އިތުބާރު

އަންވަރު އިބްރާހިމް ސެޕްޓެމްބަރ 14 2009، 17:11 0 ޚިޔާލު

ކުޑަކުޑަ ނަތާޝާ ދުވެފައި އައިސް އޭނާގެ މަންމަގައި ބައްދައިގަތެވެ. މަންމަ ފެންނަ ކޮންމެ ފަހަރަކު މަންމަގެ ކޮލަށް ދޮނެއް ދިނުމަށްފަހު މަންމަގެ ކޮނޑުގައި ބޯއަޅާލަން ބޭނުންވާ ނަތާޝާ މިއަދުވެސް ބޭނުންވީ އެމަންމެގެ ކަރުގެ ހޫނު ކަމެވެ. މައިވަންތަކަމުގެ ޖަޒުބާތުން ލިބިގެންދާ މަތިވެރި އިހްސާސެވެ. ސްކޫލުން ނުކުމެގެންދިޔަ ގިނަ ކުދިންތަކުގެ ތެރޭގައި ހުރެގެން ހަފީޒާ، އޭނާގެ ދަރިފުޅު އުރާލިއެވެ. ދަރިފުޅުގެ އެދުން ފުރިހަމަ ކޮށްދިނުމުގެ ބޭނުމުގައެވެ. އެމަންމަގެ ހިމާޔަތް ކޮންމެ ތާކު، ކޮންމެ ވަގުތަކުވެސް ލިބޭނެކަމަށް ބުނަމުން ނެވެ.

ނަތާޝާއަކީ ހަފީޒާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ހަފީޒާގެ އުންމީދުން ފުރިގެންވާ ދުނިޔެއަށް އަލިކޮށްދެމުންދާ ހުޅުކޮޅެވެ. އެހުޅުކޮޅު ކަނިވެ ނިވެންދާ ކޮންމެ ވައިރޯޅިއަކާ ދެކޮޅަށް ހަފީޒާ ތެދުވާނެވެ. އެކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. ދަރިފުޅަށް ދިމާވާ ކޮންމެ ކަމަކުން ދަރިފުޅު ސަލާމަތްކޮށްދިނުމަށް ހަފީޒާ ވަމުންދާ ގުރުބާނީ ނުދަންނަ މީހަކު އެރަށަކު ނުހުންނާނެއެވެ. އެދަރިފުޅަށްޓަކާ ހަފީޒާގެ ދިރިއުޅުން ބަދަލުކުރި ކަމާއި، މުޅި ހަޔާތް އެފުށް މިފުށަށް ޖެހިކަން ރަށުގެ އެންމެނަށްވެސް އެނގެއެވެ. މިއަދުވެސް ހަފީޒާ ހުރީ ހަމަ އެރޫހުގައެވެ. ދަރިފުޅު ސްކޫލުން ނިމޭ ކޮންމެ ވަގުތަކު ދަރިފުޅު ބަލާއަންނަނީ އެއަޒުމުގައެވެ.

ހަފީޒާ ގަބޫލުކުރާ ގޮތުގައި އިތުބާރުކުރުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. އެއްވެސް މީހަކަށް އިތުބާރު ކޮށްގެން ނުވާނެއެވެ. މީހަކު ތިމާއަށް އިތުބާރު ކުރިނަމަވެސް ތިމާގެ އިތުބާރު އެމީހަކަށް ވިއްކާލައިގެން ނުވާނެއެވެ. ތިމާ އެހެންމީހަކަށް އިތުބާރު ކޮށްފިނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ހަފީޒާ ގަބޫލުކުރާ ގޮތުގައި އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެއީއެވެ.

އުފާވެރި ދުވަސްތަކަކަށްފަހު ހަފީޒާގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ނަތާޝާ މާލެދާން ބޭނުންވާ ވާހަކަ ބުނާތީއެވެ. ރަށު ސްކޫލު ނިންމާލުމަށްފަހު މާލެދާން ނަތާޝާ ބޭނުންވާވާހަކަ ދައްކާތީއެވެ. އެއީ ހަފީޒާ އެދޭގޮތެއް ނޫނެވެ. ހަފީޒާ ބޭނުންވަނީ އޭނާ ފެންނަ ހިސާބުގައި ނަތާޝާ ބެހެއްޓުމަށެވެ.

ނަތާޝާގެ ބައްޕަ ގެއަށް ވަނުމާއެކު ހަފީޒާގެ ވާހަކަ ފެށިއެވެ.

”އަހަރެން ބޭނުންވަނީ ނަތާޝާ އޭދަފުއްޓަށް ފޮނުވަން. އޭރުން އަހަރެމެންނަށްވެސް ތަންކޮޅެއް ފަސޭހަވާނެއެއްނު. އަނެއްކާ އެމަންޖެ އުޅޭގޮތްވެސް ފަސޭހައިން ބެލޭނެއެއްނު.“ ހަފީޒާގެ ޚިޔާލު ފާޅުކުރިއެވެ.

”އެކަމަކު އެމަންޖެ ދާން ބޭނުންވަނީ މާލެއަކަށްނު. އެހެންވީމާ ދެން އޭދަފުއްޓަށް ފޮނުވީމާ ކިހިނެއްވާނީ؟ އެހެން ނޫނަސް އަހަރެން އެމަންޖެއަށް އިތުބާރުކުރަން. އަހަރެންނަށް ފެންނަނީ ރަނގަޅު ނަތީޖާއެއް ހޯދައިފިނަމަ ހަމަ މާލެއަށް ފޮނުވަން.“ ނަތާޝާގެ ބައްޕަ ދެއްކި ވާހަކަތަކަށް ހަފީޒާ އެއްބަހެއް ނުވިއެވެ.

”އެކަމަކު މިހާރު މާލޭގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ޒާހިދަށްވެސް އެނގޭނެ. ބައެއް ކުދިން އުޅެންޖެހޭ ހާލުގެ ވާހަކަ ޒާހިދުވެސް އަޑުއަހާނެ. އެހެންވީމާ އަހަރެން ބޭނުމެއް ނޫން ނަތާޝާ މާލެ ފޮނުވާކަށް. އަހަރެންނަށް އިތުބާރެއް ނުކުރެވޭނެ އެކަކަށްވެސް.“

”ތިއޭ މައްސަލައަކީ އެއްވެސް މީހަކަށް އިތުބާރު ކޮށްގެން ނުވޭ. ކިހިނެއްތަ އިތުބާރާ ނުލާ ކަމެއްކުރާނީ. އޭދަފުށްޓަށް ފޮނުވީމާ އިތުބާރުކުރެވޭތަ؟“ ޒާހިދު ހިތްހަމަ ނުޖެހުނެވެ.

”ގައިމު އޭރުން ފަސޭހަކަމާއެކު ވާނުވާ ބެލޭނެއެއްނު. ކަމެއް ދަމެއް ބޮޑުވާއިރަށް އަހަރެމެންނަށް ދެވޭނެއެއްނު.“ ހަފީޒާ ބޭނުންވީ ޒާހިދަށް ވިސްނާދޭށެވެ.

”ތިގޮތަށް ވިސްނަންޏާ ދަރިފުޅާއެކު ހަފީޒާވެސް މާލެދާންވީނު. އޭރުން މާރނގަޅުވާނެ.“ ޖުމްލަ ނުނިމެނީސް ހަފީޒާ ފެއްޓިއެވެ.

”ނޫން. އަހަރެންދާކަށް ބޭނުމެއްނޫން. ދުވަހަކުވެސް މާލެދާކަށް ބޭނުމެއް ނޫން. އެއަށްވުރެ ފޫހި ތަނެއް މިދުނިޔެއަކު ނުވޭ.“

”ތިކަން އެނގެޔޭ. އެއީ ކީއްވެގެންކަންވެސް އެނގޭ. އެމަންޖެ މާލެ ނުފޮނުވަން ތިއުޅެނީ އެހެން ވެގެންތަ؟“ ޒާހިދު ކުރި ސުވާލުން ދެމީހުންގެ މޫޑް ބަދަލުވިއެވެ. ދައްކަމުން ގެންދިޔަ ވާހަކަވެސް ބަދަލުވިއެވެ. ނަމަވެސް އެތައް އިރެއްގެ ވާހަކައަށްފަހު އެންމެ ފަހުން ނިންމީ ނަތާޝާ މާލެ ފޮނުވާށެވެ.

ނަތާޝާ މާލެދާން ފުރަން އޮތް ރެއެވެ. ނަތާޝާ އޮތީ ކޮޓަރީގައެވެ. ފުން ޚިޔާލުގެ ކަނޑުގައި މާޒީގެ ތެރެއަށް ގެއްލިފައެވެ. އަމިއްލަ ރަށް ދޫކޮށް ދާންޖެހޭތީ އެޚިޔާލުތަކުން ނިންޖަށް ހުރަސްއަޅާފައެވެ. އެކުވެރިންނާއި ރައްޓެހިންގެ ބަސްތައް ކަންފަތުގައި އައިސް, ގުގުމާތީވެ ނިދަން ބޭނުންނުވެފައެވެ.

ކުއްލިއަކަށް ކޮޓަރިއަށް ވަނީ އޭނާގެ މަންމަ އެވެ. މަންމަ ފެނުމާއެކު ނަތާޝާއަށް ތެދުވެވުނެވެ.

”ކިހިނެއްތޯވީ؟" ނަތާޝާ ސުވާލުކުރިއެވެ.

”ދަރިފުޅެކޭ އެއްފަދައިން މަންމައަށްވެސް މިއުޅެނީ ނުނިދިގެން. އެހެންވެ ހިތަށް އެރީ ދަރިފުޅާ ވާހަކަ ދައްކާލާނިއްޔޭ.“ މަންމަ ބޭނުންވީ ނަތާޝާއާ ވާހަކަ ދައްކާށެވެ.

”ދުރުވޭ އޮށޯންނަން މިތަނަށް.“ ނަތާޝާ އޭނާގެ މަންމައަށް ދައުވަތު ދިނެވެ.

”ދަރިފުޅާ! ތިދެވެނީ މާލެއައް. އެއީ ނުރައްކާތެރި ތަނެއް. ދަރިފުޅަށް ނުރައްކާވާނެ ތަނެއް. ދަރިފުޅު މާލެ މިފޮނުވަނީ އެނޫން ގޮތެއް ނެތުމުން. އަދި އެއީ ދަރިފުޅުގެ އުންމީދަކަށްވާތީ. އެކަމަކު ދަރިފުޅު ހަނދާން ކުރާތި. އެއްވެސް މީހަކަށް އިތުބާރު ނުކުރާތި. އިތުބާރު އެއީ ވިއްކާ އެއްޗެއްނޫން. މިއަދާ ހަމައަށް އައިއައިރު މަންމަ އިތުބާރު ކުރީ އެންމެ ފަރާތަކަށް. އެއީ .........“ ދައްކާ ވާހަކައިގެ މިސްރާބު ބަދަލުވާން އުޅޭކަން ހަފީޒާއަށް އިހްސާސްވީ ވަކިހިސާބަކަށް ބުނެވުނު ފަހުންނެވެ.

”އެއީ ކާކު؟ ބުނުއްވަ ބައްލަވާ މަންމާ؟ ޕްލީޒް“ ނަތާޝާ ސުވާލުކުރަން ފެށިއެވެ.

”އެއީ ދަރިފުޅެއްނު. މަންމަ އެންމެ އިތުބާރު ކުރަނީ ދަރިފުޅަށް.“ ހަފީޒާއަށް ހަގީގަތް ހާމަކުރާކަށް ނުކުރުނެވެ. ފުރުސަތު ލިބުމުންވެސް އޭގެ ބޭނުން ހިފުމަށް ހަފީޒާގެ ޒަމީރު ދެކޮޅުހެދިއެވެ.

”ކީއްވެތޯ މަންމަ އެހެން މީހުންނަށް އިތުބާރު ނުކުރައްވަނީ؟“ އެސުވާލު ނުކުރަން ހިތަށް އެރިނަމަވެސް ނަތާޝާ އެސުވާލު ކުރިއެވެ.

” ތިއީ ވަރަށް ބޮޑު ސުވާލެއް. ތިސުވާލުގެ ޖަވާބާ ވަރަށް ގިނަ ކަންތައްތައް ގުޅިފައިވާ ސުވާލެއް. ކިހިނެއް މަންމަ ތިސުވާލަށް ޖަވާބުދޭނީ. ތިސުވާލުގެ ޖަވާބު އެންމެ ފުރިހަމައަށް ދީފިނަމަ ދަރިފުޅު ހިތްހަމައެއް ނުޖެހޭނެ.“

”ނޫން މަންމާ! އަޅުގަނޑު ކީއްވެތޯ މަންމަ ދެކެ ހިތްހަމަ ނުޖެހެންވީ. އަޅުގަނޑު އެންމެ ލޯބިވާ ފަރާތަކީ މަންމަ. ދެން ބައްޕަ. ބުނުއްވަބައްލަވާ މަންމާ! ކީއްވެތޯ މަންމަ އަބަދުވެސް އިތުބާރު ނުކުރާށޭ ބުނުއްވަނީ؟ އެކަމަކު އިތުބާރު ނުކޮށް ކިހިނެއްތޯ އުޅެނީ.“ ނަތާޝާ ކުރީ ޝަކުވާއެވެ.

”ދަރިފުޅާ! މަންމަ މިހެން ބުނާ ސަބަބު ކޮންމެވެސް ދުވަހަކުން ދަރިފުޅަށް އެނގޭނެ. އެދުވަހަކުން ދަރިފުޅަށް އޭގެ ޖަވާބު ލިބޭނެ. ދަރިފުޅު ތިސުވާލު ތިކުރަނީ ދަރިފުޅަށް ވަރަށް ބޮޑުކަމެއް ސިއްރުވެފައި އޮތުމުން. ނަމަވެސް އެވާހަކަ ބުނާނެ ހިތްވަރެއް މަންގެ ނެތް. މަންމަ އުންމީދު ކުރަނީ ދުވަހަކުވެސް މަންމަގާތު އެސުވާލު ދަރިފުޅު ނުކުރާނެ ކަމަށް.“

(ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv