މަރުގެ ކުރިން ބުނެފައިވާ ފަހުބަސްތައް

ސެޕްޓެމްބަރ 30 2009، 13:39 0 ޚިޔާލު

-މުޙައްމަދު ނަސީމު-

އެމެރިކާގެ ޓެކްސަސްގެ ޖަލުގައި މަރުގެ އަދަބުދީފައިވާ އަދި މަރުގެ ހުކުމް ތަންފީޒުކުރުމުގެ އިންތިޒާރުގައި ތިބި އެތައް ބައެއްގެ ފަހުބަސްތައް ޓެކްސަސްގެ ކަމާބެހޭ އިދާރާއިން ވަނީ ފުރަތަމަފަހަރަށް އާއްމުކޮށްފައެވެ.

އެމެރިކާގެ އެހެން ހުރިހާ ސްޓޭޓަކަށް ވުރެ ގިނައިން މީހުންނަށް މަރުގެ އަދަބުދޭ ޓެކްސަސްގެ އަދަބުތަންފީޒުކުރުމާ ބެހޭ އިދާރާއިން ވަނީ 1982ވަނަ އަހަރުން ފެށިގެން އެސްޓޭޓްގައި މަރުގެ އަދަބުދީފައިވާ އެންމެންގެ ފަހުބަސްތައް އާއްމުކޮށްފައިކަމަށް އިނގިރޭސިވިލާތުގެ ދުވަހުނޫހެއްކަމަށްވާ ޑެއިލީމެއިލްގެ ވެބްސައިޓްގައިވެއެވެ.

ޓެކްސަސްގެ ހަންޓްސްވައިލްނަމަކަށްކިޔާ ޖަލުގައި މަރުގެ އަދަބުތަންފީޒުކުރާ ކޮންމެ މީހަކަށްވެސް އެމީހަކު އެންމެ ފަހުބަހެއްގެ ގޮތުން ބުނެލަން ބޭނުންވާ ވާހަކައެއް ބުނެލުމުގެ ފުރުސަތު ދެއެވެ. ފާހަގަކޮށްލެވޭ ކަ މަކީ އެގޮތުން ފުރުސަތުލިބުނު ގިނަމީހުން ފަހުބަހެއްގެ ގޮތުން ބުނެފައިވަނީ އެމީހުންނަކީ ކުށްވެރިން ނޫންކަމުގައި ވުމެވެ. އަދި އަނެއްބައިމީހުން އެމީހުންގެ މަރުގެ ވަގުތުގައި ވަރަށް ހިތްވަރުދައްކާފައިވާކަންވެސް ފާހަގަކުރެވެއެވެ.

އަހަރެން ބުނީ އަހަރެން ޖޯކެއް ކިޔައިދޭން ބޭނުމޭ. މަރުގެ ސަބަބުން އަހަރެން މިނިވަންވެއްޖެ. އެންމެ ބޮޑު ޖޯކަކީ މިއީ“ މީހުން މެރިކަމުގެ ކުށުގައި މަަރުގެ އަދަބުތަންފީޒުކުރި ޢުމުރުން 30 އަހަރުގެ ޕެޓްނައިޓް ފަހުބަހެއްގެ ގޮތުން ބުނެފައިވެއެވެ.

މަރުގެ އަދަބުގެ އިންތިޒާރުގައި 16 އަހަރު ހުރުމަށް ފަހު 2007ވަނަ އަހަރު ހުކުމް ތަންފީޒުކުރި ޕެޓް އޭނާއަށް ހެޔޮއެދޭމީހުންގެ ކިބައިން އެދިފައިވަނީ އޭނާ މަރުގެ އަދަބާ ކުރިމަތިލާވަގުތު ކިއުމަށްޓަކައި ޖޯކް ފޮނުވައިދިނުމަށެވެ. އެހެންވެ އޭނާއަށް ހެޔޮއެދޭ ފަރާތްތަކުން 30,000އަށް ވުރެ ގިނަ ޖޯކް އޭނާއަށް ފޮނުވިއެވެ. ނަމަވެސް އެއިން އެއްވެސް ޖޯކެއް ޕެޓް އެންމެ ފަހުވަގުތު ކިޔާފައެއް ނުވެއެވެ.

ޓެކްސަސްގެ ކްރިމިނަލް ޖަސްޓިސްޑިޕާޓްމަންޓުން ހާމަކުރި ފަހުބަސްތަކުގެ ލިސްޓްގެ އެންމެ ކުރީގައި ވަނީ 1982ވަނަ އަހަރު މަރުގެ އަދަބުތަންފީޒުކުރި ޢުމުރުން 40 އަހަރުގެ ޗާލީ ބްރޫކްގެ ފަހުބަހެވެ.

”މިވަގުތު މިހަށިގަނޑަށް ވާނެގޮތަކާއި މެދު އަހަރެން އެއްގޮތަކަށްވެސް ބިރެއް ނުގަނޭ. އަހަރެން ބިރުގަންނަނީ މިވަގުތު އަހަރެން ދިރިހުރުމަށް ނުވަތަ މަރުވުމަށް ކަނޑައެޅުއްވުމުގެ ބާރު ލިބިވޮޑިގެންވާ ﷲ އަށް އެކަނި.“ ޗާލީ ބްރޫކް އޭނާގެ ފަހުބަހެއްގެ ގޮތުގައި ބުނެފައިވެއެވެ. އޭނާއަށް މަރުގެ އަދަބުދިނީ ކީއްވެކަމެއް ޑެއިލީމެއިލްގައި ހާމަކޮށްފައެއްނުވެއެވެ.

ޓެކްސަސްގެ ކްރިމިނަލްޖަސްޓިސްޑިޕާޓްމަންޓުން ހާމަކުރި ފަހުބަސްތަކުގެ ލިސްޓްގައިވާ އެންމެ ފަހުގެ ބަހަކީ މިދިޔަ ހަފްތާގައި މަރުގެ އަދަބުދިން ޢުމުރުން 38 އަހަރުގެ ކްރިސްޓޮފަރކޯލްމެންގެ ފަހުބަހެވެ. ޑްރަގްޑީލެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ތިންމީހެއްގެ ގަޔަށް ބަޑިޖަހާމަރާލި ކްރިސްޓޮފަރ ބުނެފައިވާ ގޮތުގައި އޭނާ ހުރިހާ އެންމެންދެކެވެސް ލޯބިވެއެވެ.

މިއަހަރުގެ މާޗްމަހު މަރުގެ އަދަބުދިންމީހެއްކަމަށްވާ ވިލީޕޮންޑެކްސްޓަރ ފަހުނޭވާއާ ހަމައަށްވެސް ބުނަމުން ގޮސްފައިވަނީ އޭނާއަކީ ކުށެއްނެތްމީހެއްކަމަށެވެ.

”އެމީހުން އަހަރެންނަށް މަރުގެ އަދަބުދީފާނެ. އެކަމަކު އެމީހުން ނަށް އަހަރެންނަށް އަދަބެއް ނުދެވޭނެ. އެއީ އެމީހުންނަށް ކުށެއް ނެތްމީހަކަށް މަރުގެ އަދަބު ނުދެވޭނެތީ.“ ވިލީ އެންމެ ފަހުން ކޮށްފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެއެވެ. އޭނާއަށް މަރުގެ އަދަބުދިނުން އޭނާ ސިފަކޮށްފައިވަނީ ގޯހެއްގެ ގޮތުގައެވެ.

”މިކަމުގައި ގޯހެއް ނުހަދާތި. މުޖުތަމަޢަށް އަހަރެން އަދާކުރަންޖެހޭ އެއްވެސް އަގެއް ނޯންނާނެ. ކުށެއްނެތް މީހުންނަށް އެހީތެރިވެދީގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރުން ކުރިއަށްގެންދޭ. އަހަރެންނަކީ ކުށެއްނެތްމީހެއް.“ ވިލީގެ ފަހުބަސްތަކުގެ ތެރޭގައި ހިމެނެއެވެ. އުމުރުން 35 އަހަރުގެ ވިލީޕޮންޑެކްސްޓަރ އަށް މަރުގެ އަދަބުދީފައިވަނީ ގެއަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި 85 އަހަރުގެ އަންހެނެއްގެ ބޮލަށް ބަޑިޖަހާމަރާލިކަމުގެ ކުށުގައެވެ.

1984ވަނަ އަހަރު މަރުގެ އަދަބުލިބުނު ތޯމަސް ބާފޫޓް އޭނާއަށް ލިބުނު އަދަބު ގުޅުވާލާފައިވަނީ ސިހުރުހަދާ އަންހެނުންނާއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއާ ދެކޮޅަށް ރޭވި އެއްވެސްމީހަކާ މެދު އޭނާގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ.

ގިނަމީހުން އެމީހުންގެ ފަހުވަގުތުވެސް ކުށަށް އިއުތިރާފްވުމަށް އިންކާރުކުރި ނަމަވެސް 2007ވަނަ އަހަރުގެ ޖޫންމަހު މަރުގެ އަދަބުތަންފީޒުވި ނިއުޓަން އެންޑަރސަން ވަނީ އޭނާގެ ކުށްގަބޫލުކޮށްފައެވެ.

”އަހަރެންނަކީ ކުށްވެރިއެއް، އަހަރެން އެކަމާ ދެކޮޅެއް ނުހަދަން، އެމީހުން (ފުލުހުން) އަތުގައި ރަނގަޅު ހެކި އެބަހުރި، މީހުންނަށް އަހަރެން ވަނީ (ކުށްކުރަނިކޮށް) ފެނިފައި. އެހެންވީމާ އަހަރެން ބުނާނީ ކީކޭ؟“ ގެއަކުން ވައްކަންކުރަން ވަދެފައި އެގޭގައި ތިބި ދެމަފިރިންގެ ގަޔަށް ބަޑިޖަހާމަރާލިކަމުގެ ކުށުގައި މަރުގެ އަދަބުދިން ނިއުޓަން އޭނާގެ ފަހުވަގުތުކޮޅު ބުނެފައިވެއެވެ.

ނިއުޓަންއާ އެއް މަހެއްގައި މަރުގެ އަދަބުލިބުނުމީހެއްކަމަށްވާ ޖޭމްސް ޖެކްސަން ވަނީ އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރި ޖަލުގެ މުވައްޒަފުންނަށް އިންޒާރެއްދީފައެވެ. ”އަނެއް ފަރާތުން ކަލެއާ ބައްދަލުކުރާނަން. ވާޑެން. އަހަރެން ގަތުލުކުރޭ.“ އޭނާ ބުނެފައިވެއެވެ.

މަރުގެ އަދަބުދިން މީހުންގެ ފަހުބަސްތައް ޓެކްސަސްގެ ކްރިމިނަލް ޖަސްޓިސް ޑިޕާޓްމަންޓުން އާއްމުކޮށްފައި މިވަނީ ޢުމުރުން 53 އަހަރުގެ ރޯމެލް ބްރޫމްއަށް އޮހިއޯގައި މަރުގެ އަދަބުދޭން އުޅެ އެކަން ނުކުރެވިގެން ލަސްކުރިތާ އެއްހަފްތާފަހުންނެވެ. އޭނާއަށް މަރުގެ އަދަބުދިނުން ލަސްކުރަން ޖެހުނީ ވިހަ އިންޖެކްސަން ރަނގަޅަށް ޖެހޭ ފަދަ ނާރެއް އޭނާގެ ގައިން ޖަލުގެ ސްޓާފުންނަށް ނުފެނިގެންކަމަށް ވެއެވެ.

މަރުގެ އަދަބުދިނުމާއި ހައްދުޖެހުން ފަދަ ކަންތައްތައް އިސްލާމީ ގައުމުތަކުގައި ކުރުމަށް ދެކޮޅުހަދާ އެމެރިކާގެ ހަމަ އެކަނި ޓެކްސަސްސްޓޭޓްގައިވެސް މިއަހަރު 18 މީހަކަށް މަރުގެ އަދަބުދީފައިވެއެވެ. އަދި މަރަން ހުކުމްކޮށްފައި ހުރި 300 މީހުން ޓެކްސަސްގެ ޖަލުގައި މިހާރުވެސް އެބަތިއްބެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv