ހައްގު ބަހުގެ ނަމުގައި ދީނީ ދަރުސްތަކުގެ ސީޑީތަކެއް އަދާލަތުން ނެރެން ފަށައިފި

އަހުމަދު މުހުސިން އޭޕްރީލް 15 2007، 20:40 0 ޚިޔާލު

ޙައްޤު ބަހުގެ ނަމުގައި ދީނީ ދަރުސްތަކުގެ ސީޑީ ތަކެއް އަދާލަތު ޕާޓީން ނެރެން ފަށާފައި ވާކަމަށް އެޕާޓީން ބުނެފިއެވެ.

ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ އޮފިޝަލަކު ވިދާޅުވީ މިހާރު ގާތްގަނޑަކަށް 14 ސީޑީ ނެރެފައިވާ ކަމަށާއި ވަރަށް ގިނަ ސީޑީތަކެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

”މިހާރު 14 ސީޑީ ނެރެވިއްޖެ. އިތުރު ސީޑީ ތަކެއްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ވަރަށް އަވަހަށް އެސީޑީތައްވެސް ނެރެވޭ ވަރުވާނެ.“ އަދާލަތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

އަދާލަތުން މައުލޫމާތު ދިން ގޮތުގައި މިސީޑީތަކުގައި ހިމެނެނީ ޕާޓީގެ ދީނީ ޢިލްމު ވެރިންގެ ދަރުސް ތަކާއި ޕާޓީން ބޭރު ދީނީ ޢިލްމު ވެރިންގެ ދަރުސްތަކެވެ.

ޕާޓީގެ ދީނީޢިލްމު ވެރިންގެ ތެރެއިން އައްޝައިޚް ހުސައިން ރަޝީދު އަހުމަދާއި އައްޝައިޚް މުހައްމަދު ޝަހީމް ޢަލީ ސައީދާއި, އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި, އައްޝައިޚް ހަސަން ލަތީފާއި, އައްޝައިޚް އިބްރާހީމް ރުޝްދީ އާއި ޑރ ޢަބްދުލް މަޖީދު ޢަބްދުލްބާރީ އަދި އައްޝައިޚް އިލްޔާސް ހުސައިންގެ ދަރުސްތައް ހިމެނެއެވެ. ޕާޓީން ބޭރު ޢިލްމު ވެރިންގެ ތެރޭގައި އައްޝައިޚް ޢަބްދުލް ޢަޒީޒް ހުސައިން )އަޒީބެ( ފަދަ ބޭފުޅުން ހިމެނެއެވެ.

މިސީޑީތަކަކީ އަޅުކަން, ނަމާދު, ޤުރުއާން, މައިންބަފައިންނަށް ކަމޭހިތުން, ޒަކާތް މިފަދަ ދީނީ އަދި އިޖްތިމާޢީ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން ތައްޔާރު ކުރައްވާފައިވާ ދަރުސް ތަކެކެވެ.

ދީނީ ހޭލުން ތެރިކަން އިތުރުކުރުވާ ދީނުގައި ކަންކަން އޮންނަގޮތް އޮޅުން ފިލުވައިދީ އަދި ދީނަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ނެރެވޭ ދީނީ ދަރުސްތަކުގެ ސީޑީ ޕާޓީގެ ގޮފިތަކަށް ބަހަމުން ގެންދާއިރު ކިޔެވެލި ބުކްސް, ރިސާލާ ބުކްޝޮޕް އަދި ހައިސޭލްއިން 5 ރުފިޔާއަށް ގަންނަން ލިބެން ހުންނާނެ ކަމުގައި އަދާލަތުން ބުނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv