ދިވެހިން 'ގަމާރު ނޫން' ބަޔަކަށް

މުހައްމަދު އަފްރާޙް ސެޕްޓެމްބަރ 28 2009، 17:47 2 ޚިޔާލު

”އާބާދީގައި 4 ލައްކަ މީހުންވެސް ހަމަނުވާ ދިވެހިރާއްޖެ މިހާރުވަނީ ނުރައްކާތަކާ، އެ ނުރައްކާތަކުން ސަލާމަތްވާން ކުރެވިދާނެ ކަންކަމުގެ ރަމްޒަކަށްވެފަ.“ މިހަފްތާގެ އިނގިރޭސިވިލާތުގެ ޓައިމް މަޖައްލާގެ އަދަދުގައި ލިޔެފައިވެއެވެ.

ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތައް ނެތިގެން ހިނގައިދާނެ ކަމުގެ އިންޒާރުގެ ”ރަނގަބީލު“ ޖަހާ ދުނިޔޭގެ ސަމާލުކަމަށް މިކުޑަކުޑަ ޖަޒީރާ ގައުމު ފުރަތަމަ ގެނެސްފައިވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫ މޭ ބުނުން މިއީ ދޮގަކަށް ނުވާނެއެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހިމާޔަތުގައި ވަކާލާތު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ”ތިމާވެށީގެ ބައްޕަ“ގެ ގޮތުގައި ވެސް ބައެއް ގައުމުތަކުން ސިފަކޮށްފައިވެއެވެ. މައުމޫނުގެ ދައުރުގައި ތިމާވެށީގެ ރޮނގުން ރާއްޖެއަށް ލިބިފައިވާ ސަމާލުކަން އެނގިގެންދާ އެންމެ ބޮޑު އެއް ހެއްކަކީ މިއަހަރުގެ ޑިސެމްބަރުމަހު ކޯޕަންހޭގަންގައި އޮންނަ ސަމިޓުގައި ރާއްޖެއިން ބައިވެރި ނުވެވޭނެކަން އިއުލާނު ކުރުމާއި ގުޅިގެން ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިގެން ދިޔަ ވަރެވެ.

މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ތިމާވެށީގެ ރޮނގުން ދިވެހިރާއްޖެއަށް ނު ހޯދޭހާ ”އުސްމިން“ތައް ”ބަދަލަކާއިއެކު“ ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހޯއްދަވަމުން ގެންދަވާކަން އެއީވެސް މިއަދު ގިނަ ބަޔަކު ގަބޫލުކުރާނެ ހަގީގަތެކެވެ. ރައީސް ނަޝީދުގެ ތިމާވެށި ހިމާޔަތް ކުރުމުގެ އިސްނެގުމުގެ ސަބަބުން މިއަދު މިވަނީ ރާއްޖެއާއި މެދު ބޭރުގެ މީހުން ދެކެމުން އައި ނަޒަރިއްޔާއަށް އައި ”ބަދަލަކާއިއެކު“ ދުނިޔެ ސިއްސުވާލާފައެވެ.

ރައީސް ނަޝީދުގެ ތިމާވެށީގެ ރޮނގުން ފުރަތަމަ ފަހަރަށް ފެނުން މައްޗަށް ”ހިކިގެން“ ދިޔައީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިންގެ ހިމާޔަތާއިމެދު ކަންބޮޑުވާކަމަށް ވިދާޅުވެ އޭއެފްޕީއަށް ދެއްވި ބަސްދީގަތުމަކާއި ގުޅިގެން ނެވެ.

”އަހަރެމެން ދިވެހިރާއްޖެ ދޫކޮށް ދާކަށް ބޭނުމެއް ނޫން. ނަމަވެސް އަހަރެމެން ބޭނުމެއް ނޫން ތިމާވެށީގެ ރެފިއުޖީންގެ ގޮތުގައި ޓެންޓްތަކުގައި ދިރުއުޅޭކަށެއް ވެސް.“ ރައީސް ނަޝީދުގެ ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ އެ ބަސްދީގަތުމުގައި ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށް ވުމުން ރައްކާތެރިވުމަށް ދުރު މުސްތަގުބަލަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން އެހެން ގައުމަކުން ބިމެއް ގަތުމަށް ”ފަންޑެއް“ ގާއިމް ކުރުމަށް ބޭނުން ފުޅުވާކަމަށް ވިދާޅުވި، ވިދާޅުވުން ވެގެން ދިޔައީ ދިވެހިރާއްޖޭގެ ތިމާވެށީގެ ”ނުފެންނަ ފަރާތް“ ބޭރުގެ ފަރާތްތަކަށް ފެނިގެންދިޔަ ކަމަކަށެވެ.

މުރަކައިގެ ތަރަހައެއްގެ މަތީގައި އުފެދިފައިވާ ދިވެހިރާއްޖޭގެ 1,192 ރަށުގެ ހިމާޔަތުގައި ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖެ މިހާރު ދުނިޔޭގައި ސިފަވެފައިވަނީ ”ތިމާވެށި ހިމާޔަތް ކުރުމުގެ ރަމްޒެއްގެ“ ގޮތުގައެވެ.

ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ގައުމަކަށް ދިވެހިރާއްޖެ ހައްދަވާނެ ކަމަށް ދިވެހި ސަރުކާރުން ކޮށްފައިވާ އިއުލާނާއި ގުޅިގެން ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ދިވެހިންނަށް ތައުރީފު އޮއްސަމުން ނެވެ. ގިނަ ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި އެކަމަކީ ދިވެހިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ތިމާވެށީގެ ހިމާޔަތުގައި ކަމެއް ކުރުމަށް ނުކުޅެދިފައިވާ ގައުމުތަކަކީ ސްޓުޕިޑް (ގަމާރު) ބައެއް ކަމަށް ތިމާވެއްޓަށް ލޯބިކުރާ މީހުން ދެކެމުން އައި ދެކުން ހަގީގަތަކަށް ވެފައެވެ.

”ދިއޭޖް އޮފް ސްޓުޕިޑް“ ގައި ދައްކުވައިދޭ ފަދަ ގޮތެއް ދުނިޔެއަށް ވުމުން ދުރުކޮށްދިނުމަށް ދިވެހިރާއްޖެ ކުރާ މަސައްކަތް ދުނިޔެއިން ވަނީ މިއަދު ވަނީ ގަބޫލުކޮށްފައެވެ. މިހާރު ދިވެހިންނަނީ ނޮޓް ސްޓުޕިޑް (ގަމާރު ނޫން) ބައެއް ކަމަށް ވަނީ ނިންމާފައެވެ. ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ރައީސް ނަޝީދަށްވަނީ ނޮޓް ސްޓުޕިޑް އެވޯޑުވެސް ދީފައެވެ.

ފަރުތަކުގެ ހިމާޔަތުގައި ރަޝީދު ނަޝީދު ފީނަވައިގެން މުރަކަ އިންދުން ވެގެން ދިޔައީ ދުނިޔޭގެ ލޯތައް ހުއްޓިގެން ދިޔަ ކަމަކަށެވެ. ދުނިޔޭގެ މަޝްހޫރު ބައެއް ”މެރިން އެންވަޔަރަމަންޓަލް ސައިންޓިސްޓުން“ ގުޅިގެން ހުވަފެންފުށި ރިސޯޓުގައި ހިންގާ މުރަކަ އާލާކުރާ މުރަކައިގެ ބަގީޗާގައި ނަޝީދު މުރަކަ އިންދުމާއި ގުޅިގެންވަނީ އެރިސޯޓުންވަނީ ”ކޮރަލް ކަލްޓިވޭޝަން އިނީޝިއޭޓިވް އެވޯޑު“ ވެސް ދީފައެވެ.

ނަޝީދަށް ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ގިނަ އެވޯޑުތަކެއް ލިބޭނެ ކަމަށް ބެލެމުން ދާއިރު މަޝްހޫރު މަޖައްލާއެއް ކަމަށްވާ ”ޓައިމް“ގެ ތިމާވެށީގެ ބަތަލުންގެ ލިސްޓުގެ އެންމެ ކުރީގައިވެސް މިވަގުތު އޮތީ އެމަނިކުފާނެވެ. މިއީ ހުރިހާ ދިވެހިންނަށްވެސް ލިބިގެން ދާނެ ރީތިނަމެކެވެ. އަދި އެހެންމެ ދުނިޔޭގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ތިމާވެށީގެ ސަމިޓެއް ކަމަށްވާ ”އޭއޯސިސް“ ސަމިޓުގައި ރައީސް ނަޝީދު ކުރެއްވި ތަގުރީރު ވެގެންދިޔައީ ދުނިޔޭގެ ޖައްވަށް ގިނަ އަދަދަކަށް ވިހަ ގޭސްތައް ބޭރުކުރާ ގައުމުތަކަށް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ދެމުން ގެންދާ ހޫނު ހަމަލާތައް ”100 ޑިގްރީ ސެލްސިއެސް“ އަށް އަރައިގެން ދިޔަ ކަމަކަށެވެ.

ނަޝީދުގެ ތަގުރީރާގައި ގުޅިގެން ނިއުޔޯކް ޓައިމްސްއަށް މަޝްހޫރު ސައިންޓިސްޓަކު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެމެރިކާ އަދި ޗައިނާ ފަދަ ގައުމުތަކުގެ ވެރިންނަކީ ތިމާވެށީގެ ”ޖައްލާދުން“ގެ ގޮތުގައި ވެސް ސިފަކުރުމުގެ ހައްގު ކުދި ގައުމުތަކަށް ލިބިގެންވާ ކަމަށެވެ.

ރައީސް ނަޝީދުގެ ތަގުރީރުގައިވަނީ އެހެން ގައުމުތަކުގެ ވެރިންނާއި ހިލާފަށް ތަފާތު ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެއީ ނުކުރަންވީ ކަންތައްތަކުގެ ބަދަލުގައި ކުރަންވީ ކަންތައްތަކުގެ ލިސްޓެއް އެކުލަވާލުމަށް އެމަނިކުފާނު ގޮވާލެއްވި ގޮވާލެއްވުމެވެ. އަދި އެގޮތަށް އަމަލުކޮށްފިނަމަ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއެސްއަށް މައްޗަށް އެރިޔަނުދީ ހިފަހައްޓާލެވިދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިއަހަރުގެ ޑިސެމްބަރުމަހު މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ކޯޕަން ހޭގަންގައި ބާއްވާ ބައްދަލުވުމަކީ ދިވެހިރާއްޖެއަށް ސަލާމަތްވުމަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތުކަމަށްވެސް ވިދާޅުވެ، ދުނިޔޭގެ ލީޑަރުންނަށްވަނީ ހަރުކަށި އިބާރާތުން އިންޒާރުވެސް ކުރައްވާފައެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަށް ދުނިޔެ ހޭލެއްވުމަށް ދިވެހިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، މިހާރު ދުނިޔެއަށް އޮތް ހަމައެނަކި އުންމީދަކީ ދިވެހިރާއްޖެ ކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން މިހާރު ދިވެހިން ވެފައިވަނީ ތިމާވެށީގެ ރޮނގުން ”ގަމާރު ނޫން“ ބަޔަކަށެވެ. ދެން އޮތީ އެކަންތަކަށް އަމަލީ ފިޔަވަޅު އެޅުމެވެ. އަމަލުންވެސް ގަމާރުނޫންކަން ދެއްކުމެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މަރުހަބާ ނަޝީދު.

    އަންގާރަ، ސެޕްޓެމްބަރ 29 2009، 10:44
  2. މުޅިދުނިޔައަށް ވެސް އެގޭނެ އެމެރިކާގެ ޓައިމް މަޖައްލާގެ މިލްކު ވެރިފަރާތަކީ ކޮބާކަން. ޝައްކެއްނެއް ޔަހޫދީން. މިހާރު ދިވެހިރާއްޖެ އިސްރާއީލާއި ސިޔާސީ ގުޅުން ގާއިމު ކޮށްފައިވާތީ ރައީސު ނަޝީދު "ހީރޯ" އަކަށްހަދާނެކަމީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.ރައީސުނަޝީދު ބޭނުންވަނީ ތިމާގެ ޒަމީރު އަދި ދީން ވިއްކާލާފަވެސ ލާރިކޮޅެއް ލިބޭނެ ގޮތެއްވޭތޯ އެވެ. ހަމަޔަގީނުންވެސް ޔަހޫދީންނާ ގުޅުން އުފެއްދުމަކީ ގިނަ ގިނަ ދިވެހިން ގަބޫލުކުރާނެ ކަމެއްނޫނެވެ. އެކަން ކުރިޔަށް އޮތް އިނތިޚާބު ތަކުންފެނިގެންދާނެއެވެ.

    އަންގާރަ، ސެޕްޓެމްބަރ 29 2009، 12:08
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv