
ރާއްޖޭގައި ތަރައްގީކުރާ 40 ރިސޯޓަށް އެހީވުމަށް މެލޭޝިއާއަށް ދައުވަތު ދީފި
ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ކުރިއަރަމުންދާ ޓުރިޒަމް އިންޑަސްޓްރީގައި މިހާރު ހަދަމުންދާ 40 ރިސޯޓް ތަރައްގީކުރުމަށް އެހީތެރިވުމަށް މެލޭޝިޔާގެ ވިޔަފާރިވެރިންނަށް ދައުވަތު ދީފި އެވެ.
މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލްއޭވިއޭޝަން ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ މެލޭޝިޔާގެ އިންވެސްޓަރުންނާއި ބައްދަލުކުރުމުގައި ރާއްޖޭގައި އެފަރާތްތަކަށް ހުޅުވިފައިވާ ފުރުސަތުތައް އެފަރާތްތަކަށް ކިޔައިދެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ހަދަމުންދާ ރިސޯޓްތަކަށް ބޭނުންވާނެ ސާމާނުތައް އެތެރެކުރުމަށް އެހީތެރިވުމަށް އެފަރާތްތަކަށް ފުރުސަތު އޮތްކަމަށާއި އެކަމުގައި އެހީތެރިވުމަށް ގޮވާލާފައިވާނެ ކަމަށް ޑރ. ޝައުގީ ވިދާޅުވި އެވެ.
” އަޅުގަނޑު މެލޭޝިޔާގެ އިންވެސްޓަރުންނާ ބައްދަލުކުރުމުގައި ވާހަކަދައްކާފައިވާނީ މިހާރު ރާއްޖޭގައި ހަދަމުންދާ ރިސޯޓްތަކަށް ބޭނުންވާނެ ސަޕްލައި އެތެރެކޮށްދިނުމަށް. މިހާރުވެސް އެތެރެކުރާ ބޮޑުބައެއް އެތެރެކުރަނީ މެލޭޝިޔާގެ ވިޔަފާރި ވެރިން“ ޑރ.ޝައުގީ ޖަޒީރާއަށް މައުލޫމާތުދެމުން ވިދާޅުވި އެވެ.
ބޭރުގެ ސައިޓެއް ކަމަށްވާ ބިޒްނަސް ޓައިމުސްގައި ބުނެފައިވަނީ މެލޭޝިޔާގެ ފަރާތްތަކަށް އޮތް ފުރުސަތުތައް ކިޔައިދިނުމަށް ބޭއްވި ބައްދަލުވުމުގައި ޑރ.ޝައުގީގެ އިތުރުން މެލޭޝިޔާއަށް ރާއްޖެއިން ކަނޑާއަލާފައިވާ ސަފީރު މިދުހަތު ހިލްމީވެސް ބައިވެރިވެވަޑައިގަތް ކަމަށެވެ. މިދުހަތުއާ ހަވާލާދީ ސައިޓުގައިވާ ގޮތުގައި ރާއްޖެއިން ބޯޑަށް އިސްކަންދެނީ މެލޭޝިޔާގެ އިންވެސްޓަރުންނަށް ކަމަށާއި އެއީ މެލޭޝިޔާގެ އިންވެސްޓަރުން ހޯދައިފައިވާ ކުރިއެރުން ތަކަށް ބަލާފައި ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަންނަނީ ވަރަށް ހަލުވި ކަމާއެކު ކުރިއަރަމުން ނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ހެދިފައިވާ ހުރިހާ އެނދެއްވަނީ ކުރިއަށް އޮތް ދެމަހަށް ފުލްވެފައެވެ. އަދި ރާއްޖޭގައި އިތުރު ރިސޯޓްތަކެއް ހެދުމަށް 35 ރަށެއް މިދިޔަ އަހަރުވެނީ ކުއްޔަށް ދޫކޮށްފަ އެވެ.