އެމްއެންބީސީން މުޅިރާއްޖެއަށް ހުޅުވާލައިގެން ލަވަ މުބާރާތެއް ބާއްވަނީ

ސެޕްޓެމްބަރ 24 2009، 16:28 0 ޚިޔާލު

އެމް އެން ބީ ސީގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ލަވަ މުބާރާތެއް ބާއްވަން ހަމަޖައްސާ އެ މުބާރާތް އަންގާރަ ދުވަހުގެރޭ ލޯންޗް ކޮށްފި އެވެ.

އެމް އެން ބީ ސީ އީދު ހަދިޔާގެ ނަމުގައި އެރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ސްޓޭޖް ޝޯވ ގައި ވާހަކަ ދައްކަމުން އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ޓީވީއެމުގެ ފަރާތުން ކުރިން ސްކޫލް ކުދިންގެ ލަވަ މުބާރާތް ބާއްވަމުން އައި ކަމަށެވެ. ”ނަމަވެސް މިހާރު އެ މުބާރާތް މި އޮތީ ހުއްޓިފައި. އެމްއެންބީސީން ނިންމާފައިވަނީ އަންނަ އަހަރު ”ވޮއިސް އޮފް މޯލްޑިވްސް 2010“ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ލަވަ މުބާރާތެއް ބާއްވަން“ ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ދުރާލާ އެ މުބާރާތް އިއުލާން ކުރުމުގެ ބޭނުމަކީ އިންތިޒާމް ކުރާ ފަރާތުގެ އިތުރުން ސްޕޮންސަރުންނާއި ބައިވެރިވާ ފަރާތްތައްވެސް ތައްޔާރުވާން ވަގުތު ދިނުން ކަމަށެވެ. ”މިއީ އެމްއެންބީސީގެ ދަށުގައިވާ ހުރިހާ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެއް. މިހާރު މިއޮތް 4 ޗެނަލްގެ އިތުރުންވެސް ޗެނަލްތަކެއް ދާދި އަވަހަށް އިތުރުވެގެންދާނެ.“ ޚަލީލް ވިދާޅުވިއެވެ.

މުބާރާތް ރަސްމީކޮށް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އާޓްސް ޑރ. އަހްމަދު އަލީ ސަވާދެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތް ޓީވީއެމުން ހުއްޓާލީ މީގެ ތިން އަހަރު ކުރިންނެވެ. ނަމަވެސް މިދިޔަ އަހަރު އެން ސީއޭއިން އިންތިޒާމްކޮށްގެން ލަވަ މުބާރާތެއް ވަނީ ބާއްވާފައެވެ. އެހެން ނަމަވެސް މާލޭގެ ސްކޫލްތަކުން އެކަށީގެންވާ އިޖާބައެއް މި މުބާރާތަށް ވަނީ ނުދީފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv