

ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން ރޭ ބަޔަކު މަގުމައްޗަށް ނުކުމެ ނުރުހުން ފާޅުކޮށްފި
ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން ރޭ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ ނުރުހުން ފާޅުކޮށްފިއެވެ.
މިކަމެއް ހިނގީ ކަލާފާނު ސްކޫލުގައި ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ)އެމްޑީޕީ(ގެ ޢާއްމު ޖަލްސާއަކަށް ދިޔަ ބަޔަކު އެޖަލްސާނިމުނުފަހުން ނިކުމެގެންނެވެ.
މަގުމައްޗަށް އެއްވި މިމީހުން ކަލާފާނު ސްކޫލުން ނިކުތުމަށްފަހު އިރަށްގޮސް ހައިކޯޓް ކުރިމަތިން މަޖީދީމަގަށް ނިކުތެވެ. އޭރު މާގިނަ ބަޔަކު އެމީހުންގެ ތެރެއަކު ނެތެވެ. ނަމަވެސް މަޖީދީ މަގާ ހަމައިން މީހުން އިތުރުވެ ފަހަތުގައިވެސް ގިނަ އަދަދެއްގެ ސައިކަލްތައް ހިމެނި ބައިހަރުވެ ބޯވިއެވެ.
އެއްވި މީހުން މަޖީދީ މަގުން ހުޅަނގަށް އައިސް ހެންވޭރު ބޯޅަދަނޑުގެ ހުޅަނގު ދެކުނު ކަނާ އަރާ ހަމަވުމާއެކު ފުލުހުން ހުރަސްއަޅި އެވެ. އެއާއެކު ކުރިއަށްވުރެ އަޑުގަދަވެ ހިސާބެއްގެ ހަމަނުޖެހުން ތަކެއް ހިނގިއެވެ.
ފުލުހުންގެ ބައިމަދު ކަމާއެކު އެމީހުންގެ ސަފު ފޫއަޅުވަލުމަށްފަހު އެއްވި މީހުންނަށް އާދެވޭ ވަރުވީ ނޭޝަނަލް ތެލެސީމިއާ ސެންޓަރާ ހަމައަށެވެ. އެހާހިސާބުން އަނެއްކާވެސް ފުލުހުން މަގު ބަންދުކޮށް ހުރަސްއެޅިއެވެ. މިފަހަރުވެސް ކުރިމަތި ލުމަކާއެކު ފުލުހުންގެ ސަފުތައް ރޫޅާލާ އެއްވި މީހުން ކުރިއަށް ހިނގައިގަތެވެ. އޭރު ކުރިއަށްވުރެވެސް ބައިގިނަކަމަށް ފާހަގަ ކުރެވެއެވެ.
ދެން ފުލުހުން ކުރިމަތިލީ ސޯސަންމަގު ހުރަސްކުރި ފަހުން އިބްރާހީމީ މިސްކިތާއި ހަމައިންނެވެ. މިފަހަރުވެސް ފުލުހުންނަކަށް މައިތިރި ކުރެވޭގޮތެއް ނުވިއެވެ.
އެއްވި މީހުން މައިތިރިކޮށް މުޅި އެއްވުން ރޫޅާލީ ގަލޮޅު ދަނޑު ކައިރިން ފުލުހުން މަގުބަންދުކޮށް އާއްމުންނާ ކުރިމަތިލައިގެންނެވެ. އޭރު އެއްވި މީހުންގެ ފަހަތުންވެސް ފުލުހުންގެ ސަފުތަކެއް ވަނީ ރުކުރުވާލާފަ އެވެ.
މަޖީދީ މަގަށް އެއްވި މީހުންގެ ސަފުތައް ރޫޅާލާ އެމީހުން އެސަރަހައްދުތަކުން ފޮނުވާލައި އެސަރަހައްދު ސާފުކޮށްލެވިފައިވަނީ ގާތްގަނޑަކަށް 30:12 ހާކަށްހާއިރުއެވެ.
އެމްޑީޕީގެ ދިދަ ގެންގުޅުނު މިއެއްވުން ރޫޅާލާ ދަނޑުކައިރިން މީހުންތައް ފޮނުވާލާ ނުނިމެނީސް މާފަންނު މާކަރީ ލައިޓް ކައިރިއަށް ބަޔަކު އެއްވިއެވެ. މާކަރީ ލައިޓް ދޮށަށް އެއްވީ ދެތިން ކާރަކާއި ސައިކަލު ތަކެއް އެސަރަހައްދުގައި މަޑުކޮށް ބަރުގޮނު އަޅަން ފެށުމުންނެވެ. އެއާއެކު އެސަރަހައްދަށް އެއްވި މީހުންވެސް ރައީސް މައުމޫންގެ އިސްތިއުފާއަށް އަޑު ހަރުކޮށް ގޮވާފައި ވެއެވެ. ނަމަވެސް ފުލުހުން އެސަރަހަށްދަށް އައުމާއެކު އެއްވި މީހުންވަނީ އެސަރަހައްދު ދޫކޮށް ގޮހެވެ.
ރޭ އެއްވި މީހުން މިހާރު މިއޮތް ސަރުކާރާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އުފުލި އަޑާއެކު އަނިޔާކުރުން ހުއްޓާލުމަށާއި ރައީސް މައުމޫން އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވެއެވެ.
ރޭގެ އެއްވުން ތަކުގެ ސަބަބުން އާއްމުންނަށާއި ފުލުހުންނަށް އަނިޔާވެފައިވާނޭ ކަމަށް ލަފާކުރެވެއެވެ. އަދި ބައެއް ހިސާބުތަކުން ފުލުހުންގެ ގަމީހުގެ ގޮށްކޮޅު ކަނޑައިގެން ގޮސްފައިވާތަން ޖަޒީރާގެ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ.
ފުލުހުން ބުނީ ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކަލާފާނު ސްކޫލްގައި ބޭއްވި ބައްދަލުވުމަށްފަހު އެތަނުން ބަޔަކު ނުކުމެ މާލޭގެ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވާ މަގުތަކުގެ ޓްރެފިކް ބްލޮކްކޮށް ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ . އެއްވެސް ބައެއްގެ ހުރަސްއެޅުމެއްނެތި ކަލާފާނު ސްކޫލްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބޭއްވި ބައްދަލުވުމަށްފަހު އެބައްދަލުވުމުން ނުކުތް މީހުން މަގުތަކަށް ނުކުމެ އަޑުގަދަކޮށް ހަޅޭއްލަވާ މަގުތަކުގެ ޓްރެފިކް ބްލޮކްކޮށް ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުން ނިކުމެ ސުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް މަސައްކަތް ކުރުމުން އެމީހުންވަނީ ފުލުހުންގެ މަސައްކަތްތަކަށް ހުރަސްއަޅާ ނުކިޔަމަންތެރިކަން ދައްކާ ފުލުހުންނަށް ހަމަލާދީ ހަދާފައެވެ. އަދި އެމީހުންވަނީ ރޭ ވަރަށް ދަންވަންދެން ވެސް މަގުމަތީގައި ހަމަނުޖެހުން ހިންގާފައެވެ. މިހަމަނުޖެހުމާއި ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ފައިވާކަމަށް ފުލުހުން ބުނެއެވެ.
މާލޭގައި ރޭ ހިންގި މިހަމަނުޖެހުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރުދަނީ ތަޙްޤީގު ކުރަމުން ނެވެ.