

އިތުބާރު (3)
”ނޫން. އޭރުން ކަމަކުނުދާނެ. މަންމަ ބުނެފައި އޮންނަނީ އެއްވެސް ގެއަކަށް ނުދާށޭ. ތަނަކަށް ދާނަމަ ބޭބެ ނުވަތަ ދައްތަ ގާތު ބުނެފައިދާށޭ.“ ނަތާޝާ ބުނަމުންދިޔައީ އެގެއަށް ދެވެން ނެތް ސަބަބެވެ.
”އެހެން ވިއްޔާ ބޭބެ ގާތުގައި އަހާތި؟ އޭރުން އޯކޭ ވާނެއެއްނު؟“ އިނާޝާ ބުންޏެވެ. ”މައްސަލައެއްނެތް. މާދަމާ އަންނާނީ އަހައިގެން.“ ނަތާޝާ ޖަވާބު ދިނެވެ.
ސްކޫލު ނިމުމާއެކު ޓެކްސީގައި ނަތާޝާ ގެއަށް ދިޔައެވެ. ގެއަށް ދެވުމާއެކު އެންމެ ފުރަތަމަވެސް ނަތާޝާ ގޮސްވަނީ ކާގެއަށެވެ. އޭނާ ބޭނުންވީ ދައްތައާ ބައްދަލު ކުރާށެވެ. އިނާޝާމެންގެއަށް ދިއުމުގެ ދައުވަތަށް ޖަވާބެއް ހޯދާށެވެ.
”ހާދަ ހެވިފައޭ ތިހުރީ. އަނެއްކާ ކިހިނެއްވީ؟“ ނަތާޝާ ފެނުމާއެކު ދައްތަ އެއްސެވެ.
” މިއުޅެނީ ދައުވަތެއް ލިބިގެން. މާދަމާ މެންދުރު އެކުވެރިއެއްގެ ގެއަށް ކާންދާން.“ ވެގެން އުޅޭގޮތް ނަތާޝާ ބުންޏެވެ.
”އެއީ އަނެއްކާ ކޮންގެއެއް؟“ ދައްތަ ސުވާލު ކުރިއެވެ.
”ގޭގެ ނަމެއް ނޭނގެ.“ ނަތާޝާ ޖަވާބު ދިނެވެ.
” ދެން ކިހިނެއް ދާށޭ ބުނާނީ؟ ދައްތައަށް ކޮންގެއެއްކަން ނޭނގޭނަމަ ކީކޭ ބުނާނީ؟“ ދައްތަގެ ވާހަކަ ނުނިމެނީސް ނަތާޝާ ފެށިއެވެ.
”އެގެ ހުންނަނީ ސްކޫލާ ވަރަށް ކައިރީގައި.“
”އެހެން ވެއްޖެއްޔާ އެންމެ ރަނގަޅު. އެކަމަކު މާގިނައިރު ނުވެ ގެއަށް އަންނާތި އިނގޭ!“ އިރުކޮޅަކު ވިސްނަން ހުރެފައި ދައްތަ ދިން ޖަވާބުން ނަތާޝާއަށް ހިތްހަމަ ޖެހުން ލިބުނެވެ.
ޖެހިގެންއައި ދުވަހު ސްކޫލު ނިންމާލުމަށްފަހު ނަތާޝާ ހިނގައިގަތީ އިނާޝާއާ އެކުއެވެ. ދެކުދިން ދިޔައީ ހިނގާފައެވެ. މާދުރުނޫންކަމުން ފަސްވަރަކަށް މިނެޓުން އެގެއާ ހަމައަށް ދެވިއްޖެއެވެ.
”މިއީ އަހަރެމެން މިހާރު އުޅޭގެ. މިގޭގައި އުޅޭނީ އަހަރެންނާއި ބައްޕައާއި މަންމަ. އެހެން އެއްވެސް މީހަކު ނޫޅޭނެ.“ ގެއަށް ވަންނަމުން އިނާޝާ ބުންޏެވެ. ނަތާޝާ ހުރީ އާވެފައެވެ. ކުރާނެ ސުވާލެއް ހިތަށް ނުވަދެފައެވެ.
”މަންމާ! މަންމާ! ކޮބާތަ ބައްޕަ؟“ ގޭތެރެއަށް ވަންނަމުން ނަތާޝާ ގޮވަމުން ދިޔައެވެ.
”ނަތާޝާއާ އެންމެ ބައްދަލު ކުރަން ބޭނުންވާނީ. ބައްޕަ. ބައްޕަ އަބަދުވެސް ދައްކާނެ ނަތާޝާއެއްގެ ވާހަކަ. އެނަން ރީތި ވާހަކަވެސް ބުނޭ. އެހެންވީމާ އެންމެ ފުރަތަމަވެސް ބައްޕައަށް ނަތާޝާ ދައްކަންވާނެއެއްނު. ބައްޕަ ބުނުއްވީ އަހަރެންނަށް އެންމެ ފުރަތަމަ ބައްޕަ ކިޔަން ވިސްނީވެސް ނަތާޝާޔޯ؟“ ނަތާޝާ ހީނހީފައި ވާހަކަދައްކަމުން ދިޔައެވެ.
ނަތާޝާއަށް ކުރާނެ ސުވާލެއް ނޭނގިގެން އަހާލެވުނެވެ.
”ދެން ކީއްވެ އެނަން ނުކީ؟“ ނޭނގެ. ކީއްވެކަމެއް. އެސުވާލެއް ބައްޕައަކާ ނުކުރަން.“ އިނާޝާ ބުންޏެވެ.
އިނާޝާ މަންމަގެ ކަޅި ހުއްޓިފައިވަނީ ނަތާޝާއަށެވެ. އޭނާގެ މޫނަށެވެ. ވަރަށް ވައްތަރެވެ. ޔަގީނެވެ. އެއީ ނަތާޝާއެވެ. ބުމަ މަތީގައި އިން ކަޅުތިލަ އަޅައިގަތުމުން ހަނދާންވި އެވެ. އަވަސް އަވަސްކޮށްލުމަށްފަހު އިނާޝާގެ މަންމަގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމަށްފަހު އިސާހިތަކު ނުކުމެއްޖެ އެވެ. އިރުއިރުކޮޅާ ބޭރުވެސް ބަލާލައެވެ. ދެތިންފަހަރު ފޯނުވެސް ކޮށްފިއެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ ފިރިމީހާ އަންނާނެ ވަގުތަކަށެވެ. ހިތަށް ގެނެވެނީ އޭނާއަށް ވާނެ ގޮތެކެވެ.
އިނާޝާގެ މަންމަ ނަތާޝާއާ ވާހަކަ ދައްކަން ބޭނުންވި އެވެ. ނަމަވެސް ޖެހިލުންވި އެވެ. އެއީ ނަތާޝާކަން ޔަގީންވާތީއެވެ.
”މަންމާ! ކޮންކަމަކާ ތޯތި ވިސްނަވަނީ؟ ބައްޕަ ދުރުވާނެ ވަގުތަކަށް ދެއްތޯ؟“ އިނާޝާ ސުވާލުކުރި އެވެ. އެސުވާލާއެކު ނަތާޝާވެސް އިނާޝާގެ މަންމައަށް ބަލާލިއެވެ. އެމޫނުގައިވަނީ ހާސްކަމެވެ. އުދާހުން ފުރިގެންވާ މޫނުން ނަތާޝާއަށް ފެނުނީ ވަރަށް ގިނަ ސުވާލުތަކެކެވެ.
”ކޮއްކޮ ކޮން ރަށެއް؟“ އެންމެފަހުން ނުހުރެވިގެން އިނާޝާގެ މަންމަ ނަތާޝާއާ ސުވާލުކުރިއެވެ.
”ބ. ހިތާދޫ“ އެޖަވާބު ދިނުމާއެކު އިނާޝާގެ މަންމައަށް ބައްދައިގަނެވުނެވެ. އަމިއްލަ ދަރިއަކު ފަދައިން އޮޅުލައި ގަނެވުނެވެ. އެއީ ނަތާޝާއެވެ. އިނާޝާގެ ބައްޕަ އެންމެ ލޯބިވި ނަތާޝާއެވެ. މީގެ އެތައް އަހަރެއްކުރިން އެދަރިއަކަށް ހުރިހާ ކަމެއް ގުރުބާންކުރި ނަތާޝާއެވެ. ވީނުނީއެއް ނަތާޝާއަކަށް ނޭނގެއެވެ. އިނާޝާއަކަށްވެސް ނޭނގުނެވެ. މަންމައަށް ރޮވޭތީ އިނާޝާ ހުރީ ހައިރާންވެފައެވެ. އެއަށްވުރެ ބޮޑު ހައިރާންކަމެއް ލިބެމުންދިޔައީ ނަތާޝާއަށެވެ. އެމަން އެއުޅެނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ފަރާތުން ކަމެއް ވީހެއްޔެވެ؟ އަނެއްކާ މީ ކޮންކަމެއްބާއެވެ؟ އިނާޝާގެ މަންމަ ކުރަންފެށި ސުވާލުތަކުން ނަތާޝާއަށް ހާސްކަން ލިބެމުންދިޔައެވެ.
”ކިހިނެއްވީތޯ؟ އަނެއްކާ ކަމެއް ގޯސްވީތޯ؟“ ހައިރާންވެފައި ހުރި ނަތާޝާއަށް އަހާލެވުނެވެ. ” ނޫން ކޮއްކޯ؟ ދައްތައަށް މިރޮވެނީ ހަމައުފަލުން. ތަގްދީރުގެ ފުރިހަމަކަމުން. ގުދުރަތުގެ ރޭވުންތެރިކަމުގެ މޮޅުކަމުން. ކޮއްކޮއަށް އެނގޭތަ ބ.ހިތާދޫގައި ހުރެފައި ކޮއްކޮއަށް ތި އާދެވުނީ ކޮން ތަނަކަށްކަން؟ މިއީ ކޮންގެއެއްކަން؟ އިނާޝާއަކީ ކާކުކަން؟“ އެސުވާލުތަކުގެ ޖަވާބުގައި ނަތާޝާގެ ބޯ މަޑުމަޑުން ދެފަރާތަށް ހޫރުވާލިއެވެ.
ނަތާޝާ ހޫރުވާލި ބޯ ގޮސް ހުއްޓުނީ ވާތްފަރާތަށެވެ. އޭރު ގޭތެރެއަށް ވަދެގެން އަންނަނީ ފިރިހެނެކެވެ. ނަތާޝާގެ ހިއްސުތަކާ ކުޅެލިއެވެ. ހަނދާންތައް މާޒީއަށްގޮސް ސިކުނޑީގެ ދިރާސާއެއް ކުރަންފެށިއެވެ. ނަތާޝާއަށް ހުރެވުނީ އެވެ. ދަންނަ މީހަކުހެންވެސް ހީވެއެވެ. ބުނެދޭން ނޭނގޭ މީހަކާ ވައްތަރުވާންވެސް އުޅެއެވެ. ނާތާޝާގެ ސިކުނޑިން ޖަވާބެއް ނުނެރެވުނެވެ. އެމީހަކު އައިސް ނަތާޝާގެ ކުރިމަތީ ހުއްޓުނެވެ. ނަތާޝާގެ ދެލޯބޮޑުވިއެވެ. މުޅި މީހާގެ ހަށިގަނޑު ތުރުތުރު އެޅިއެވެ.
”ސޮރީ! ކޮއްކޯ؟ މިއީ ކޮއްކޮގެ ވަރަށް ގާތް މީހެއް. ކޮއްކޮގެ ހަނދާންތައް އެހިސާބަށް ނުދަނީ ކަންނޭނގެ. ނުވަތަ އެއްވެސް މީހަކު ބޭބެގެ ވާހަކަ ނުބުނަނީ ކަންނޭނގެ. ކޮއްކޯ ބޭބެއަށް މައާފުކުރޭ! ކޮއްކޮއަށް ބޭބެއަކީ ކާކުކަން އެނގިއްޖެނަމަ ވާނެގޮތް ބޭބެއަކަށްވެސް ނޭނގެ. މިއަދު ބޭބެ ވާހަކަ މިދައްކަނީ ވަރަށް ފުން އަސަރާއެކު. މިދުވަސް ތަގުދީރުން މިގޮތަށް ބޭބެ ކުރިމައްޗަށް އަންނާނެކަމަށް ބޭބެ ހީވެސް ނުކުރަން. އެކަމަކު ކަލާންގެ ކުޅަދުންވަންތަކަމުން މިއަދު ކޮއްކޮ ތިހުރީ މިގޭގައި.“ އެޖުމްލަތަކުން ނަތާޝާ ހާސްވިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއްކަން އޭނާއަށް ދެނެގަނެވުނެވެ. އިނާޝާވެސް ހުރީ ކަންބޮޑުވެފައެވެ. ބައްޕައާއި މަންމައަށް ވެގެން އުޅޭގޮތް ފެނިފައި ހަދާނެގޮތް ހުސްވަފައެވެ. ނަތާޝާ ގެނެވުނު މޮޔަ ހިތަށް އަރާފައެވެ.
”އަހަރެން ބޭނުމީ އަވަހަށްދާން.“ ވާނުވާ ނޭނގިފައި ހުރި ނަތާޝާ ވާހަކަ ދެއްކީ ކައިރީގައި ހުރި އިނާޝާއާ އެވެ. ނަތާޝާ ދުވެފައިކަހަލަ ގޮތަކަށް އެގެއިން ނުކުތެވެ. އަދި ޓެކްސީއެއް މަޑުކުރުވުމަށްފަހު އެއަށް އެރިއެވެ.
(ނުނިމޭ)