
ޗައިނާ ސަދަން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ޗައިނާ ސަދަން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު(އެމްޓީޕީބީ)ން ބުނީ މި އެއާލައިންގެ ދަތުރުތައް ކުރުމަށް ހަމަޖައްސާފައި ވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި މި ދެދުވަހު ކަމަށެވެ. މި އެއާލައިނުން ދަތުރުތައް ބާއްވަނީ ޗައިނާގެ ގުއާޒޫ ޕްރޮވިންސުން ސީދާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް އެމްޓީޕީބީ އިން ބުންޏެވެ.
ސަދަން އެއާލައިން ރާއްޖެ އަށް އޮޕަރޭޓް ކުރަން ފެށުން ފާހަގަކުރުމަށް އާދިއްތަ ދުވަހުގެ ރޭ އެއާޕޯޓްގައި ވަނީ ބޮޑު ބެރުޖެހުމުގެ ހަރަކާތެއް ވެސް ބާއްވާފައެވެ. އެއާބަސް 330 އޭގެ މިބޯޓުގައި ޗައިނާ އަށް ރާއްޖެ އިން ކަނޑައަޅާފައިވާ ސަފީރު އަހުމަދު ލަތީފް ވެސް ރާއްޖެ ވަޑައިގެންނެވި އެވެ. ލަތީފް މި ފުލައިޓްގައި ރާއްޖެ އަށް ވަޑައިގެންނެވީ ސަދަން އެއާލައިންގެ އޮޕަރޭޓަރު ”ހޫ އިންޓަނޭޝަނަލް“ގެ ދައުވަތަކަށް ކަމަށް އެމްޓީޕީބީއެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 22 ޕަސެންޓް އިތުރުވެފަ އެވެ.