
"އެދަރިފުޅު" އަންނަމަހުގެ ކުރީކޮޅު އޮލިމްޕަހުގައި އަޅުވަނީ
ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ އަހްމަދު ނިމާލު ޑައިރެކްޓްކޮށްފައިވާ ”އެ ދަރިފުޅު“ އަންނަމަހުގެ 6ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖައްސާ ޓިކެޓް ވިއްކަން ފަށައިފި އެވެ.
ފިލްމުގެ ޑައިރެކްޓަރ އަހްމަދު ނިމާލު ބުނީ ޔޫއްޕެ ލިޔެފައިވާ ވާހަކައަކަށް ހަދާފައިވާ ފިލްމަކީ ވަރަށް ސަސްޕެންސް ފިލްމެއް ކަމަށެވެ. ”މިފިލްމަކީ އާއިލާއެއްގެ ތެރޭގައި ހިނގާ ބޮޑެތި ކަންތައްތަކެއް ދައްކައިދޭ ސަސްޕެންސުން ފުރިފައިވާ ފިލްމެއް. ދަރިއަކު ލިބިގެން އެ ދަރިއަކީ ކާކުގެ ދަރިއެއްކަން ނޭނގިގެން ހިނގާ ކަންތައްތަކެއް މީގަ ހިމެނޭނީ.“ ނިމާލު ބުންޏެވެ.
ނިމާލު ބުނީ ރ. މީދޫގައި ޝޫޓްކޮށްފައިވާ ފިލްމަކީ މީގެ ދެއަހަރު ކުރިން ނަގާފައިވާ ފިލްމެއް ކަމަށެވެ. ”މި ފިލްމު ނެގިފަހުން ދުވަސްތަކެއްވެއްޖެ. ބައެއް ޓެކްނިކަލް ކަންތައްތައް ދިމާވެގެން ސްކްރީނާ ހަމައަށް ނައިސް އޮތީ. ބޮޑަށް ލަވަތަކުގެ ކަންތައް ނުނިމިގެން. ނަމަވެސް ސްކްރީނާ ހަމައަށް މި އަންނަނީ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަވެގެން. އަހަރެން ބުނާނީ މިއީ ކެމެރާ ވޯކްސް އާއި ލައިޓިންގައި ރާއްޖޭގައި މިހާތަނަށް ނުނުކުންނަވަރުގެ މޮޅު ފިލްމަކަށްވާނޭ.“ ނިމާލު ބުންޏެވެ. ފިލްމުގެ ކެމެރާ ކޮށްފައިވަނީ މަޝްހޫރު ކެމެރާމަން އިބްރާހީމް މޫސާ(ދަބަ) އެވެ.
ފިލްމުގެ މުހިއްމު ބައިތައް ކުޅެފައިވަނީ ޔޫއްޕެ އާއި ނިއުމާގެ އިތުރުން މަނިކާއި ޝީލާ އަދި ނިމާލެވެ.
ނިމާލު ބުނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ޓިކެޓްވެސް ވަރަށް ބާރަށް ވިކެމުންދާ ކަމަށެވެ. "އަހަރެން ތަންކޮޅެއް ބިޒީކޮށް އުޅޭތީ ވިކޭ ވަރެއް ބަލައެއް ނުލެވޭ. އެކަމަކު ޔޫއްޕެ އާއި ދިމާވެގެން ބުނި ވަރަށް ރަނގަޅަށް ވިކެމުންދާ ވާހަކަ.“ ނިމާލު ބުންޏެވެ.