އެސްޓީއޯއިން އިނގިރޭސިވިލާތުގެ އެޝްމަން ކުންފުންޏާއި ދެމެދު މެޑިކަލް ސާމާނު ސަޕްލައިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މުހައްމަދު އަފްރާޙް ސެޕްޓެމްބަރ 29 2009، 16:19 0 ޚިޔާލު

މެޑިކަލް ސާމާނު ސަޕްލައިކޮށްދިނުމަށް އެސްޓީއޯއާއި އިނގިރޭސިވިލާތުގެ އެޝްމަން ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްޓީއޯގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ އެވެ. އަދި އިނގިރޭސިވިލާތުގެ އެޝްމަން ހޯލްޑިން ލިމިޑެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނިން ޑިރެކްޓަރ އަދި ޖެނަރަލް މެނޭޖަރ ޝެހެޒާދު ޝުކްރީއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ޝެހެޒާދު ވިދާޅުވީ އެސްޓީއޯއާއި އެކު އެކުންފުނިން ވެވުނުން އެއްބަސްވުމުގެ ސަބަބުން ދެ ފަރާތައްވެސް ކުރިއަރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

”އަހަރެމެން އުންމީދު ކުރަނީ މިގުޅުން ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް. އަހަރެމެން އެސްޓީއޯފަދަ ކުންފުންޏަކާއިއެކު މިފަދަ އެއްބަސްވުމެއް ގާއިމް ވުމުން ވަރަށް ފަހުރުވެރިވަން.“ ޝެހެޒާދު ވިދާޅުވިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝާހިދު ވިދާޅުވީ އެޝްމަންއާއި އެކު އެކުންފުނިން ވެފައިވާ މި އެއްބަސްވުމުގައި އެކުންފުންޏަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ.

”މި އެގްރިމެންޓަކީ ވަރަށް މުހިންމު އެގްރިމެންޓެއް. އެޝްމަންއަކީ ދުނިޔޭގެ ފެންވަރުންބަލާއިރު ހޮސްޕިޓަލް އިންއިޕްމަންޓްތައް ހާއްސަކޮށް ސާޖިކަލް ބެޑް އަދި ސާޖިކަލް [އޮޕަރޭޝަން] ރޫމްތަކަށް ބޭނުންވާ ސަމާނު އުފެއްދުމުގައި ދުނިޔޭގެ އެއްވަނަ.“ ޝާހިދު ވިދާޅުވިއެވެ. ”އެސްޓީއޯއަށް މި އެކްސްކުލޫސިވް ޑިސްރިބިއުޓަރޝިޕެއް ލިބުން އެއީ އެސްޓީއޯގެ މެޑިކަލް ވިޔަފާރިއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. މިދާއިރާގައި މަސައްކަތްކުރާ ސްޓާފުންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް މިއީ.“

އެޝްމަންއަކީ 1830ވަނަ އަހަރު އުފެދިފައިވާ އޮޕަރޭޝަން ތިއޭޓަރުތަކުގައި ބޭނުން ކުރާ ސާމާނު ސަޕްލައި ކުރުމަށް ޔޫރަޕުގައި ނަން މަޝްހޫރު އެއް ކުންފުންޏެވެ. އެޝްމަން އިން އެންމެ ފަހުން ބާޒާރަށް ނެރެފައިވާ އުފެއްދުމަކީ ”50ޓީ“ގެ ނަމުން ނަންދީފައިވާ އޮޕަރޭޝަން ތިއޭޓަރުތަކުގައި ބޭނުން ކުރާ ހާއްސަ މޭޒެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv