މަޑި ތޯޅުވުމާ ލޭޒާ އަލިތައް - މާލެ ސަރަހައްދުގައި އުދުހޭ ބޯޓުތަކަށް ނުރައްކަލެއް

މުހައްމަދު އަފްރާޙް އޮކްޓޫބަރ 4 2009، 11:23 0 ޚިޔާލު

”އަހަރެން ބޯޓު ޖައްސަން އައިއިރު މާދުރުން (ލޭޒާބީން)ގެ އަލިކަން ފެންނަން ހުރި. އަހަރެންނަށް ކުރިން އޮތީ އެކަން އަންގާފަ މާލޭގަ ލޭޒާ އަރުވާކަން. ކުއްލިއަކަށް ބޯޓުގެ ކޮކްޕިޓަށް ލޭޒާގެ އަލި އެޅިގެން ދިޔަ. އެއީ ޕައިލޮޓުންނަށް ނުރައްކަލެއް. އުނދަގޫތަކެއް ކުރިމަތި ވާ ކަމެއް.“ދިވެހި ޕައިޕޮޓަކު ނޫހުގައި ނަންނުޖެހުމަށް އެދި ބުންޏެވެ.

ލޭޒާބީން ނުވަތަ ލޭޒާގެ އައްޔަކީ ޕައިލޮޓުންނަށް ކިހާ ނުރައްކާތެރި އައްޔެއް ހެއްޔެވެ؟

މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނުކޭޝަން މަހުމޫދު ރާޒީ ވިދާޅުވީ ލޭޒާބީން ބޭނުން ކުރުމަކީ މާލޭ ބައިނަލް އަގުވާމީ އެއާޕޯޓަށް ޖައްސަން އަންނަ ބޯޓު ފަހަރަށް ”ހުރިހާ ގޮތަކުން ވެސް ވަރަށް ނުރައްކާތެރި ކަމެއް“ ކަމަށެވެ.

”ފްލައިޓުގެ ކޮކްޕިޓް ނުވަތަ ބޯޓު ދުއްވާ ޕައިލޮޓުން ތިބޭތަނަކީ ވަރަށް ފަނޑު އައްޔެއް ހުންނަ ތަނެއް. ކުއްލިއަކަށް އެކަހަލަ ގަދަ އައްޔެއް ޕައިލެޓުގެ ލޮލަށް އެޅުމަކީ ފަހަރެއްގައި ވަރަށް ނުރައްކާތެރި ހާދިސާ އެއް ހިނގުން އެކަށީގެންވާ ކަމެއް.“ ރާޒީ ވިދާޅުވިއެވެ.

ލޭޒާބީންގެ ސަބަބުން ބޭރުގެ ބައެއް ގައުމުތަކުގައި ޕައިލޮޓުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތި ވެފައިވެސް އެބަހުއްޓެވެ.

ރެއަކީ އުޑުމަތި ސާފު ރެއެކެވެ. އެމެރިކާގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ޑެލްޓާ އެއާލައިން ބޮއިން 737 އެމެރިކާގެ ސޯލް ލޭކްސިޓީގެ އެއާޕޯޓަށް ޖައްސަންއައީ ނިޔާމަ ކަމާއި އެކުގައެވެ. އެވަގުތު ބޯޓު ދުއްވަން ތިބި ޕައިލޮޓާއި ކޯޕައިލޮޓުވެސް ފަސިންޖަރުންނާއި އެކު ސަލާމަތުން ބޯޓު ބިމަށް ތިރިކުރެވޭތީ ތިބީ އުފަލުން ނެވެ.

ކުއްލިއަކަށް މަންޒަރު ބަދަލުވެގެން ދިއައެވެ. ތިރި ކުރަމުންދިޔަ ބޯޓުގެ ޕައިލޮޓުންތިބޭ ކޮކްޕިޓުގެ ތެރެއަށް ލޭޒާބީންގެ އަލި އެޅުމާއެކު ބޯޓު ދެއަތަށް ބާރަށް ތެޅިގަނެގެން ދިޔައެވެ. ދެ ޕައިލޮޓުންނަށްވެސް ލިބިގެން ދިޔައީ ކުއްލި ޝޮކެކެވެ. ނަމަވެސް ފަސްޓް އޮފިސަރަކަށް ބޯޓު ދުއްވަންހުރި ޕައިލޮޓުގެ ކުޅަދާނަކަމުން ބޯޓު ކޮންޓްރޯލްކޮށް އަމާން ކަމާއިއެކު އެއާޕޯޓަށް ބޯޓު ތިރިކުރި އެވެ. އެހާދިސާގައި ބޯޓު ދުއްވަންއިން ދެ ޕައިލޮޓުގެ ލޮލަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ. މިއީ 2004 ސެޕްޓެމްބަރު 26ވަނަ ދުވަހު ހިނގާފައިވާ ހާދިސާއެކެވެ.

ދެން އޮތީ ނެޝެނަލް ޖިއޮގްރޮފިކް ޗެނަލް (އެންޖީސީ)އިން ދައްކާ ޕްރޮގްރާމެއް ކަމަށްވާ ”އެއާ ކްރެޝް އިންވެސްޓިގޭޝަން“ ގެ ތަންކޮޅެކެވެ. 40 ފަސިންޖަރުންނާއިއެކު ކޭއެލްމެން ފްލައިޓް އެމްސްޓަޑަމްގެ އެއާޕޯޓަށް ތިރިކުރަމުން އައީ ދުއްވަންތިބި ދެ ޕައިލޮޓުން އެއްވެސް ހިޔާލެއް ފިކުރެއްނެތި އެވެ. ބޯޓު ތިރިކުރުމަށް ފުރޮޅުތައްވެސް ނެރެލުމާއިއެކު ކޮކްޕިޓަށް އެޅިގެން ދިޔަ ގަދަ އަލީގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ޕައިލޮޓުންނަށް ގެއްލިގެން ދެއެވެ. ކޮންޓްރޯލުން ނެއްޓިފައިވާ ބޯޓު އެންޓަނާއެއްގައި ޖެއި ވާތްފަރާތު ބުރަފައްޗަށް ލިބުނު ގެއްލުމާއިއެކު އެމަޖެންސީގައި ބޯޓު ޖެއްސުމަށް ޕައިލޮޓުންނަށް މަޖުބޫރުވެއެވެ.

މިފަދަ ނުރައްކާތެރި ކިތަންމެ ހާދިސާއެއް ”ލޭޒާބީން“ އަލީގެ ސަބަބުން ވައިގެން ދަތުރުފަތުރުގެ ދާއިރާގައި ހިންގާފައި އެބަހުއްޓެވެ. އަދި މަތިންދާ ބޯޓު ފަހަރުގެ ބުރަފަތީގައި ތަފާތު އެއްޗިހި ޖެހުމުގެ ސަބަބުންވެސް ނުރައްކާތެރި ވައިގެ ކާރިސާތައް ހިނގާފައި އެބަހުއްޓެވެ.

ކޮމިއުނިކޭޝަން މިނިސްޓަރ މަހުމޫދު ރާޒީ ވިދާޅުވީ މިހާތަނަށް ކުރެވިފައިވާ ޝަކުވާތަކާއި ގުޅިގެން ބެލިބެލުމުން ބައެއް ފަހަރު މިފަދަކަންތައް މާލެ ކައިރީގެ ބައެއް ރިސޯޓަކުން ވެސް ކުރާކަން އެނގޭ ކަމަށާއި ނަމަވެސް އަނެއްބައި ފަހަރު އެކަންކުރާ ބައެއް ނޭނގޭ ކަމަށެވެ.

” ލޭޒަރ ބީމް ބޭނުން ކުރާނަމަ އެކަން މިނިސްޓްރީ އަށް ކުރިން އެންގުމުހިންމު. އޭރުން އެކަމުން ސަލާމަތްވެ ތިބެގެން ދަތުރު ކުރުމަށް ޕައިލެޓުންނަށް އަންގައި އެކަމުން ރައްކާތެރިވެ ތިބެގެން ދަތުރު ކުރުމަށް މަގުފަހިކޮށް ދެވޭނީ. މިފަދަ ކަންކަން ކުރަންޖެހޭ ގޮތުގެ ގަވައިދުމަށް މިހާރުވެސް އެބަހުރި. ނަމަވެސް މައްސަލައަކީ އެފަދަ ކަންކަމާއިމެދު ހޭލުންތެރިކަން ކުޑައީ.“ ރާޒީ ވިދާޅުވިއެވެ.

”އެކިއެކި މުނާސަބަތު ތަކާއި ގުޅުވައިގެން ވެސް އެކަން ކުރަނީ. ބައެއް ފަހަރު މިވާގޮތަކީ ބައެއް ކަހަލަ ހަފްލާ ތަކުގައި ލޭޒަރ ބީމް ބޭނުން ކުރަނީ.“ ރާޒީ ވިދާޅުވިއެވެ.

ރާޒީ ވިދާޅުވީ ލޭޒާބީމުން އަލި އެރުވުމުގެ އިތުރުން މަޑި އެއްލާ ފަރާތްތަކުންވެސް އެއަރޕޯޓާއި 5 މޭލު ކައިރި ސަރަހައްދުގައި (60 މީޓަރަށް ވުރެ މައްޗަށް) މަޑި އެރުވުމާއި މަޑި ތޯޅުވުން ފަދަ ކަންކަން ކުރުމަކީވެސް މަނާކަމެއް ކަމަށެވެ.

”ތޯޅުވީމާ ކަނޑައިގެންދާ މަޑި ކޮންޓްރޯލެއް ނެތި ގޮސް ފްލައިޓެއްގެ ބައެއްގައި އޮޅުން ނުވަތަ އެނޫންވެސް ގޮތަކުން ކަމެއް ވެއްޖެނަމަ ފްލައިޓަށް ކިތަންމެ ބޮޑު އެކްސިޑެންޓެއް ދިމާވެދާނެ.“

ރާއްޖޭގެ އެއް އެއާލައިން ކަމަށްވާ މޯލްޑިއަންއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މާލޭގެ ސަރަހައްދަކީ ކޮންޓްރޯލްޑް އޭރިއާގެ އެއް ކަމަށާއި މާލެ މަތިންވެސް އުދުހެވޭނީ ވަކިގޮތްގޮތައް ކަމަށެވެ.

”މާލެ ސަރަހައްދަކީ ވެސް ޓްރެފިކް ވަރަށް ބޮޑުތަކެއް. އެހެންވުމުން އެފަދަ ކަމަކުން ޕައިލޮޓުންނަށް ދަތި ތަކެއް ފޯރަފާނެ. ޕައިލޮޓުންވެސް ބުނޭ އެފަދަ ކަމެއް ކުރިން އެނގިފަ އޮތީއްޔާ ރަނގަޅޭ. މަޑިއެއްލުންވެސް އެއީ ސޭފްކަމެއް ނޫން.“ އޮފިޝަލް ވިދާޅުވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv