނު ފަހަރު ލިބިފައިވަނީ 997 ޑޮލަރު. އެއީ ފްރުޓް މެޝިނަކުން“ ސްޓީވެންއާއި އޭނާ ފަދައިން ސިއްރުމުޖުތަމަޢުގައި ދިރިއުޅޭ މީހުން އާމްދަނީ ހޯދާގޮތް އޭނާ ކިޔައިދިނެވެ. އޭނާ ބުނާގޮތުގައި ރެއަކު 20 ޑޮލަރު ލިބިއްޖެ ނަމަ އެމީހުންނަށް ފުދެއެވެ. އަދި އާއްމުގޮތެއްގައި އެވަރު ލޮބޭކަމަށާއި 500 ވަރަކަށް ޑޮލަރު ލިބޭރޭރޭ މަދުމަދުން އަންނަކަމަށް ވެސް އޭނާ ބުނެއެވެ.

އެމެރިކާގެ ތަރައްޤީގެ ރަމްޒެއްކަމަށްވާ ލަސްވެގާސްގައި ދިރިއުޅޭ ސިއްރު މިމުޖުތަޢަކީ އެރަށުގައި ފެންހިންދަން ހަދާފައި ހުންނަ ކާނުތަކުގައި ދިރިއުޅޭ ބައެކެވެ. އެމީހުން ނިދާކޮޓަރިއާއި ބަދިގެ އަދި ފާޚާނާވެސް ހަދައިގެން މިއުޅެނީ ފެންހިންދާ ކާނުތަކުގައެވެ. އެއީ އެމީހުންގެ ގެދޮރު ނެތްތާނގައި އަދާކުރާނެ ވަޒީފާއެއްވެސް ނެތީމައެވެ. އެގޮތުން ބިމުއަޑީގެ މިމުޖުތަމަޢުގެ އާބާދީ 700އަށް ވުރެ ގިނަވާނެކަމަށް ސްޓީވެން ބުނެއެވެ.ލަސްވެގާސްގައި ފެންހިންދުމަށްޓަކައި 350 މޭލުގެ ކާނުތަކުގެ ވިއުގައެއް ހަދާފައިވެއެވެ.

”އަހަރެން ލަސްވެގާސްއަށް އައީ މިރަށަކީ ފައިސާއާއި ވަޒީފާ އޮތް ފުރުސަތުތައް ގިނަ ރަށަކަށްވާތީ“ ކާނުގައި ދިރިއުޅޭ އެހެން ދެމަފިރިންކަމަށްވާ އެމީއާއި ޖޭ.އާރު ބުނެފައިވެއެވެ. އެމީހުން ބުނާ ގޮތުގައިއެމީހުން ކާނުގައި ދިރިއުޅޭތާ މިހާރު ދެއަހަރުވެއްޖެއެވެ.

ކާނުގައި ދިރިއުޅޭ ގިނަމީހުން ބުނިގޮތުގައި އެމީހުން އެތަނަށް ދިރިއުޅުން ބަދަލްކުރަން ޖެހުނީ މަސްތުވާތަކެއްޗާއި ޖުވާކުޅުން ފަދަ ކަންތައްތަކުގެ ސަބަބުން އަތްމަތި ހުސްވެ, ގެދޮރު ވިއްކަން ޖެހުން ފަދަ ކަންތައްތަކުގެ ސަބަބުން ގޮތް ހުސްވެގެންނެވެ. އަދި އަނެއްބައިމީހުންނަކީ ފުލުހުންނަށް ފިލުމަށްޓަކައި އެތަނަށް ވަދެތިބި މީހުންނެވެ.

ކާނުތަކުގައި ދިރިއުޅޭމީހުންގެ އިންތިޒާމް ރަނގަޅު ކޮޓަރިތަކާއި ބަދިގެތައް ކޮޓަރިތަކެއް އަދި ބަދިގެ ތަކެއްގެ ގޮތުގައި ދެމިހުރުމަކީ ވަގުތީކަމެކެވެ. އެއީ އެމީހުންގެ ގެ އެގޮތުގައި ދެމިހުންނަނީ ލަސްވެގާސްއަށް ވާރެނުވެހޭނަމައެވެ. ނެވާޑާއަށް ވާރެވެހެނީ މަދުން ކަމަށް ވިޔަސް ވާރޭ ހަމަ ވެހެން ފެށުމާއި އެކު ސްޓީވެންމެންގެ ކޮޓަރި ފެނުން ފުރެއެވެ. އެއީ އެކޮޓަރިއަކީ ފެން ހިންދާ ކާނެއްގައި ހުރި ކޮޓަރިއެއްކަމަށްވާތީއެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި ޣަރަޤުވުމުގެ 20 ހާދިސާ ހިނގާފައިވާއިރު މަރުވިމީހުންގެ ތެރެއިން ގިނަމީހުންނަކީ ކާނުގައި ދިރިއުޅޭ މީހުން ކަމަށް އެމީހުން ބުނެއެވެ.

ސްޓީވެންއާއި ނެތަރިންގެ ވަހަކައަކީ އެފްރިކާގެ ފަޤީރުގައުމެއްގެ މީހުންގެ ވާހަކައެއްނޫނެވެ. ނަމަވެސް މިއީ ކުރިއަރާފައިވާ އެމެރިކާގެ ކުރިއަރާފައިވާ ޝަހަރެއްކަމަށްވާ ލަސްވެގާސްގެ ވާހަކައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv