ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއްކަމަކު ސިވިލްސަރވިސް ކޮމިޝަންގެ އިމާރާތުގެ ތެރޭގައި ނޫސްވެރިންނަށް މަޢުލޫމާތު ދެވިދާނެތޯއެވެ؟

ސެޕްޓެމްބަރ 19 2009، 19:15 0 ޚިޔާލު

-އަހުމަދު ސަމީރު - ރައްޔިތުންގެ މަޖިލިހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު-

ސިވިލްސަރވިސް މުވައްޒަފުންގެ ޙައްޤުގައި ކަމަށް ބުނެ ޑީއާރުޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 7 މެންބަރަކު ސިވިލްސަރވިސް އަށް ފޮނުވި ސިޓީ ހަވާލުކުރުމަށް ފަހު ސިވިލްސަރވިސް ހިންގަމުންދާ އިމާރާތުގެ ތެރޭގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން އެބޭފުޅުންވަނީ ސިވިލްސަރވިސް ގެ މުވައްޒަފުންނާމެދު ޢަމަލުކުރުމަށް ސަރުކާރުން ނިންމާ ކަންތައްތަކަށް އިޖާބަނުދިނުމަށް ސިވިލްސަރވިސް ކޮމިޝަނުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ 7 މެންބަރަކު ގޮވާލި ގޮވާލުމާމެދު ހައިރާންވާންޖެހެނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޤާނޫނަށް ތަބާނުވުމަށް ގޮވާލި ގޮވާލުމަކީ އެބޭފުޅުންނަށް ވެސް އަދި އެނޫންފަރާތަކަށްވެސް ގޮވާލެވިދާނެކަމެއް ތޯއެވެ. ދަޢުލަތުގެ ފަރާތުން ދިވެހިރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކަށް ދަޢުލަތުން ކަނޑައަޅާ ކަންކަން ތަންފީޒް ކުރަން ތިބި ދިވެހި ސިވިލްސަރވިސް ގެ މެންބަރުން ދަޢުލަތުގެ އެއްވެސް އަމުރަކަށް ކިޔަމަން ނުވުމަށް މަޖިލީހުގެ މެންބަރުން ގޮވާލިގޮވާލުމަކީ މަޖިލީހުން ހަދާ ޤާނޫނުތަކަށް ކިޔަމަން ނުވުމަށް ގޮވާލި ގޮވާލުމެއް ނޫންބާވައެވެ

ދިވެހި ސިވިލްސަރވިސްގެ ޤާނޫނުގެ 4ވަނަ މާއްދާގައި ބަޔާންކުރޭ ދަޢުލަތުގެ ފަރާތުން ދިވެހިރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތަކަށް ވާންޖެހޭނެކަމަށް ބުނުމުން އެކަމުން ދޭހަވަނީ ދަޢުލަތުގެ އަމުރުތަކަށް ކޮމިޝަނުގެ ވެރިން ޢަމަލުނުކުރާނަމަ، ދެންވެގެންދާނެ ގޮތްވެސް ވިސްނާލަންޖެހޭނޫންބާވައެވެ

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންކޮޅެއް މިފަދަ ގޮވާލުމެއް ގޮވާލިކަމީ ނުހަނު ހިތާމަކުރަންޖެހޭ ކަމެކެވެ. އެންމެ ކުޑަމިނުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 43ވަނަ މާއްދާގެ (ހ) އަދި (ނ)ގައިވާ އެއްޗެއް ބައްލަވާނުލެއް ވުނީބާވައެވެ.؟ އަޅުގަނޑުގެ ވެސް އަޚުން ކަމުގައިވާ އިއްޒަތްތެރި މެންބަރުންގެ މިފަދަ ގޮވާލުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤާނޫނަށް އަދި ޤާނޫނު ތަންފީޒް ނުކުރުމަށް ގޮވާލެވޭ ގޮވާލުމެކެވެ

43ގެ (ހ) ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދެވޭ މުސާރައާއި މާލީ އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން ކޮމިޝަނުންނެވެ

43ގެ (ނ) މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން މިމާއްދާގެ (ހ) ދަށުން ދެވޭ މުސާރައާއި އިނާޔަތްތައް، ކުރިމަތިވާ ޚާއްޞަ ޙާލަތެއްގެ ސަބަބުން، ބަޔާންވެގެންވާ ވަކިމުއްދަތަކަށް، ބަދަލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.) މިއަދު ޤައުމުގެ ހާލަތުމިވަނީ އިޤްތިޞާދީ ގޮތުން ހާއްޞަ ހާލަތަކާ ކުރިތެފައިނޫންބާވައެވެ މުޅި ދުނިޔެއާއި ރާއްޖެ އިހްޞާސް ކުރަމުންދާއިރު އެކަން ސިވިލްސަރވިސް ކޮމިޝަންގެ މެންބަރުން ޤަބޫލުނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީ ޕީއޭ އަށް ނިސްބަތްވާ 7 މެންބަރަކު ގޮވާލި ގޮވާލުން އަޅުގަނޑަށް ޤަބޫލުކުރެވެނީ ޤާނޫނަށް ތަބާނުވުމަށް ސިޔާސީ ގޮތުން އެބޭފުޅުން ގޮވާލި ގޮވާލުމަކަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv