
ބިރުވެރި ރޭ (3)
-ޝަމްސް-
އަހަރެންގެ ދަރިފުޅު މަތިން އަހަރެން ހަނދާނެއްވެސް ނެތެވެ. ދަރިފުޅުމަތިން ހަނދާންވީ ކޮޓަރިއަށް ވަދެ ދަރިފުޅު ފެނުމުންނެވެ. އަހަރެން ވަގުތުން ގޮސް ދަރިފުޅު ގައިގަ ބައްދާލީމެވެ. އަދި ބޮސްދެވުނެވެ. އެވަގުތު އަހަންނަށް ރޮވުނެވެ. އަހަރެންގެ އެކަނިވެރިކަމާމެދު ވިސްނާލެވުނެވެ. މިބިރުވެރިރޭ އަހަރެންގެ ފިރިމީހާ އަހަރެންގެ ގާތުގައި ނެތް ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް މީ ތަޤްދީރުގެ ނިޔާއެވެ. އަހަރެން މިފަދަ އެތައް ރެއެއް ތަޙައްމަލް ކުރަން ޖެހޭނެ އެތައް ދުވަހެއް އަދި އަންނާނެކަން ކަށަވަރެވެ. މިހުރިހާ ކަމެއް ހިތައް އެރުމަށްފަހު ﷲ އަށް ވަކީލުކުރާ ޙާލު ހަމަޖެހިލައިގެން އެނދުގައި އޮށޯތީމެވެ.
އަހަންނަށް ހޭލެވުނީ ފަތިހުގެ ބަންގީގެ އަޑަށެވެ. އޭރު ގަޑިން 5 ޖަހައިފިއެވެ. ތެދުވެގެން ގޮސް ފެންވަރައިގެން އައިސް ނަމާދުކޮށްލީމެވެ. ނަމާދުން ނިމުނު އިރު ދަރިފުޅުވެސް ހޭލައިފިއެވެ. ދަރިފުޅުގެ ކަންތައްތައް ނިންމާލާފަ ގޮސް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްޓަކައި ބަދިގެއަށް ވަނީމެވެ. އަދި ހެދުނު އިރު އެރުމުން ގޯތިތެރެއަށް ނިކުމެލީމެވެ. ބިޔަގަސްތަކުން ފުރިފައިވާ ގޯތީގައި އެއްވެސް ގަހަކަށް ގެއްލުމެއްވެސް ވެފައެއް ނެތެވެ. ނަމަވެސް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ތެމިފައިވެއެވެ. ހެދުނުގެ ނާސްތާ ތައްޔާރުކުރުމަށް ފަހު އަހަރެންގެ ދޮށީ ދެކުދިން ބަލާ ޖެހިގެން ހުރި ފާތުމަގެއަށް ދިޔައީއެވެ. އަހަރެން ދިޔައިރުވެސް އެކުދިން ހޭނުލައެވެ. ރޭގަނޑުގެ ނިދިން މަޙުރޫމްވެފައިވާ އެދެ ކުދިން ނިދާފައި ތިބުމުން އަހަރެން އަނެއްކާވެސް ދިޔައީ އަހަރެން އުޅެމުން އަންނަ ގެއަށެވެ. އެހިސާބުގައި އުޅޭ ޒުވާން ފުރައިގެ އަންހެން ކުދިން އަހަރެން ފެނުމާއެކު އެކި އެކި ވާހަކަތައް އަހަމުން ދިޔައެވެ. ނަމަވެސް އެހާދިސާގެ އެއްވެސް ވާހަކަ އެއް އެއިން އެއްވެސް މީހަކަށް އަހަރެން ކިޔައެއް ނުދެމެވެ. ސަބަބަކީ އެކަމުން އެމީހުންވެސް ބިރުގަނެފާނެތީއެވެ. އަދި އަހަރެން އުޅޭ ގެއަށް އަންނަން އެމީހުުން ޖެހިލުން ވެދާނެތީއެވެ. އަދި ބައެއް މީހުން އެވާހަކަ ޤަބޫލުކުރިޔަސް އަނެއް ބަޔަކު ޤަބޫލުނުކޮށްފާނެތީއެވެ. މިހުރިހާ ސަބަބަކާ ހެދި އަހަންނަށް މަޖުބޫރުވީ މިކަންތައްތައް ސިއްރު ކުރުމަށެވެ.
އެދުވަހަކީ އަހަރެން ވަރަށްބުރަ ކޮށް އުޅުނު ދުވަހެކެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމުގައެވެ. ގެއާއި މުޅި ގޯތި އެއްކޮށް ކުނިކަހާ ސާފުކުރީމެވެ. އަހަރެންގެ ބޮޑު އަންހެން ދަރިފުޅުވެސް މިކަމުގައި އަހަންނާ ބައިވެރިވިއެވެ. އަހަރެންގެ ބޮޑު ދަރިފުޅު ”ޢައިޝާ“ ރޭގެ ހާދިސާ އާ ބެހޭ ގޮތުން ވާހަކަ އަހާފާނެތީ އަހަރެން ހުރީ ހިތް ނުތަނަވަސް ވެފައެވެ. ޢައިޝާއަކީ ވެސް އުމުރުން 10 އަހަރުވެފައިވާ ކަންތައްތަކަށް ލޯހުޅުވިފައިވާ ކުއްޖެކެވެ. އޭނަ އަހަރެންގެ މާޔޫސްވެފައިވާ މޫނަށް އެތައް ފަހަރަކު ބަލާލިއެވެ. ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް އަހަރެން އުޅޭލެއް ބުރަކަމުން އަހަރެންގެ ކައިރީގައި އެވާހަކަ އަހަން ނުކެރިފަ ހުރީ ކަންނޭނގެއެވެ. މެންދުރުނަމާދަށް ބަންގި ގޮވިއިރު އަހަރެމެން ދެމައިންވެގެން މުޅިގެއާއި ގޯތި އެއްކޮށް ސާފުކޮށް ކުނިކަހާ ރީތި ކޮށްލީމެވެ.
ވަގުތުތައް އޭގެ އެންމެ ހަލުވިމިނުގައި ފާއިތުވެގެން ދެއެވެ. އިރުއޮއްސި އަނދިރިވާން ކައިރިވީމަ ތިންކުދިން ފެންވަރުވާ ރީތި ކުރުމަށް ފަހު ކާންދީފީމެވެ. ރޭގަނޑުގެ އަނދިކަމާ އެއްވަރަށް ވިއްސާރައިގެ ކުލަވެސް ފެންނަން ފަށައިފިއެވެ. އިރުއޮއްސި އަނދިރިވެއްޖެއެވެ. މުޅި އުޑުމަތި އެއްކޮށް ބަނަކޮށްލައިފިއެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގެންފާނެ ހެންނެވެ. ތިންކުދިން ގޮވައިގެން ގޮސް ނަމާދުކޮށްގެން އަހަރެން އެކުދިންނަށް ޤުރުއާން ކިޔަވައިދޭން އިށީނީމެވެ. ހިނދުކޮޅެއްގެ ތެރޭގައި ވާރޭވެހެން ފަށައިފިއެވެ. އަދި ކުރީ ރެއަށް ވުރެ ވެސް މާ ގަދައަށް ވައިޖެހެއެވެ. ގަދަވަޔާއެކު ވިއްސާރައިގެ ތިކިތައް ފުރާޅުމަތީގައި ޖެހޭއަޑު އިވެއެވެ. ބައެއް ފަހަރު ނާނާއެއްގެ އަޑުފަދައިންނެވެ. އަނެއްބައިފަހަރު ބިރުވެރި ގޮތަކަށެވެ. ރުކުން ވެއްޓޭ ކާށި ބިންމައްޗަށް ވެއްޓޭ އަޑުފައްގަނޑު އިވެއެވެ. މިހުރިހާ އަޑުތަކަށް ސަމާލުވެގެން އަގައިންވެސް ބުނަން ނޭނގިފައި އަހަރެންގެ ކުޑަ ދަރިފުޅު އިނެވެ. އަހަރެންގެ ހޫނުކަން އިހުސާސް ކުރެވޭ ހާ ކައިރީގައެވެ. މިއަދު އެކުދިންގެ ހުރިހާވެސް މީހަކީ އެކުދިންގެ ލޯބިވާ މަންމައެވެ. ބައްޕަ އަށް އެކުދިންގެ މިވަގުތުގެ ޙާލު އެނގޭނެބާއެވެ.
ކުއްލިއަކަށް މޭޒުމަތީގައި އޮތް ފޯން ރިންގް ވާންފެށިއެވެ. ހުރިހާ ކުދިން ދިޔައީ ސިއްސައިގެންނެވެ. ފޯނުކުރީ އަހަރެންގެ ފިރިމީހާއެވެ. ވީއުފަލެއް ބުނެދޭންވެސް ނޭނގުނެވެ. މިފަދަ ވަގުތެއްގައި ފިރިމީހާ ގުޅީމައެވެ. އުމަރު އަހަންނާ ވާހަކަ ދެއްކުމަށް ފަހު ތިންކުދިންނާ ވަކިވަކިން ވާހަކަ ދެއްކިއެވެ. ކޮންމެ ކުއްޖެއްގެ ވެސް ޝަކުވާ އަކީ ބައްޕަ ދުރުގައި ހުރުމުން ކުރެވޭ ޝަކުވާއެވެ. އުމަރު އެކުދިންގެ ހިތްހަމަޖައްސައި ދިނެވެ. ވަރަށް އަވަހަށް އެނބުރި އަންނާނެ ވާހަކައެވެ. މަންމަގެ ބަސް އަހައިގެން ތިބުމަށް ނަސޭޙަތްތެރިވިއެވެ.
އަހަރެން ގަސްތުކުރީ އެރޭ އުމަރުއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އަހަރެންގެ ފިރިމީހާ އާ ނުލާ މިބިރުވެރިކަމުގެ ތެރޭގައި އަހަރެން އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ. އުމަރުވެސް އެންމެ ދެރަވަނީ އެފަސްގަނޑުގައި އޭނަގެ ލޯބިވާ އަނބިމީހާއާ އޭނަގެ ދެލޯފަދަ ތިންކުދިން ބިކަވެގެން ދިޔައިރު އޭނާގެ ޢާއިލާގެ މީހުން އެމީހުންނާ ދޭތެރޭ ކަންތައްތައް ކުރި އިހާނެތި ގޮތް ހިތައް އެރީމައެވެ. އަދި ވަރަށް އަވަހަށް ރަށަށް އަންނާނެ ކަމަށް ބުނެފައި މިވަގުތަށް ފޯނު ބޭއްވުމަށް ފިރިމީހާ އެދުނެވެ.
ގަޑިން 9 ޖެހުމާއެކު 3 ކުދިންވެސް ނިދަން އޮށޯވެއްޖެއެވެ. އަނެއްކާވެސް އެބިރުވެރި ރެއާ ކުރިމަތިލާން ޖެހުނީއެވެ. އަހަރެންވެސް ނިދަން އޮށޯތީމެވެ.
ގަޑިން 3 ޖެހިތަނާ އަހަންނަށް ހޭލެވުނެވެ. އަހަރެންގެ ނަމުން މީހަކު ގޮވާ އަޑު އިވިގެންނެވެ. އަހަރެން ޝައުޤުވެރިކަމާއެކު އެއަޑު އެހީމެވެ. އެއީ ފިރިހެނެއްގެ އަޑެކެވެ. އަނެއްކާވެސް ހިތުތެރޭގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެހިނދުކޮޅުގެ ތެރޭގައި ފެންޑާތެރެއިން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ދިޔައެވެ. އެތައް ކަންތައްތަކެއް ހިނގަމުންދިޔައެވެ. އަހަރެންނަށް ރޮވުނެވެ. އެއްވެސް ކުއްޖަކު ހޭނުލާތީ އަހަންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މިހާރު މިފަދަ އަޑުތައް އަހަރެންގެ ކަންފަތަށް އިވި އިވި ބާވެއްޖެއެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު އައިސް ޓަކި ޖަހާލުމުންނެވެ. އަހަރެން އެއަޑަށް ސަމާލުކަމެއް ނުދެމެވެ. އެންމެ ފަހުން އަހަންނަށް މަޖުބޫރުވީ ގޭގެ ބޮޑުދޮރު ހުޅުވުމަށެވެ. އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. ކިތައްމެ ބިރުން ހުރި ނަމަވެސް އަހަރެންގެ ހިތް އަހަންނަށް މަޖުބޫރުކުރަމުން ދިޔަ ކަންތައްތައް އަހަރެން ކުރީއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ދޮރުހުޅުވުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެހިނދުކޮޅުގެ ތެރޭގައި އެމީހަކު އަހަރެންގެ އަނގަމަތީގައި އަތްއެޅިއެވެ. އަހަންނަށް ބޭއިޚުތިޔާރުގައި ބަލާލެވުނެވެ. އަދި އެމީހަކު ދޮރުލެއްޕިއެވެ. ވީ އުފަލުން އަހަންނަށް ބައްދާލެވުނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އަހަރެންގެ ލޯބިވާ ފިރިމީހާއެވެ.
ފިރިމީހާ ފެނުމުން އަހަރެން އިންތިހާއަށް އުފާވިއެވެ. ފިރިމީހާ ގަސްތުކުރީ އަހަރެން ގޮވައިގެން އަހަރެންގެ ރަށަށް ދިއުމަށެވެ. ޖެހިގެން އައިދުވަހު ބ. އޭދަފުއްޓަށް އަލްވަދާޢު ކިޔާފައި އަހަރެންގެ 3 ކުދިންނާ އަހަރެން ގޮވައިގެން ފިރިމީހާ ދިޔައީ އަހަރެންގެ އުފަން ރަށަށެވެ. މިހާރު އަހަރެންނަށް 4 ކުދިން ލިބިފައިވެއެވެ. އަހަރެން ނަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުންދާ އަންހެނަކީމެވެ.
(ނިމުނީ)
-
އާދިތްތަ، ސެޕްޓެމްބަރ 13 2009، 22:46
ވާހަކަ ވ ރީތި.އެ ގޭގެ ސިއްރު ހާމަ ކޮށްލިނަމަ ވ ރީތިވީސް.
-
ހޯމަ، ސެޕްޓެމްބަރ 14 2009، 07:28
ވާހަކަ ވަރަށް ޝައުޤުވެރިކމާއި އެކު ކިޔަމުން މިދިދޔއައީ! މިބިރުވެރިކަމުގެ ހަޤީޤަތް ނޭގި ވާހަކަ ނިމުނީމާ ވަރަށް ދެރަވެއްޖެ!
-
ހޯމަ، ސެޕްޓެމްބަރ 14 2009، 13:55
ހީކުރިހާ ރީއްޗެއްނޫން ވާހަކައެއް. ފުރަތަމަ ފެށުނުއިރު ހީވި ވަރަށް ރީތި ބިރުވެރި ވާހަކައަކަށް ވާނޭ. ނަމަވެސް ނިމުން ރީއްޗެއް ނުވި. ގޭގެ ސިއްރު ވެސް ހާމަވެގެން ނުދިޔަ. ވާހަކަ ތަންކޮޅެއް ދިގު ކޮއްލިނަމަ އެބައިތައް ވަރަށް ފުރިހަމަ އަށް ގެނެވުނީސް.
-
ބުދަ، ސެޕްޓެމްބަރ 16 2009، 10:41
ވާހަކައިގެ އެންމެ ބޭނުންތެރި ބައި ނެތީމަ، ވާހަކަ ބިރުވެރި އެއް ނުވި. ވަރައްދެރަ! އެ ބިރުވެރި ބައި ފަހުން ޝާއިރު ކުރާނެ ކަމައް އުންމީދު ކުރަން.
-
ބުދަ، ސެޕްޓެމްބަރ 16 2009، 12:38
މިވާހަކަ ފެށުން ވަރަށް ރީތީ އެކަމު ނިމުމާމެދު ހިތްހަމަ ނުޖެހޭ އެއްވެސް ވަރަކަށް...... ބިރުވެރިކަމެއް ނެތެއްނު މި ވާހަކައިގަ........