
ދިވެހިމަހުން އުފައްދާ އުފެއްދުންތައް އިކޯ ލޭބަލަކާ ދިމާއަށް
”ދިވެހި މަސްވެރިކަމަކީ ތިމާވެއްޓާއި ރަހުމަތްތެރި މަސްވެރިކަމެއް“ މިއީ ދިވެހިންގެ މަސްވެރިކަން ބޭރުގައި އިސްތިހާރު ކުރުމަށް ދިވެހިން އެންމެ ބޭނުންވާ އެއްގޮތެވެ. ނަމަވެސް ދިވެހިން އަންޒަމާނުން ފެށިގެން ”އެއްޗަކުން އެއްޗަކުން“ ބާނަމުން އައިކަމުގައި ވިއަސް މިހާތަނަށްވެސް ”ތިމާވެއްޓާއި ރަހުމަތެރި“ ލޭބަލް ވަނީ ލިބޭގޮތް ނުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ތިމާވެއްޓާއި ހަރުމަތްތެރި ލޭބަލެއް ދިވެހިންނަށް ލިބުނުކަން އިހުސާސްވާނީ ދިވެހިން ބާނާމަހަށް ހާއްސަ އަގެއް ލިބިގެން ލިބިގެން ދިއުމެވެ. އެއީ ދިވެހިންނަނީ އެއްވެސް ޒަމާނެއްގައި ދާއަޅައިގެން ”ކަނޑުކަހާލާ“ ބަޔަކަށް ނުވުމެވެ.
ދިވެހިރާއްޖޭގެ މަސް އެކްޕޯޓަރުންގެ ޖަމިއްޔާ މޯލްޑިވްސް ސީފުޑް އެސޯސިއޭޝަން ގެ ރައީސް އަހުމަދު ބުންޔާމީން (ބުންޔާ) ވިދާޅުވީ ދިވެހި މަސްވެރިކަމުން އުފައްދާ އުފެއްދުންތަކަށް ބައިނަލް އަގުވާމީ މާކެޓް ގަބޫލުކުރާ އެމްއެސްސީ ސެޓްފިކެޓް (އިކޯލޭބަލް) ހޯދުމަށް ފުލް އެސެސްމަންޓެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެސެސްމަންޓް ކުރިއަށް ގެންދިއުމަށް ނޮވެމްބަރު މަހު މޯޑީމެރިން ކިޔާ ބޭރުގެ ބަޔަކު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
”އެއީ އެފަދަ އެސެސްމަންޓް ހަދާ ބައެއް. އެމީހުން ރާއްޖެ އައިސް ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހާ ގޮތެއްގެ މައުލޫމާތު ހޯދާނެ. މަސްބޭރު ކުރާ ގޮތެއްވެސް ބަލާނެ“ ބުންޔާ ވިދާޅުވިއެވެ.
ބުންޔާ ވިދާޅުވީ މޯޑީމެރިންގެ ފަރާތުން ރާއްޖޭގައި ހަދާ އެސެސްމަންޓްގައި ރާއްޖޭގައި ކުރާ ކަޅުބިލަމަހާއި ބޮޑުކަންނެލީގެ މަސްވެރިކަމާ ބެހޭ މައުލޫމާތު އެއްކުރާނެ ކަމަށާއި އެމްއެސްސީ އިކޯލޭބަލްގައި އަންނަ އަހަރުގެ ކުރީކޮޅު މަސްބޭރު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
”މިކަމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ އަޅުގަނޑުމެން ބޭރުކުރާ މަހަށް ރަނގަޅު އަގެއް ލިބުން. އަޅުގަނޑުމެންނަށް ސަސްޓޭނަބަލް މަސްވެރިކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ. އެކަމުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ރަނގަޅު ފައިދާތަކެއް ކުރާނެ.“ ބުންޔާ ވިދާޅުވިއެވެ.
”މި ސެޓްފިކެޓް ހޯދުމަށް ޔޫރަޕަށް މަސްބޭރުކުރާ އެހެން ފަރާތްތަކުންވެސް މަސައްކަތް ކުރާނެ. ސިލޯނު ތަންތަނުންވެސް ވަރަށް ބޭނުންވާނެ އެކަން ކުރަން. ނަމަވެސް އަޅުގަނޑުމެން ސެޓިފައި ވާހާ ފަސޭހައިން އެހެން މީހުން ސެޓިފައިވާނެ ހެނެއް ހިޔެއް ނުވޭ.“
މޯލްޑިވްސް ސީފުޑް އެސޯސިއޭޝަނުން، މެރިން ސްޓިވާޑްޝިޕް ކައުންސިލް (އެމްއެސްސީ)ގެ އިކޯލޭބަލް، ސެޓްފިކެޓް ދިވެހިން އުފައްދާ މަހުގެ އުފެއްދުންތަކަށް ހޯދުމަށް ކުރަމުން ގެންދާ މަސައްތްކަތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ނެރެފައިވާ ބަޔާނެއްގައި ވާ ގޮތުން އެމްއެސްސީގެ އިކޯ ލޭބަލް ދިވެހި މަސްވެރިކަމުން އުފައްދާ އުފެއްދުންތަކަށް ހޯދުމުގެ ގޮތުން ފުލް އެސެސްމަންޓެއް ހެދުމަށް ފިޝަރީޒް މިނިސްޓްރީ އާއި ސީފުޑް އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މެރިން ސްޓިވާޑްޝިޕް ކައުންސިލް (އެމްއެސްސީ)އަކީ 17 ފެބްރުއަރީ 1997ގައި އިނގިރޭސިވިލާތުގެ ލަންޑަނުގައި އުފައްދާފައި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
މޯލްޑިވްސް ސީފުޑް އެސޯސިއޭޝަނުން ބުނީ އެމްއެސްސީ އުފެދުނު އަހަރުގެ ޑިސެމްބަރުމަހު އދ. ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާގެ މަސްވެރިކަމާ ބެހޭ ގަވައިދުގެ ދަށުން ” ޒިންމާދާރުކޮށް މަސްވެރިކަން ކުރާ ފަރާތްތަކުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި އެއްގޮތަށް މަސްވެރިކަން ކުރާ ފަރާތްތައް ބެލޭނެ ގޮތެއް ކަނޑައަޅައި އެމްއެސްސީގެ އަމިއްލަ އިކޯލޭބަލެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.“
ސީފުޑް އެސޯސިއޭޝަނުން ބުނީ އެމްއެސްސީގެ މަސައްކަތް 1999ވަނަ އަހަރު ރަސްމީކޮށް ފެށުމަށްފަހު މިއަހަރުގެ މާޗްމަހުގެ ނިޔަލަށް ދުނިޔޭގެ އެކިގައުމުތަކުގައި އުފައްދާ މަހުގެ 100 ބާވަތަކަށް އިކޯލޭބަލް (އެމްއެސްސީ ސެޓްފިކެޓް) ހޯދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑެންމާކް، ނޯވޭ، ފަރަންސޭސިވިލާތް، ސްކޮޓްލޭންޑް، އިނގިރޭސިވިލާތް، އިންޑިއާއި އެފްރިކާގެ ގައުމުތަކުން އެކި ބާވަތްތަކުގެ މަސްވެރިކަމަށް އެމްއެސްސީ ލޯގޯ ހޯދާފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި އެ ޖަމިއްޔާގެ ލޭބަލް ކޮށްފައިވާ ބާވަތްތަކުގެ އަދަދު 608އިން 1421އަށް އިތުރުވެފައިވާ ކަމަށެވެ.
”ޔޫރަޕާއި އެމެރިކާގެ އެންމެ ބޮޑު ސްޕަމާކެޓް ޗެއިންތަކުންވެސް އެމްއެސްސީ ލޯގޯ ޖަހާފައިވާ އުފެއްދުންތައް ވިއްކުމަށް އިސްކަން ދޭ. މީގެ ތެރެއިން ބައެއް ސްޕަމާކެޓްތަކުން އެޖަމިއްޔާގެ ލޯގޯ ޖަހާފައިވާ އުފެއްދުންތައް ހަމައެކަނި ވިއްކުމަށް ނިންމާފައިވަނީ.“ ސީފުޑް އެސޯސިއޭޝަނުން ބުނެއެވެ.
”ދުނިޔޭގެ މަހުގެ ސްޓޮކް މަދުވަމުން އަންނަ ކަމަށް ދިރާސާކުރާ ފަރާތްތަކާއި ސައިންޓިސްޓުން ބުނަމުން އަންނަ މިފަދަ ދުވަސްވަރެއްގައި ޒިންމާދާރު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ވިސްނަން މިވަނީ ޖެހިފައި. ދިވެހިރާއްޖެއިން ކުރަމުން އަންނަ ތިމާވެއްޓާއި ރަހުމަތްތެރި މަސްވެރިކަން ދުނިޔޭގެ ބޮޑެތި ގައުމުތަކަށް އިސްތިހާރު ކުރުމަށް އެމްއެސްސީ ފަދަ ކާމިޔާބު އިކޯ ލޭބަލެއް ހޯދުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް މި އެސޯސިއޭޝަނުން ދެކެން. މިކަމަށް މަގުފަހި ކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީގެ ދައުރު ވަރަށް ބޮޑު ކަން ފާހަގަކޮށް އެމިނިސްޓްރީއަށް މި އެސޯސިއޭޝަނުން ޝުކުރުވެރިވަން“ ސީފުޑް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސީފުޑް އެސޯސިއޭޝަނުން ބުނީ ވޯލްޑް މާކެޓްއިން 2011ވަނަ އަހަރުގެ ފަހުން އެމްއެސްސީ ލޭބަލް ނެތް އެއްވެސް ބާވަތެއްގެ މަހެއް ނުވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
ހަމަޔަގީނުންވެސް މިއީ ދިވެހިމަސްވެރިކަމުގެ ސިނާއަތައް އުފާވެރި ހަބަރެކެވެ. އެއީ މަސް އެކްޕޯޓު ކުރާ ފަރާތްތަކަށް ރަނގަޅު އަގެއް ލިބިއްޖެނަމަ އެއަގު މަސްވެރިންގެ ޖީބުތަކާއި ހަމައަށް ފޯރުކޮށްދިނުމުގެ އަޒުމުގައި ކުންފުނިތައް ތިބުމެވެ.