އިތުބާރު (2)

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 15 2009، 15:37 2 ޚިޔާލު

ހަފީޒާއަށް ރޮވޭގޮތްވިއެވެ. އެޖަޒްބާތުން ފުރިގެންވާ އަސަރާއެކު ނަތާޝާއަށްވެސް ރޮވުނެވެ. ދެމައިންގެ ހިތުގައި ޖަހަމުންދާ ވިންދާއި އުފެދުނު ޝުއޫރު އެއްގޮތްވުމުން ދެމައިންނަށްވެސް ބައްދައިގަނެވުނީ އެވެ.

ހިތްގައުމު ފަތިހެއްގެ މާފިނި ނޫން ވައިރޯޅިތައް އައިސް ނަތާޝާގެ މޫނުގައި ބޮސްދެމުން ދެއެވެ. އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރި މަންމަގެ އަތުގެ ހޫނުން ނަތާޝާގެ ސިކުނޑި ކޮންޓްރޯލް ކުރަމުން ގެންދެއެވެ. އެމަންމަގެ ހުއްޓިފައިވާ ނަސޭހަތުގެ ބަސްތަކާއި ޖުމްލަތައް މިހާރު ނަތާޝާ ނަގަމުން އެދަނީ މަންމަގެ އިހުސާސުންނެވެ. މަންމަގެ ހިތުން ދައްކަމުންދާ ވާހަކަތަކާއި ކިޔާދެމުންދާ ކަންތައްތައް ނާތާޝާގެ ހިތުގައި ބިންވަޅު ނަގަމުން އެދަނީ ދުވަހަކުވެސް ފޮހެނުލެވޭނެހާ ފުންކޮށެވެ. އެންމެ ފަހުން ނަތާޝާއަށް ރޮވިއްޖެއެވެ. ދޯންޏަށް އަރައިގަންނަން ހިނގައިގަތީ މަންމަގެ ކޮނޑުގައި އަޅާފައި އޮތް ބޯ، ހިތްލާލުމަށްފަހު މަންމަގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އެވެ. އެހިނދު މަންމަގެ ލިބާހުގެ ޖީބުން ގަނާ ނަތާޝާއަށް ދިއްކޮށްލީ ސިޓީ އެކެވެ. އެއީ އެމަންމަގެ ހަނދާނެ އެވެ. މަންމަ ބުނުމުން މެނުވީ އެސިޓީ ނުކެނޑުމަށް ވައުދުވެ ދެވުނު ސިޓީއެވެ.

ނަތާޝާ މާލެއަށް ބަދަލުވިއެވެ. އަމީނިއްޔާ ސްކޫލަށް ވަނުމުގެ ފުރުސަތު ލިބުނު މަދުކުދިންގެ ތެރޭގައި އޭނާ ހިމެނުނެވެ. ލިބުނު ފުރުސަތުގެ ބޭނުންކޮށް ނަތާޝާ ބޭނުންވީ މޮޅަށް ކިޔަވާށެވެ. މޮޅު މީހަކަށްވެ، އަމިއްލަ ރަށަށް އެނބުރި ދާށެވެ. އެއަޒުމުގައި ނަތާޝާގެ މަސައްކަތް ފެށިއެވެ.

ކިޔެވުން ފެށުނުތާ ދެހަފްތާ ފަހެވެ. ނަތާޝާއަށް ތަންކޮޅެއް ލަހުން ސްކޫލަށް ދެވުނު ދުވަހެކެވެ. އޭރު ގިނަ ކުދިން ތިބީ ސަފްތަކުގައެވެ. އެއީ ގަޑި ޖެހުނު ފުރަތަމަ ދުވަސް ކަމަށްވާތީވެ، އޭނާ ހުރީ ހަދާނެ ގޮތް ނޭނގިފައެވެ.

”އާދޭ ލައިނަށް.“ ނުވެސް ދަންނަ ކުއްޖަކު ނަތާޝާއަށް ގޮވާލުމަށްފަހު ބުންޏެވެ. ނަތާޝާ އެ ޕްރެފެކްޓް ކުއްޖާގެ މޫނަށް ބަލައިލި އެވެ. އަދި ހިނތުން ވުމަކަށްފަހު ގޮސް ލައިނަށް އެރިއެވެ. އެސެމްބްލީ ނިމުމާއެކު އެކުއްޖާ ފޮތެއް ހިފައިގެން އައިސް ކުދިންގެ ނަން ނޯޓް ކުރަންފެށިއެވެ.

”ކީއްވެ ލައިނަށް ނާރާ ހުރީ؟“ އެކުއްޖާ ސުވާލު ކުރިއެވެ.

”މިއީ ގަޑި ޖެހުނު ފުރަތަމަ ދުވަސް. އެހެންވީމާ ހަދާންވީ ގޮތް ނޭނގިފައިހުރީ.“ ނާތާޝާ ޖަވާބުދިނެވެ.

”އެހެން ހީވެގެން ލައިނަށް އަރާށޭ ބުނީ.“ އެކުއްޖާ ވާހަކަ ދެއްކީ ހިނިތުންވުމާއެކު އެވެ.

އިންޓަވަލް ގަޑި ޖެހުމާއެކު ކުދިންތައް ކެކިއަރައިގަތެވެ. އެކި ކުލާސްތަކުން ކުދިންތައް ނުކުމެ އެކިދިމަދިމާލަށް ދުވެ، ނަގަން ފެށިއެވެ. ބައެއް ކުދިން ހަޅޭލަވައި ސަކަރާތް ޖަހާއިރު ބައެއް ކުދިން އެކުދިންގެ ރައްޓެހިންނާ ބައްދަލުކުރަމުން ގެންދެއެވެ. ނަތާޝާވެސް ކްލާހުން ނުކުތީ ކެންޓީނަށް ގޮސް އެއްޗެއް ގަތުމުގެ ބޭނުމުގައެވެ. އޭނާ ގޮސްހުރީ އެދިގު ކިއުގައެވެ. އެއީ ދިގު ކިއުއެކެވެ. ބައެއް ކުދިން އެކިއުއަށް ނާރާ، އެކުދިން ބޭނުންވާ ތަކެތި ގަނެހަދައެވެ. ކިއުގައި ހުންނަ ކުއްޖަކުއަތަށް ރުފިޔާ ދިނުމަށްފަހު ބޭނުންވާ އެއްޗެއް ބުނުމަށްފަހު އެހެން ކަމެއްގައި މަސްއޫލުވެއެވެ.

ނަތާޝާގެ ލޮލުގައި އަޅައިގަތީ އެއްކަހަލަ ކުއްޖާއެވެ. އޭނާ ހުރީ ދިގުކިއުއަށް އަރަން ބޭނުން ނުވެފައިކަން އޭނާގެ މޫނުމަތިން ނަތާޝާއަށް ދެނެގަނެވުނެވެ.

”ގެނޭ އަހަރެން ގަނެދީފާނަން.“ އެކުއްޖާއަށް ހަނާ އަޅާލަމުން ނަތާޝާ ބުންޏެވެ.

”ތިއީ .... އާނ އެނގިއްޖެ، އެސެމްބްލީ ވަގުތު ދިމާވި ކުއްޖާދޯ.“ ނަތާޝާއަތަށް ރުފިޔާ ދެމުން އޭނާ ބުންޏެވެ.

”ކޮން ނަމެއް ކިޔަނީ؟“ އެކުއްޖާ ސުވާލުކުރިއެވެ.

”އަހަރެންނަށް ކިޔަނީ ނަތާޝާ. ކޮން ނަމެއް ކިޔަނީ“ ނަތާޝާގެ ޖަވާބާއެކު ހަމަ އެސުވާލު ތަކުރާރު ކުރިއެވެ.

”އަހަރެންގެ ނަމަކީ އިނާޝާ“ އެކުއްޖާ ޖާވާބު ދިނެވެ.

”ހާދަ އެއްކަހަލަ ނަމެކޭ ދޯ؟“ ނަތާޝާއަށް ބުނެވުނެވެ.

”ބުނަން. ތިއީ އަހަރެންގެ ބައްޕައަށް ވަރަށް ރީތި ނަމެއް.“ އެކުއްޖާ ބުންޏެވެ. ދެކުދިން ވާހަކަ ދައްކަން ފެށީ އެހިސާބުން ނެވެ. އެކުވެރިއެއްގެ ގޮތުގައި ދެކި ދެކުދިން ތަފާތު ސުވާލުތައް ކުރަމުން ގެންދިޔައެވެ. އެދުވަހުގެ އިންޓވަލްގަޑި ނިމިގެންދިޔައީ ދެކުންދިންނަށްވެސް އާ އެކުވެރިއަކު ލިބިގެން ނެވެ.

ޖެހިގެން އައި ދުވަހު ނަތާޝާ އިންޓަވަލް ގަޑިއަށް ނުކުތީ އިނާޝާއާ ބައްދަލު ކުރުމަށެވެ. އޭނާގެ ދައުވަތެއް އިއްޔެ ލިބިފައިވާތީ އެވެ. ނަމަވެސް އެދުވަހު އޭނާއެއް ނުފެނުނެވެ. އެކި ކުލާސްތަކަށް ގޮސް އޭނާ ހޯދާކަށް ނަތާޝާއަކަށް ނުކުރެވުނެވެ. އެދުވަސް ނިމިގެންދިޔައީ ކުރީ ދުވަހު ބައްދަލުވި އެކުވެރިޔާ ނުފެނިއެވެ.

ހަފްތާއެއްފަހުން އެއްކަލަ އެކުވެރިޔާއާ ބައްދަލުވި އެވެ.

”އަހަރެން ވަރަށް ބޮޑަށް ބަލިވީ. ހުން އައިސްގެން ސްކޫލަށް ނާދެވުނީ. ބައްޕަ ބުނުއްވީ ސްކޫލަށް ދާކަށް ނުވާނޭ. އޭރުން އެހެން ކުދިންނަށްވެސް އެހުން ޖެހޭނެޔޭ. އެހެންވެ ސްކޫލަށް ނައީ.“ އިނާޝާ ސްކޫލުން ނުފެނުނު ސަބަބު އޭނާ ކިޔާދިނެވެ.

”އެދުވަހު އަހަރެން ހޯދިންދޯ؟“ އިނާޝާ ސުވާލު ކުރިއެވެ.

”ނޫން. އަހަރެން އިނާޝާ ހޯދަން ދާނީ ކޮންތާކަށް. އިނާޝާ އުޅެނީ ކޮން ކުލާހެއްގައިކަންވެސް ނޭނގެ. އަނެއްކާ އަހަރެންނަކަށް ނުކުރޭނެ އެހެން ކްލާސްތައް ކައިރިއަށް ދާކަށް.“ ނަތާޝާ ބުންޏެވެ.

”ކެރެންވާނެ. މިހާރު ކަންތައްތައް ވާނީ ކެރިގެންނޭ. ނުކެރެންޏާ މީހަކަށްވެސް ނުވާނެ.“ ކަންކަމުގައި އިނާޝާ ދެކޭގޮތް އޭނާ ހާމަކުރިއެވެ.

”ތިކަން އެނގޭ. ނަމަވެސް ހުރިހާ ކަމެއްގައި ކެރުމަކީ އަދި އެންމެ ރަނގަޅު ގޮތެއްނޫނެއްނުދޯ؟“ ނަތާޝާގެ ވިސްނުން އޭނާ ހާމަކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ނަތާޝާ އާއި އިނާޝާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ނަތާޝާގެ ވާހަކަތައް އިނާޝާއަށް ދިޔައީ ކިޔައިދެމުންނެވެ. އިނާޝާގެ ވާހަކަތައްވެސް ނަތާޝާއަށް ދިޔައީ ހިއްސާ ކުރަމުންނެވެ. އެހެންކަމުން މިއަދު ދެކުދިންނަކީ ވަރަށް ގާތް ދެރަހުމަތް ތެރިންނެވެ.

”އަހަރެން ބޭނުން ނަތާޝާ އަހަރެމެން ގެއަށް މިއަދު ގެންދަން.“ އިނާޝާ ގެ އެދުން އޭނާ ހާމަކުރިއެވެ.

”ނޫން. ތިކަމަށް ޖަވާބެއް ދޭން އެނގޭނީ ބޭބެ ގާތު އަހާލުމަށްފަހު.“ ނަތާޝާ ޖަވާބު ދިނެވެ.

”އެއީ ކީއްވެ؟ މިތާ ކައިރިއޭ އަހަރެމެން މިހާރުއުޅޭ ގެ ހުންނަނީ. ސްކޫލު ނިންމާލާފައި ކާލައިގެން ގެއަށް ދާނީ.“ އިނާޝާ ގެ ޚިޔާލަށް ނަތާޝާ ދެކޮޅު ހެދިއެވެ.

”ނޫން. އޭރުން ކަމަކުނުދާނެ. މަންމަ ބުނެފައި އޮންނަނީ އެއްވެސް ގެއަކަށް ނުދާށޭ. ތަނަކަށް ދާނަމަ ބޭބެ ނުވަތަ ދައްތަ ގާތު ބުނެފައިދާށޭ.“ ނަތާޝާ ބުނަމުންދިޔައީ އެގެއަށް ދެވެން ނެތް ސަބަބެވެ.

”އެހެން ވިއްޔާ ބޭބެ ގާތުގައި އަހާތި؟ އޭރުން އޯކޭ ވާނެއެއްނު؟“ އިނާޝާ ބުންޏެވެ.

(ނުނިމޭ)


    ކިޔުންތެރިންގެ ޚިޔާލު

  1. މިވާހަކަ އަށް ށާށި ވާހަކަ އަށް ދިމާވި ކަހަލަ ގޮތެއް ދިމާނުވާނެ ކަމަށް އުއްމީދު ކުރަން...

    ބުދަ، ސެޕްޓެމްބަރ 16 2009، 11:58
  2. ނަތާޝާ އާއި އިނާސާ ހީވަނީ ދެބެއިންހެން

    ބުދަ، ސެޕްޓެމްބަރ 16 2009، 14:26
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv