ރަށްރަށުގައި މިހާރު ހިނގާ މަދަނީ ބަސްނޭހުންތަކުގެ އަސްލު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މަސައްކަތް ފަށައިފި

މިއުސަމް އައްބާސް އޭޕްރީލް 15 2007، 20:48 0 ޚިޔާލު

މިފަހަކަށް އައިސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުން ކުރިއަށް ގެންދާ މަދަނީ ބަސްނޭހުންތަކުގެ އަސްލު ހޯދުމަށް ރާއްޖޭގެ ހިއުމަންސް ރައިޓްސް ކޮމިޝަނުން ބަލާ ތަހުގީގު ކުރުމަށް ވިސްނަމުންދާ ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް ވިދާޅުވީ އެބޭފުޅާއަށް ގަބޫލު ކުރެއްވޭ ގޮތުގައި މިމައްސަލަތައް ދިމާވަނީ ރައްޔިތުންގެ ސަކުވާތަކަށް ރަށްރަށުގެ ވެރިންނާއި އަތޮޅުތަކުގެ ވެރިން މާބޮޑު ވިސްނުމެއް ނުގެން ގުޅުއްވާތީ ކަމަށެވެ.

” މީގެ ކުރިން ރައްޔިތުންގެ ޝަކުވާތަކަކަށް މާބޮޑު ސަމާލުކަމެއް ނުދޭ.“ ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ އެބޭފުޅުންނަށް އެނގިފައި އޮތް ގޮތުން މިހާރު ދިމާވެގެން އުޅޭ ކިނބިދޫ މައްސަލަ އަކީ ވެސް 15 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަ އެއް ކަމަށެވެ.

ސަލީމް ވިދާޅުވީ މިކަންތައްތައް ވެސް ތަހުގީގް ކޮށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ރިޕޯޓް ހުށަހަޅުއްވާނެ ކަމަށެވެ.

” މިހާކުރިއަށް މިގެންދެވޭ ކިނބިދޫ މައްސަލައިގެ ތެރޭގައިވެސް މިކަންތައްތައް ތަކުގެ އަސްލު ހޯދުމަށް މަސައްކަތް ކުރެވޭނެ.“ ސަލީމު ވިދާޅުވި އެވެ.

ސަލީމްގެ ވާހަކަފުޅުގައި މިހާރު މައްސަލަތައް ޖެހި އެންމެ ފަހުން މައްސަލަ ނިމިގެންދަނީ ކޮންމެވެސް ބަޔަކާ ކުރިމަތި ލުންތަކެއް ހިނގައިގެންކަން ފާހަގަ ކުރެއްވި އެވެ.

” އަޅުގަނޑުމެން މިދަންނަވަނީ ކުރި މަތި ލުމަކަށް ދިއުން އެއީ ވަރަށް ދެރަކަމެކޭ ކުރިމަތި ލުމަކަށް ގޮސްގެން ނުވާނޭ.“ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިހާރު ކިރިޔާވެސް ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމެއް ދިމާ ވިޔަސް އެކަމަކާއި ގުޅޭ އިދާރާއެއް ނުވަތަ ރަށު އޮފީސް ބަންދު ކުރަނީ ކަމަށާ މިކަމަކީ ވަރަށް ދެރަކޮށް ހިނގަމުން އަންނަ ކަމެއް ކަމަށެވެ.

” އަޅުގަނޑުމެން ރައްޔިތުން ނަށާއި އަދި ރަށްރަށާއި އެހެން ވެސް މިކަމާއި ގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރާނަށް.“ ސަލީމް ވިދާޅުވި އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv