
ކަރަންޓާއި ފެނަށް ސަބްސިޑީ ދިނުން - އިންސާފުން ކުރެވިދާނެ ކަމެއްބާ؟
ދިވެހި ރައްޔިތުން ބޭނުންވެގެން ވެރިކަން ބަދަލުކުރީ ގިނަ ކަންތައްތަކަކަށް އުއްމީދު ކުރަމުންނެވެ. އެމްޑީޕީގެ ފަސް ވައުދަކީ ދިވެހިންގެ އެންމެ ބޮޑެތި ބޭނުންތަކާ ގުޅޭ ވައުދުތަކަށްވާތީ އެކަންތައް ފުރިހަމަވެއްޖެނަމަ ދިވެހިންނަށް ފާގަތި އުފާވެރި ދިރިއުޅުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން އަހަރަކާ ކައިރިވާއިރު ގިނަ ހުވަފެންތަކުގައި ކުލަ ޖެހޭ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި އުއްމީދު ގެއްލޭފަދަ ކަންތައްތަކެއް ދަނީ ފެންނަމުންނެވެ.
މިހާރު އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުޑަކުރާ ވާހަކަ އާއި ކަރަންޓްގެ އަގު އަންނަ ނޮވެމްބަރުމަހުން ފެށިގެން ބޮޑުކުރާ ވާހަކައެވެ. މިކަން އެންމެންގެ ސަމާލުކަމަށް އައިސްފައިވާ ސަބަބަކީ މުސާރަ ކުޑަވާއިރު ކަރަންޓަށް ކުރަން ޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ. އެހެންކަމުން މި މައްސަލަ މިހާރުވަނީ ޤައުމީ މައްސަލައެއްގެ ގޮތުގައި ބަހުސް ކުރެވެން ފަށާފައެވެ.
ކަރަންޓް އަގު ބޮޑުކުރާ ދުވަސް އިއުލާން ކުރުމުގެ ކުރިން ސަރުކާރުންވަނީ ކަރަންޓާއި ފެނަށް ސަބްސިޑީޒް ދޭނެ ކަމަށް އިއުލާންކޮށްފައެވެ. އެހެން ނަމަވެސް މިއީ ކޮން އުސޫލަކުން ދޭން ހަމަޖެހިފައިވާ އެއްޗެއް ކަމަށް ބުނެފައެއް ނެތެވެ. ބުނެފައިވަނީ ކަރަންޓް ބިލާއި ފެން ބިލު ނުދެއްކޭ ފަރާތްތަކަށް ސަބްސިޑީޒްދޭނެ ކަމަށެވެ. ސަރުކާރުގެ ޕޮލިސީ އަކީ ނިކަމެތިންނަށް އެހީވުން ކަމަށާއި ކަރަންޓަށް މީގެ ކުރިން ސަރުކާރުން ސަބްސިޑީޒް ދެމުން އައީ ޚިދުމަތްދޭ ފަރާތަށް ކަމަށާއި އޭގެ ސަބަބުން އެންމެ މުއްސަދި މީހާއަށްވެސް އެ ސަބްސިޑީޒްގައި ބައިވެރިވެވޭ ކަމަށެވެ. ނަމަވެސް ޚިދުމަތް ލިބިގަންނަ މީހާއަށް ސަބްސިޑީޒް ދިނުމުން ފަގީރު މީހާއަށް ލިބޭ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
މިކަން މިގޮތަށް ކުރުމަށްޓަކާ ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަނީ ފޯމެއް ތައްޔާރުކޮށް ކަރަންޓާއި ފެނަށް ކުރާ ޚަރަދުތައް ބަލާފައެވެ. އިއްޔެއަކީ އެފޯމް ހުށަހަޅަން ޖެހޭ ދުވަހެވެ. 4 ސަފްހާގެ މައްޗަށް އެކުލަވޭ އެ ފޯމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ގޭގައި ބޭނުންކުރާ ކަރަންޓް ސާމާނާއި ކަރަންޓް ބިލާއި ފެން ބިލަށް އާއްމުކޮށް ދައްކާވަރާއި އެބިލްތައް ދައްކާ މީހުންނާއި ގޭގައި އުޅޭ ހުރިހާ މީހުންނަށް ވަކިވަކިން އާމްދަނީ ލިބޭ މިންވަރާއި ކުއްޔަށް ދައްކާ މިންވަރެވެ. މި މައުލޫމާތުގެ އަލީގައި ކަރަންޓް ބިލާއި ފެންބިލު ނުދެއްކޭނެ ޙާލަތުގައި ތިބި މީހުން ސަރުކާރުން ދެނެގަނެ އެމީހުންނަށް ސަބްސިޑީޒްއެއް ދޭނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ސުވާލު އުފެދެނީ އިންސާފުން އެކަން ކުރެވިދާނެ ބާވައެވެ؟ ތެދު މައުލޫމާތު ދޭނީ ކިތައް މީހުން ހެއްޔެވެ؟
އެއްޗެއް ލިބޭނަމަ ހޯދުމަކީ ދިވެހިންގެ ސަގާފަތެކެވެ. އީދު ދުވަހާއި އީދު ވިލޭރޭ ކާނެ ފަދަ ނެތް މީހުންނަށް ދޭ ޒަކާތު ފައިސާ ލިބޭ އެތައް ކަތީބުންނެއް އެބަތިއްބެވެ. ސުނާމީގައި އެއްވެސް ގެއްލުމެއް ނުލިބެނީސް އަމިއްލައަށް ގެއްލުން ދީގެން ބޮޑެތި އަދަދުތައް ހޯދި މީހުން މަދެއް ނޫނެވެ. ސަރުކާރުގެ އެންމެ އިސްމަޤާމުތަކުގައި ތިބެ މާލޭން ގެދޮރު ކުއްޔަށްދީގެން އެތައް ފައިސާއެއް ހޯދާމީހުން ސަރުކާރުގެ ޚަރަދުގައި ބޭސްކުރަން ދެއެވެ. މިއީ ލޯ ކުރިމަތީގައި ފެންނަން ހުރި ހަގީގަތްތަކަށް ވާއިރު އަނެއްކާވެސް އެއްކަލަ މީހުންނަށް އާ ދޮރެއް ހުޅުވިގެން ދަނީ އެވެ. ޔަޤީން ކުރެވޭ ގޮތުގައި އޮޅުވާލައިގެންނާއި މަކަރު ހަދައިގެންވެސް މުއްސަދި އެތައް ބަޔަކު އެ ސަބްސިޑީ ހޯދާނެ އެވެ. މިއޮތް ހުރިހާ ދުވަހުވެސް އެކަން ކުރި އުސޫލުންނެވެ. އެހެންވެއްޖެނަމަ އެކަން ވެގެންދާނީ ނިކަމެތިންގެ މޫނުމަތީގައި އަޅާ ލެވޭ ވަރުގަދަ ތަފާލަކަށެވެ.
ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ދުވާލަކަށް 21 ރުފިޔާ ނުލިބޭ މީހުންނޭ ސަރުކާރުން ހާމަކުރުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވެ ފަގީރުން ހާދަ ގިނައޭ ބުނި އަޑުއެހީމެވެ. ނަމަވެސް އެކަން ޤަބޫލު ކުރަން ދަތިވަނީ ރާއްޖޭގެ 18 އަހަރުންދަށުގެ އާބާދީވެސް އެއަށްވުރެ ބޮޑުވީމައެވެ. 18 އަހަރުންދަށުގެ ކޮންމެ ކުއްޖަކީ މުސާރައެއް ލިބޭނެ ކުއްޖެއް ނޫނެވެ. އެހެންވެއްޖެނަމަ އެއިން އެއްވެސް މީހަކަށް ދުވާލަކު 21 ރުފިޔާއެއް ނުލިބޭނެ އެވެ. ރާއްޖޭގެ ކިޔަވާ ކުދިންގެ އާބާދީވެސް މިހާރުވަނީ ލައްކައަކަށް އަރާފައެވެ. އެހެންކަމުން މިއީ ބޮޑު އިޝޫއަކަށް ހަދައިގެން ދައްކަން ޖެހޭ ވާހަކައެއް ބާވައެވެ؟
މާލޭގައި ކުއްޔަށް އުޅޭ ކޮންމެ މީހަކީވެސް ހަމަ ހާލުގައި އުޅޭ މީހެކޭ ބުނެވިދާނެ އެވެ. މަޖީދީމަގުން 4 ފިހާރަ އާއި ދެ ރިސޯޓް އޮންނަ މީހުން ފިޔަވައެވެ. އެފަދަ މީހުން ގަނެގެން ނަމަވެސް އަމިއްލަ ގެއެއްވެސް މާލޭގައި ހުންނާނެ އެވެ. މާލޭގައި ބިންކޮޅެއް އޮތް ކޮންމެ މީހަކީ މަހުޖަނެކެވެ. ކިތަންމެ ކުޑަ ނަމަވެސް ފަރުވާލެއް ނެތެވެ. އެހެންކަމުން ހުރިހާވެސް ތުރާލަކާއި ގިލަންވެރިކަމެއް ތަހައްމަލު ކުރަމުންދަނީ އަތޮޅުތަކުން މާލެ އައިސް ”ގަނަތެޅޭ“ މީހުންނެވެ. ސަބްސިޑީއެއް ދޭނަމަ އެންމެ އިސްކަން ދޭން ޖެހޭނެ ބަޔަކަށްވެސް ވާނީ އެމީހުންނެވެ. މިހާރުގެ ސަރުކާރުން ބުނާނެ ވާހަކައެއް އެބައޮތެވެ. ”އަޅުގަނޑުމެންގެ ވިސްނުމަކީ ޕްރިވިންސްތައް ތަރައްޤީ ކުރުމެވެ.“
ޕްރޮވިންސްތަކުގެ ވާހަކަ ދައްކާއިރު ރާއްޖޭގައި މިހާރުވެސް ގިނައީ 1000 ހަމަ ނުވާ ރަށްރަށެވެ. އެފަދަ ރަށްތަކުގައި ވަޒީފާއެއް ނެތްއިރު އަސާސީ ޚިދުމަތެއްވެސް ނުލިބެއެވެ. އެހެންކަމުން ހިތާ ދެކޮޅަށް ވިޔަސް މަޖުބޫރުވަނީ ތޮއްޖެހިފައިވާ މާލެއަށް އަންނާށެވެ.
މާލޭގައި އުޅޭ ރައްޔިތުންނަށް ސަބްސިޑީޒް ދޭއިރު އަތޮޅުތަކުގައި އުޅޭ ނިކަމެތި ރައްޔިތުންނަށްވެސް ދޭނެ ކަމަށް ބެލެވެއެވެ. އެހެންވެއްޖެނަމަ އޮޅުވާލުމާއި މަކަރު ހެދުމުގެ ފުރުސަތު މާ ބޮޑުވާނެ އެވެ. އޭރުން އަނެއްކާވެސް އެ ޚިދުމަތް ލިބޭނީ ކަތީބު ނުވަތަ ކައުންސިލަރުގެ ގެއަށެވެ. މިއީ މިހާތަނަށް މިކަން ހިނގަމުން އައިސްފައިވާ ގޮތެވެ.
ފިނޭންސުން ފުރުވާފައިވާ ފޯމުން އެމީހާ ކުރަން ޖެހޭ ޚަރަދުތައް ތަފްސީލުކޮށް އެނގޭނެ ގޮތެއް ނެތެވެ. އޭގައި ފުރަން ޖެހެނީ ހަމައެކަނި އެގޭގައި ދިރިއުޅޭ މީހުންނާއި އާމްދަނީ އެވެ. ރަށުގައި ނުވަތަ އެހެން ގެއެއްގައި އޭނާގެ ދަރިންތަކެއް ތިބެ އެމީހުންނަށް ޚަރަދު ކުރަން ޖެހޭނަމަ އެކަން އެފޯމުން އެނގޭކަށް ނެތެވެ. އެހެންކަމުން އެ ފޯމަށް ބަލައިގެން ސަބްސިޑީޒްދޭނަމަ ނުހައްގު އެތައް ބަޔަކަށް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވެއެވެ. އޭރުން ހެޔޮ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ރައްޔިތުން ބަލައެއް ނުގަންނާނެކަން ކަށަވަރެވެ.
-
އަންގާރަ، ސެޕްޓެމްބަރ 29 2009، 21:07
ޙައްޤަސް، ނުޙައްޤަސް ދިވެހި ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ތިޔަބުނާ ސަބްސިޓީޒް ދީފިނަމަ، އައީ ޙައްޤު ގޮތުގައި ދެވޭއެއްޗަކަށް ނުވާނެ. ދިވެހިސަރުކާރުގެ ފައިސާއަކީ ދިވެހި ކޮންމެ ރައްޔިތްކު ހަމަހަމައަށް ޙިއްސާވާނެ އެއްޗެއް. ސިވިލްސާވިސްގައި އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކުގައި މަސައްކަތް ކުރާ މީހުންނަށް ލިބޭ އެއްޗެއް އެލިބެނީ ސަރުކާރަށާއި، ރައްޔިތުންނަށް ޚިދުމަތްކުރާތީ. އެމީހުން އެލިބިގަންނަނީ ގޭގައި ކަމެއްނެތި ތިބެގެނެއްނޫން. އެހެންވީއިރު، މަސައްކަތްކުރާ ހުރިހާ މީހުން މަސައްކަތް ހުއްޓާލާފައި ގޭގައި ތިބީމާ މާރަގަނޅުވާނެ. އޭރުން ސަރުކާރުން ކަރަންޓް ބިލާއި، ފެންބިލާއި ދައްކާދޭނެ. އަދި ބޯހިޔާވަހިކަން ނެތްފަރާތްތަކަށް ބޯހިޔާ ވަހިކަން ހޯދާދޭނެ. މީދެން ކިހާ ރަނގަޅު އޯގާތެރި ސަރުކާރެއް. މިސަރުކާރުގެ ވިސްނުމަކީ ކަންނެއްކަން ރައްޔިތުންނަށް ތަޢާރަފުކޮށްދިނުންބާ! ވޭތުވެދިޔަ 30 އަހަރުގެތެރޭގައި ތަޢާރަފުކޮށްފައިވަނީ މަސްތުވާ ތަކެތި. = މޮހަދު =
-
ބުދަ، ސެޕްޓެމްބަރ 30 2009، 09:55
ޝަނޫން، ދަންނަވަންތޯ ކުޑަކުޑަ އެއްޗެއް! އަޅުގަޑު އެދެން ޝަނޫން ވެސް ތަންކޮޅެއް ޒިންމާދާރު ގޮތެއްގައި ނޫސްވެރިކަން ކޮށްދެއްވުމަށް. ޝަނޫންގެ ރިޕޯޓުން ފާހަގަ ވެގެންދާ އެއްކަމަކީ މިސަރުކާރުން އެއްވެސް ކަމެއް ރަގަޅަށް ކުރާކަށް ނޭގޭނޭ ބުނާ މީހުންގެ ޚިޔާލު ޕުރޮމޯޓްކުރުމަށް ލިޔެފައިވާ ރިޕޯޓެއްކަމެވެ. މިހާރުގެ ސަރުކާރުން ވިޔަސް އަދި ޝަނޫން ވިޔަސް ރަގަޅު ކަމަކައިގެން ރަގަޅު މަޤްޞަދެއްގައި އަތުވެއްޖެ ނަމަ އެކަން ބަލައިގަނެ އެކަމެއް ކާމިޔާބުކޮށް އޭގެން ލިބޭ ފައިދާ އަކާ މަންފާއެއް ހޯދުމަކީ އިޖްތިމާއީ ޒިންމާއެކެވެ. މިހާރުގެ ސަރުކާރުން ކުރައްވަން އުޅުއްވާ ކަމަކަށްވީތީ ފާޑުކިޔާލުމުގެ ވިސްނުމެއްގައި މިފަދަ ޚަބަރާ މަޢުލޫމާތު އަޅުގަޑުމެންނަށް މިފަދަ ވިސްނުމެއްގައި ގެނެސްނުދިނުމަށް ޝަނޫންގެ އަރިހުން ވަރަށް އިޙްތިރާމާއި އެކު އެދެން. އަޅުގަޑުމެން އެތަކެއް ޒަމާނެއް ވަންދެން އުޅެ އުޅެ ރަގަޅު ނުވިކަމެއް އެހެން ބަޔަކު އެހެން ގޮތަކަށް ކުރަން އުޅުމުން އަޖުމަ ބަލައިލުން ވެސް އެއީ ދިވެހިން ޤަބޫލުކުރާ އުޞޫލެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ. ޝަނޫން ވެސް އަޅުގަޑު ވެސް އަދި ސަރުކާރު ވިޔަސް އިޚްލާސްތެރިވާންވީ ދިވެހި ޤައުމަށް، ދިވެހިރާއްޖޭގެ ރައްޔަތުންނަށް ކަން ޤަބޫލުކުރަންވީއެވެ. މިރިޕޯޓުގައި ވެސް ރަގަޅު ވާހަކަތައް އެބަހުއްޓެވެ. އެހެންނަމަވެސް ޖުމްލަ ގޮތެއްގައި މިހާރުގެ ސަރުކާރާއި އިދިކޮޅު އެކްޓިވިސްޓް ޚިޔާލަކަށް މުޅި ރިޕޯޓް ބިނާވެފައިވާކަން، މިރިޕޯޓު ކިޔުއްވާލެއްވި ހަމަ ކޮންމެ ބޭފުޅަކަށް ވެސް ވަރަށް ސާފުކޮށް އެގޭނެއެވެ. މިއީ، ޝަނޫންގެ ކެރިއަރ ޕާތަށްޓަކައި ވެސް ވިސްނާލުން ރަގަޅު ކަމެކެވެ. އަޅުގަޑަކީ ޝަނޫންއަށް ހެޔޮއެދޭ މީހެކެވެ.
-
ބުދަ، ސެޕްޓެމްބަރ 30 2009، 10:28
ނޭގިނަމަވެސް މިހާރު ސަރުކާރުގެ ކަންތައްދާގޮތުން ބުނެވޭނީ މިގައުމުގެ މިސްރާބު މިހިރީ ކޮމިއުނިސްޓް ނިޒާމަކާ ދިމާލަށެވެ.މިގޮތަކީ މިގައުމަށް އެންމެ ފައިދަ ހުރިގޮތޭ ނުބުނެވޭނެއެވެ.ކަންތައްތައް މިހެން މިދަނީ ފަހަރެއްގައި ހިންގަން ތިބިމީހުންގެ ނާގާބިލް ކަމުންވެސް އެކަށީގެންވޭ.ހެޔޮނިޔަތުގައި ވިސްނާ ފިކުރުކުރަމާ ހިގާށެވެ.
-
ބުދަ، ސެޕްޓެމްބަރ 30 2009، 10:39
ޝަނޫންއެވެ. ޜިޕޯޓްގައި ލިއުއްވާފައިވާ ބައެއް ވާހަކަ ވަރަށް ރަނަޅެވެ. ނަމަވެސް ޚަރަދު ކުރަން ޖެހޭ މީހުން ފޯމްގައި ޖަހަން ޖެހޭ ކަމަށާއި މާލެ ނޫން އެހެން ތަންތާގައި ތިބޭ އެމީހަކު ޚަރަދު ކުރަން ޖެހޭ މީހުންގެ ވާހަކަ އޭގައި ޖަހަން ނެތްކަމަށް ލިޔެފައިވާ އިރު އެމީހަކު ޚަރަދު ކުރަންޖެހޭ މީހެއް ކޮންމެ ތާކު ހުއްޓަސް އެފޯމްގައި ޖަހަން ޖެހޭކަން ޝަނޫންއަށް އެނގި ވަޑައިގެންފައި ނެތުން ނުވަތަ ކިއުންތެރީންނަށް އޮޅޭގޮތައް ގަސްދުގައި ލިއުއްވާފައި ވުމީ ޒިންމާދާރު ނޫސް ވެރިކަމެއްގެ ތެރެއިން ޝަނޫންއަށް ލިބިދޭ ފުރުޞަތެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
-
ބުދަ، ސެޕްޓެމްބަރ 30 2009، 10:42
ޝަނޫނަށް ކުޑަ އެއްޗެއް ދަންނަވާލި ބޭފުޅާ އަށް ދަންނަވާލަން. އެންމެންނަށް އެނގި ފެނިގެން ހަލާކުގެ ތެރެއަށް ވެއްޓިގެން ދާއިރުވެސް ތިބެންވީ ދޯ 5 އަހަރު ވަންދެން އަޖުމަ ބަލަބަލާ
-
ބުދަ، ސެޕްޓެމްބަރ 30 2009، 11:02
ޝަނޫންގެ ރިޕޯޓަށް ފުރިހަމައަށް ތާއީދު ކުރަން. މި ސަރުކާރަސް އަދި އެހެން ބަޔަކަސް ވަގުން ވައްކަން ނުކުރާނެ ގޮތެއް ނުހެދޭނެ. އޮފީސްތަކުގައި މިހާރުވެސް މިކަންތައް ކުރަން ތިބި މެދުފަންތީގެ މީހުންނަކީ ކުރިންވެސް އެކަން ކުރި މީޙުން.
-
ބުދަ، ސެޕްޓެމްބަރ 30 2009، 12:28
ކަމެއް އަލަށްފަށައިގަންނައިރު ދަތިތަކާއި ބައެއްފަހރު ކުރިމަތިލާންޖެހޭނެ ، އެހެންނަމެސް ރަގަޅަށްދަސްވެ ހިގައިގަތީމާ ހުރިހާކަމެއްވެސް ރަގަޅުވެގެން ހިގައިދާނެ ، އެމް ޑީ ޕީ ސަރުކާރުން ކުރަނީ ކުރަން މިައުޅެނީ ކޮންކަމެއްކަން ކަޑައެޅިގެން ސަރުކާރަށް ޖިއްސުންކުރާމީހުންނަކަށް ނޭގޭނެ، ޚާއްސަކޮށް ޑީ އާރުޕީގެ މީހަކަށް ނޭގޭނެ ، އެބައިމީހުންނަށް ފެންނާނީ އަބަދުވެސް އެހެންގޮތަކަށް ކުރަހާފައިވާ މަންޒަރެއް ، މައާނައަކީ 30 އަހަރުދުވަހުގެ ޚުދުމުޚުތާރުކޮށް ހިންގާފައިވާ ސަރުކާރު ހިންގިގޮތުގެ މަންޒަރު ، = އޭސް =
-
ބުދަ، ސެޕްޓެމްބަރ 30 2009، 15:09
މުޙައްމަދު ޝަނޫންގެ ރިޕޯރޓްގައި ދިވެހީންނަކީ ލިބޭއެއްޗެއް ހޯދުމުގައި ދަހިވެތިވެފައިވާ ބައެއްކަމަށް ދޭހަވާގޮތަކަށް ލިޔެފައިވާއިރު ޝަނޫން ދިވެއްސަކަށްވީތީ ހިތާމަކުރަމެވެ. އަދި ހަމައެހެންމެ ރާއްޖޭގެ އާބާދީގައި ހިމެނޭ 18 އަހަރުންދަށުގެ ކުދީންނަކީ އެއްވެސް ގޮތަކުން އެއްޗެއްލިބެންޖެހޭ ބައެއްނޫންކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލައްވަން ރިޕޯރޓްގައި މަސައްކަތް ކުރައްވާފައިވާތީ ޝަނޫންއަކީ ޒިންމާދާރު ނޫސްވެރިއެއްކަމުގައި ބެލެވޭނެ ޖާގައެއްނެތެވެ. އެއީ އެކުދީންވެސް ތިބޭނީ 70 އަހަރުގެ މީހާވެސް ދުނިޔޭގައި ހުރުމަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމައަށް ލިބިގެން ކަމެއް ނޭގުނީތީއެވެ. އަދި އެޚަރަދު ފއިސާއަކީ ކޮންމެވެސް އެއްފަރާތަކަށް ލިބެން ޖެހޭނެއެއްޗެއްކަމަށް ގަބޫލުކުރެވެއްވެ. ޝަނޫންއަށްވެސް އެގޭނެ ފަދައިން މިރާއްޖޭގައި ދިމާވާ އެންމެބޮޑު އެއްމައްސަލައަކީ ޝަނޫންގެ ވިސްނުމާއި ފިކުރު ގެންގުޅުނު މީހުން މިއޮތްހާ ޒަމާނުގައި ވެރިކަން ކުރަމުން އައިސްފައިވާތީއެވެ. ރާއްޖެތެރޭގެ އާލާތުންނޭ ކިޔާ ވަކިބަޔަކަށް ނިކަމެތިކަން ދިނުމުގެ ފަލްސަފާއެއް ގާއިމުކޮށްފައިވާތީއެވެ. ޚާއްސަކޮށް މާލޭގެ ބޮޑުންނޭ ކިޔާމީހުން ރާއްޖެތެރޭގެ އިއްޒަތްތެރިންނަކީ އެމީހުންގެ އަޅުންކަމުގައި ހީކޮށް އެމީހުންނަށް ލިބުނުވެރިކަމުގެ ބާރުގައި ދީނާއި ޚިލާފުކަންކަން ކުރައްވާ އެކަން ގައުމުގައި ސަގާފަތެއްކަމުގައި ހެއްދެވުމުގެ ސަބަބުން ނެވެ. ޒަކާތުގެ ފައިސާއާއި ސުނާމީ ފައިސާއަށް ރާއްޖެތެރޭގެ މީހަކު ޚިޔާނާތްތެރިވެފައިވާނަމަ އެކަން ކޮށަފައިވަނީވެސް އޭރުގެ ސަރުކާރުގެ ތިއްބެވި ބޮޑުންނަށް ބައިއެޅޭގޮތަކަށްކަން އެކަންދަންނަ އެނަމެނަށްވެސް އެގޭނެއެވެ. ނޫނީ އެއިން ކޮންމެވެސް މީހެއްގެ އަންބަކަށް ކުރަންޖެހޭ ޚަރަދު ފޫބެއްދުމަށް އެފަދަކަންކަން ހިގާފައިވާކަމުގެ ހެކިތައްފެންކަން އެބަހުއްޓެވެ. ނަމަވެސް މިސަރުކާރުން އެކަންކަން ތަހުގީގު ކުރަންފެށުމުން އަދު މިގައުމުގެ އުފެދިފައިވާ ޖުޑިޝަރީވަނީ ވަކިވަޔެއްގެ ވިސްނުމަށް އިންސާރުކުރަންކަމަށްވުމުން އެކަންކަންވަނީ ފޮރުވިފައެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމު ރަގަޅުނުވާހާ ހިދަކު މިރާއްޖޭގައި އިންސާފުވެރި ވެރިކަމެއް ނުހިގާނެއެވެ. ޝަނޫންމެން ތިބޭނީ އޯގާތެރި ސަރުކާރު ޒިންމާދާރު ކުރުމުގެ ބަދަލުގައި ވަކިބަޔަކު ވެރިކަމަށް ގެނައުމަށް މާށސައްކަތް ކުރުން މަތީގައެވެ. މާތްﷲ ތިޔަބައިމީހުންނަށް ތެދުމަގު ދެއްކުމަށް ދުއާކުރާ ހާލު ވަކިވެލަމެވެ. ހުސޭނޫ