އިތުބާރު (4)

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 17 2009، 14:39 0 ޚިޔާލު

”އަހަރެން ބޭނުމީ އަވަހަށްދާން.“ ވާނުވާ ނޭނގިފައި ހުރި ނަތާޝާ ވާހަކަ ދެއްކީ ކައިރީގައި ހުރި އިނާޝާއާ އެވެ. ނަތާޝާ ދުވެފައިކަހަލަ ގޮތަކަށް އެގެއިން ނުކުތެވެ. އަދި ޓެކްސީއެއް މަޑުކުރުވުމަށްފަހު އެއަށް އެރިއެވެ.

ހިތަށް ޖަމާވަމުންދިޔަ ސުވާލުތައް އެއްވެސް މީހަކަށް ކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ގެއަށްދާށެވެ. މަންމައާ ގުޅާށެވެ. ކަންތައްވީގޮތް މަންމައަށް ކިޔާދޭށެވެ.

ގެއަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް ނަތާޝާ ދުއްވައިގަތީ ފޯނާ ދިމާއަށެވެ. ހާސްވެފައިވާ ހާލު ނަތާޝާ އޭނާގެ މަންމައަށް ފޯނުކުރިއެވެ. ކަންތައްވީގޮތް ނަތާޝާ ކިޔާދިނެވެ. އެހިނދު މަންމަގެ ޖަވާބަކަށްވީ ނަތާޝާ މާލެ ފުރި ދުވަހު މަންމަ ދިން ސިޓީ ކިޔާލުމެވެ. އެސިޓީ ކިޔުމަށްފަހު ދަރިފުޅު ގޮތެއް ނިންމުމެވެ. އެހެން ބުނުމަށްފަހު މަންމަ ފޯނު ކަނޑާލީއެވެ.

ނަތާޝާ އަވަސްއަވަހަށް އަލަމާރި ހުޅުވާލުމަށްފަހު، ހެދުންތަކުގެ ދަށުގައި އޮތް ސިޓީއުރަ ނެގިއެވެ. އަދި ސިޓީ ކިޔަންފެށި އެވެ.

”ލޯބިވާ ދަރިފުޅަށް.

ދަރިފުޅު މިހާރު އޮޅުންފިލުވަން ބޭނުންވެގެން ތިއުޅެނީ މިމަންގެ ދުލުން ދުވަހަކުވެސް ކިޔާނުދީ ހުރި ވާހަކަތަކެއް. މަންމަގެ ދުލުން ދުވަހަކުވެސް ކިޔާދޭން ބޭނުންނުވާ ވާހަކަތަކެއް. ނަމަވެސް މި ދުވަސް އަންނާނެކަން މަންމައަށް އެނގޭ. ދަރިފުޅު މާލެއަށް ފޮނުވައިފިނަމަ މިދުވަސް ނައިސް ނުދާނެކަން މަންމަގެ ހިތްބުނި. ކަންތައް ދިމާވީގޮތުން މިދުވަސް ދަރިފުޅާ ކުރިމަތިވީތީ މަންމަ ވަރަށް ހިތާމަކުރަން.

ދަރިފުޅާ! މަންމައަށް މައާފުކުރާތި! ދަރިފުޅަށް މިކަން ސިއްރުކުރެވުނީތީ! މަންމައަށް މައާފު ކޮށްދޭތި! ދަރިފުޅުގާތު މިވާހަކަ ނުބުނެ، އެތައް ދުވަހަކު ހުރެވުނީތީ. އެކަމަކު މަންމަ މިކަން ސިއްރުކުރީ ހަމަ ދަރިފުޅަށްޓަކައި. ދަރިފުޅަށް ހެޔޮއެދޭލެއް ބޮޑުކަމުން.

މަންމަގެ ލޯބިވާ ދަރިފުޅާ! ދަރިފުޅު ވަރަށް ކުޑައިރު ދަރިފުޅަށް މީހަކު ޖިންސީ ގޯނާކުރި. އެކަން އެނގުނު ދުވަހުން ފެށިގެން އެމީހަކު ވަނީ ދަރިފުޅާ ދުރަށްގޮސް. އެކަންއެހެންވީ އެމީހަކު ދަރިފުޅާއެކު އުޅުމުގެ ފުރުސަތުދޭން މަންމަ ބޭނުންނުވީތީ. އެމީހާއަށް އިތުރު ފުރުސަތެއް ނުދިނުމަށް މަންމައަށް މަޖުބޫރުވީތީ.

ލޯބިވާ ދަރިފުޅާ! ސީދާ މަންމަގެ ލޮލަން އެކަން ނުފެނު ނަމަވެސް މަންމައަށް ޝައްކުކުރެވުނު އެމީހަކީ ދަރިފުޅު ވަރަށް ލޯބިވާ މީހެއް. އެމީހަކުދެކެ ދަރިފުޅު ކިތަންމެ ލޯބިވިނަމަވެސް އެވާހަކަ އަޑުއިވުނު ދުވަހުން ފެށިގެން މަންމަ އެމީހަކަށް ނަފްރަތުކުރިން. އެމީހާ އެވާހަކަތައް ދޮގުކުރިނަމަވެސް އެކަން މަންމައަކަށް ގަބޫލެއް ނުކުރެވުނު. އެންމެފަހުން އެމީހަކު ރަށުންވެސް ބަދަލުވި. އެމީހާ ދަރިފުޅަށް ޚަރަދުކުރަން ބޭނުންވި. ނަމަވެސް އެފަދަ އެއްވެސް ފުރުސަތެއް ނުދިނުމަށް މަންމަ ބޭނުންވި. ދަރިފުޅަށް އެފަދަ ގޯނާއެއް ކުރިމީހަކަށް މަންމަ ދުވަހަކުވެސް މައާފުދޭން ބޭނުންނުވީ. ދަރިފުޅާ! އެމީހަކީ ދަރިފުޅުގެ އަސްލު ބައްޕަ“ ނަތާޝާގެ ގަޔަށް ހީވީ ހޫނު ފެންއެއްޗެއް އަޅާލިހެން ނެވެ. އެނާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ނަމަވެސް އެތެޅެގަތުމާއެކު އަވަސްވެފައިވާ ހިތުގެ ވިންދު ކުއްލިއަކަށް ހުއްޓުނު ކަހަލައެވެ. ހަމަހިމޭންކަމުގެ ސުކޫތަކުން މީހާ ގަނޑުވި ކަހަލައެވެ. ނަތާޝާގެ އަތުގައި އޮތް ސިޓީއާއެކު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާއަށް ރޯން ފެށުނީ އެހިސާބުން ނެވެ. އެއީ ބައްޕަ ހެއްޔެވެ؟ އެކަމަކު އެއީ ތެދެއްހެއްޔެވެ؟ އެފަދަ ކަމެއް ބައްޕަ ކޮށްފާނެ ބާއެވެ؟ މިއޮތް ހުރިހާ ދުވަހު މަންމަ އެކަން ސިއްރުކުރީ ދެން ކީއްވެހެއްޔެވެ؟ އަހަރެންގެ އަސްލު ބައްޕަ އެހާ ގޯހީ ހެއްޔެވެ؟

ވިސްނަން އޮތުމަށްފަހު ނަތާޝާ ތެދުވިއެވެ. އަދި މޫނު ފުހެލުމަށްފަހު ގޭން ބޭރަށް ނުކުމެ، ޓެކްސީއަކަށްއެރިއެވެ. ޓެކްސީގޮސް މަޑުކުރީ އަމީނިއްޔާ ކައިރިއަށެވެ. ޓެކްސީން ނަތާޝާ ފޭބުމަށްފަހު ހިނގައިގަތީ އިނާޝާމެން ގެއަށެވެ.

އެ ގޭގެ ދޮރު ހުޅުވާލިތަނާ ނަތާޝާއަށް ފެނުނީ އިނާޝާގެ މަންމައެވެ. އެމަންމަ އަވަސް އަވަހަށް ނަތާޝާ އެގެއަށް ވަނުމަށް އެދުނެވެ. ނަތާޝާގެ މޫނުމަތީ ތަސްވީރުވަމުންދާ ކުލަތަކުން ކުރަމުންދާ ސުވާލުތައް އިނާޝާގެ މަންމަ ދެނެގަތް ފަދައެވެ. އޭނާވެސް ބޭނުންވީ ހުރިހާ ވާހަކައެއް ކިޔާދޭށެވެ.

”ނަތާޝާ މިގެއަށް ތިއައި ސަބަބު އަހަރެންނަށް އެނގޭ. އެއީ ތި ދަރިފުޅުގެ ހަގީގީ ބައްޕަ. އެބައްޕަ ތިދަރިފުޅަށް އިންތިޒާރު ކުރޭ. އަބަދުވެސް ނަތާޝާގެ ވާހަކަ ދައްކާ. ބައްޕަގެ ބޮލުގައި އެޅުވި ދޮގު އިލްޒާމުގެ ސަބަބުން ބައްޕަގެ ހިތަށް ކެތްނުވެގެން ބައްޕަ މާލެއަށް ބަދަލުވީ. ނަތާޝާގެ މަންމަ ދޫކޮށް މާލެއަންނަން ޖެހުނީ. ބައްޕައަކީ އެފަދަ މީހެއްނޫން. އެފަދަ ގޯސް ކަމެއް ކުރާނެ މީހެއްނޫން. އެކަން ނަތާޝާގެ މަންމައަށް ގަބޫލު ނުކުރެވުނު ނަމަވެސް ނަތާޝާގެ ބައްޕައަކީ އެފަދަ މީހެއްނޫންކަން އެބައްޕަ ދަންނަ އެންމެންވެސް ގަބޫލުކުރާނެ.“ އިނާޝާގެ މަންމަ ދެއްކި ވާހަކަތަކުން ނަތާޝާއަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މަންމަގެ ސިޓީގައި އެވާ ވާހަކަތަކުން ހިތަށް އަސަރުކުރިއެވެ.

”ކޮބާ؟“ ނަތާޝާގެ ދޫ ބަންދުވި އެވެ. ބައްޕައޭ ބުނާކަށް ނުކުރުނެވެ. އިނާޝާގެ މަންމަގެ އަތުން ކޮޓަރިއާ ދިމާއަށް އިޝާރާތް ކޮށްލުމުން ނަތާޝާ ހިނގައިގަތެވެ.

ނަތާޝާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އެކޮޓަރި ތެރޭ އެބައްޕައާއެކު އިނާޝާވެސް އިނެވެ. އެބައްޕަގެ ނަޒަރު ހުއްޓުނީ ނަތާޝާގެ ލޮލަށެވެ. ފެންކަޅިވެފައިވާ ބައްޕަގެ މޫނު، ފެނުމުން ނަތާޝާއަށް އަސަރު ކުރިއެވެ. އޭގެ ޖަވާބު ނަތާޝާވެސް ދިނީ ކަރުނައިންނެވެ. ކެތްނުވެގެން ނަތާޝާ ދުއްވައިގަތެވެ. ބައްޕާއޭ ކިޔާ ގޮވާލެވުނެވެ. ބައްޕައަށް ގިސްލަގިސްލާފައި ރޮވެގަނެވުނެވެ. ބޮޑު ކުށަކުން ސަލާމަތްވި މީހެއް ފަދައިން ބައްޕަ އޭނާގެ ދަރިފުޅުގައި އޮޅުލައިގަތެވެ. އެބައްޕައަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ކަންވީގޮތް ކިޔާދޭން ދަތިވިއެވެ. ނަމަވެސް ހިތްވަރު ކުރުމަށްފަހު އެބައްޕަ ވާހަކަ ފެށިއެވެ. އޭރު އިނާޝާވެސް ފެންކަޅިވެފައި ހުއްޓެވެ.

”ދަރިފުޅާ! ދަރިފުޅަށް މިހިސާބަށް ތިއާދެވުނީ ބައްޕަކުރި އެތައް ދުއާތަކަކަށްފަހު. ދަރިފުޅަށްޓަކާ ބައްޕަ ވަރަށް އިންތިޒާރު ކުރިން. ބައްޕައަށް ގަބޫލު ކުރެވުނީ އަދި ހަގީގަތް ހާމަވާނެކަމަށް. ކޮންމެވެސް ދުވަހަކުން ދަރިފުޅު އަންނާނެކަމަށް.

ދަރިފުޅާ! ބައްޕަ ދަރިފުޅާ ވަކިވީ ރަށުތެރެއަށް ފެތުރުނު އަޑެއްގެ ސަބަބުން. ދަރިފުޅާ ބައްޕައާ އޮތް ގާތްގުޅުމުގެ ސަބަބުން ކޮންމެވެސް ބަޔަކު ޖެހި މަޅި، ބައްޕަގެ ކަރަށް މެހިގެންދިޔައީ. ބައްޕައަށް ކެތް ނުކުރެވުނީ ބަޔަކު ރާވައިގެން ދެއްކި ވާހަކަތައް ދަރިފުޅުގެ މަންމަ، ގަބޫލުކުރުމުން. އެހިސާބުން ބައްޕައަށް ގޮތްހުސްވީ. ބައްޕަ ނުކުރާ ކަމެއްގެ އިލްޒާމް ބައްޕަގެ ބޮލުގައި އެޅިގެން ދިއުމުން ބައްޕައަށް އެނޫން ގޮތެއް ނެތުނީ. މަންމަގެ ވިސްނުން އެގޮތަށް ބަދަލުވީ ކީއްވެކަމެއް ބައްޕައަކަށް ނޭނގޭ. ގައިމު މަންމައަށްވެސް ޔަގީންކަމާއެކު ބައްޕަ އެފަދަ ކަމެއް ކޮށްފާނެކަމަށް ބުނާކަށް ނުކުރޭނެ. ނަމަވެސް މަންމަގެ ހަޅޭކާއި ބަސްތަކުން ބައްޕައަށް މަޖުބޫރުވީ ދަރިފުޅާ ވަކިވާން. އެދުވަހު ބައްޕަ ބޭނުންވީ މަންމަގެ ފުރިހަމަ އިތުބާރާއެކު ދަރިފުޅު ބޮޑުވާން. މީހުން ދައްކާ ވާހަކަތަކުން ދަރިފުޅު ސަލާމާތްކުރާން. އެހެންވެ ބައްޕަ މާލެއަށް ބަދަލުވީ.“ ހުއްޓާލުމެއްނެތި ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކުން ނަތާޝާގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ.

(ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv