

ބިރުވެރި ރޭ (2)
-ޝަމްސް-
ގަޑިން 12 ޖެހިތަނާ ކުއްލިއަކަށް އަހަންނަށް ހޭލެވުނެވެ. ގަދަ ވަޔާއެކު ގަސްތަކުގެ ބޮޑެތި ގޮފިތައް އައިސް ފުރާޅު މަތީގައި ޖެހޭ އަޑުފައްގަނޑަށެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިގެންފާނެ ހެންނެވެ. އަހަރެން ތިންކުދިންނަށް ބަލައިލީމެވެ. ރޭގަނޑުގެ އަރާމް ނިންޖަށް އިންސާފު ކުރަމުންދާ މިއިން އެއްވެސް ކުއްޖަކަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ. ނަސީބެކޭ އަހަރެންގެ ހިތައް އެރިއެވެ. އެހެން ނޫންނަމަ އެކުދިންވެސް ބިރުގަންނަނާނެ ކަން ކަށަވަރެވެ. އަހަރެން އެހެން އިންދާ ގަހެއްވެއްޓުނު އަޑު އިވުނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ.
އިރުކޮޅެއްވީތަނާ ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. ވާރޭގެ ތިކިތައް އައިސް ފުރާޅުމަތީގައި ޖެހޭ އަޑުފައްގަނޑު އެހާ ގަދައެވެ. ބައެއް ފަހަރު ފާޚާނާ ތެރެއިން ކުޑަ ކުއްޖަކު ރޯހެން ވެސް ހީވެއެވެ. އިރުއިރުކޮޅާ ވިއްސާރަ ގަދަ ވަމުން ދިޔައެވެ. ވައިގަދަވެ ވިދާ ގުގުރަން ފަށައިފިއެވެ. ވިދާލާ ވިދުވަރުން މުޅި ގޭތެރެ އަލިވެގެން ދެއެވެ. ހަމަ އެހިނދުކޮޅުގެ ތެރޭގައި އިވޭ ގުގުރީގެ އަޑު ހީވަނީ ތަންތަން ފަޅައިގެން ހިނގައިދާނެ ހެންނެވެ. އަހަރެންގެ އެންމެ ހަނގު ދަރިފުޅު އެވަގުތު ހޭލިއެވެ. އަދި ރޮއެގެންފިއެވެ. ބަނޑުހައިވެގެންނެވެ. ބުއްފުޅިއެއް ގިރާފަ އޭނާ ނިންދަވަން އަހަރެން މަސައްކަތް ކުރީމެވެ. ރުންކުރުގޮތަކަށް ރޯލާފަ އެކުއްޖާ ނިދައިފިއެވެ. އަހަރެންވެސް ކުޑަ ކޮށް ތާއްޔަކަށް ޖެހެން ފެށުމުން އެނދުގައި އޮށޯތީމެވެ. ކުޑައިރުކޮޅަކަށް ނަމަވެސް އަހަންނަށްވެސް ނިދިއްޖެއެވެ.
ކުއްލިއަކަށް އަހަރެން ސިއްސައިދިޔައީ ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނު އަޑަށެވެ. އެއްފަހަރު ބުޅަލެއްގެ ރުއިމުގެ އަޑު އިވުނެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެއަޑުވެސް ކެނޑިއްޖެއެވެ. އެގެއަކީ އެތައް ދުވަހެއް ވަންދެން މީހުން ދިރިނޫޅޭ ގެއަކަށް ވުމުން އެކޮޓަރިން ބޭރަށް ވެސް ނިކުންނާކަށް އަހަންނަކަށް ނުކެރުނެވެ. ދެން އަހަރެންގެ ކަންފަތަށް އިވެންފެށީ އަހަރެން ޤަބޫލުކުރަން ވެސް ބޭނުންވި އަޑެއްނޫނެވެ. ގޭގެ އެންމެ ބޭރު ދޮރުގައި މީހަކު ހިފާލި އަޑުއިވުނެވެ. އަހަރެން ވަގުތުން ގަޑި ބަލައިލީމެވެ. ގަޑިން މެންދަމު 3 ޖެހީއެވެ. އަހަރެން ބިރުން ސިހިގެން ދިޔައީ ދެވަނަ ފަހަރަށް މީހަކު އައިސް ދޮރުގައި ހިފާލިއަޑު އިވުމުންނެވެ. އަހަރެމެން ނިދާފަ ތިބި ކޮޓަރިއާ ގޭގެ މައި ދޮރާ ތަންކޮޅެއް ދުރުވާނެއެވެ. އަހަންނަށް އެހުރި ފިޔަވަޅު މަތީގައި ހުއްޓުން އަރާފައި ހުރެވުނެވެ. އެހެންނަމަވެސް އަހަރެންގެ ވިސްނުން އެހެން ގޮތަކަށް ބަދަލުވިއެވެ. ވަގުތުން ފާޚާނާއަށް ވަދެ ވުޟޫކުރީމެވެ. 2 ރަކްޢަތް ނަމާދެއް ކުރުމަށްޓަކައެވެ. އަވަސް އަވަހަށް ގޮސް ނަމާދު ދޮޅި އަޅައިގެން ބިންމަތީގައި މުސައްލަ ފަތުރާލީމެވެ. އަދި ނަމާދުކޮށް ނިންމާލީމެވެ. އޭރުވެސް ގަދަ ޠޫފާނެއް ފަދައިން ވިދާ ގުގުރަމުން ދިޔައެވެ.ގޯތި ތެރޭގައި ހުރި ގަސްތައް މުލުން ލުހެގެން ދާ ހެންވެސް ހީވެއެވެ. ވާރޭ ވެހޭ އަޑާއި ވައިގެ ގަދަ އަޑުފައްގަނޑުން އަހަރެންގެ ހިތައް ބިރުވެރިކަން ވެރިވެއެވެ. ނަމާދުން ނިމިގެން އަހަރެން ގޮސް ޚަތިމް ނެގީމެވެ. ޚަތިމް ހަމަ ހުޅުވާލުމާއެކު އަނެއްކާވެސް ބޭރު ދޮރުގައި އައިސް މީހަކު ހިފާލި އަޑު އިވުނެވެ. މިއީ ތިންވަނަ ފަހަރެވެ. ދޮރުގެ އެތެރެއިން ބޮޑު ތަންޑެއް އަޅުވާފައި ހުރެއެވެ. ބޭރުން އެއްވެސް މީހަކަށް އެއިން އެއްވެސް ތަންޑެއް ނުނެއްޓޭނެހާ މޮޅަށް އަޅުވާފައި ހުރި ތަންޑުތަކެކެވެ. އެހެން ނަމަވެސް އަހަންނަށް ހީވީ ކުށް ހީއެއް ނޫނެވެ. ހަޤީގަތުގަ ވެސް އެމީހަކު ދޮރުގެ ތަންޑުތައް ނައްޓާލާފައި ތަޅުގައި ހިފާލާފަ ދޮރު ހުޅުވިއެވެ. އޭރުވެސް އަހަރެން ހުރީ މުސައްލަ މަތީގައެވެ. އެހެންނަމަވެސް ބޭއިޚްތިޔާރުގައި އަހަންނަށް ތެދުވެވުނެވެ. މިގޭތެރެއިން އިވެމުންދާ ކަންތައްތަކުގެ ހަޤީގަތް ބަލާލުމަށްޓަކައެވެ. އަހަރެމެން ތިބި ކޮޓަރީގެ ދޮރު ހުޅުވާލާފަ އަހަރެން ކުޑަކޮށް ގޭތެރެއަށް ބޯދިއްކޮށްލީމެވެ. އެވަގުތު ބުނަން ނޭނގޭ ކަހަލަ ގަދަ ވައިރޯޅިއެއް އައިސް ގޭތެރެއަށް ވަނެވެ. އަހަންނަށް ފެނުނީ ގޭގެ މައިދޮރާށި ހުޅުވާފަ ހުއްޓައެވެ. އެދޮރު ހުޅުވުނީ ކިހިނެއްބާއޭ މިއީ އަހަރެންގެ ހިތައް އަރަމުން ދިޔަ އެއްޗިއްސެވެ. ނަމަވެސް އަހަރެންގެ ސިކުނޑިން މިއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. އެވަގުތު އަހަރެންގެ ދޮށީ އަންހެން ދަރިފުޅު ހޭލައިފިއެވެ. އެކުއްޖާގެ އުމުރަކީ 12 އަހަރު ކަމުން އޭނައަށް ކޮންމެވެސް ވަރަކަށް މިކަންތައްތައް އެނގެއެވެ. އޭނަވެސް ހުރީ ވަރަށް ބިރުންނެވެ. އަހަރެން އޭނައަށް ވަރަށް ހިތްވަރު ދިނީމެވެ. އަދި އެނދުން ނުތެދުވެ އޮތުމަވެސް ބުނީމެވެ. އަހަރެންގެ އަތުގައި އޮތް ޚަތިމް މޭޒުމަތީގައި ބާއްވާފައި ގޮސް އަހަރެން އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ.
ކުއްލިއަކަށް ދޮރުމައްޗަށް އެރީ ކަޅުބިޔަ ހިޔައްޏެކެވެ. އޭތީގެ ލޯ ހީވަނީ ރަން އަލިފާން ގަނޑެއް ހެންނެވެ. އަހަރެންގެ އަންހެން ދަރިފުޅަށް އެބިޔަ ހިޔަންޏެއް ނުފެނެއެވެ. އެހެންނަމަވެސް އޭނައަށް ވެސް އެތަނުގެ ބިރުވެރިކަން ކޮންމެ ވެސް ވަރަކަށް އިހުސާސް ކުރެވުނެވެ. އޭނަގޮސް ވަނީ އަހަރެން ގެ ފުރަގަހަށެވެ. އަހަރެން ހުރީ ކުޑަކޮށް ދޮރާ ނިވާވެގެންނެވެ. އޭނަ ރޯން އުޅޭހެން އަހަންނަށް ހީވިއިއެވެ. ހަމަ ވަގުތުން އަހަރެން އޭނަގެ އަނގަމަތީގައި އަތް އެޅީމެވެ. އަދި ހަމަހިމޭން ވުމަށް އެންގީމެވެ. އެކުއްޖާ ބިރުން ސިހި ސިހި ހުއްޓެވެ. ހަޅޭލަވާ ރޯން ވެސް ނޭނގިފައެވެ. އަހަންނަށް ވަގުތުން ބަލާލެވުނީ މޭޒުމަތީގައި އޮތް ޚަތިމަށެވެ. އިރުކޮޅަކުން އެބިރުވެރި ހިޔަނިވެސް ގެއްލުނެވެ. އެހިނދުކޮޅުގެ ތެރޭގައި އަހަރެންގޮސް ނިދާފަ އޮތް އަހަރެންގެ ދެވަނަ އަންހެން ދަރިފުޅު ނަގައިގެން ކޮޑަށް ލައިގެން ދުއްވައިގަތީމެވެ. ގެއިން ނިކުމެގެން ދުވަމުން ދުވަމުން ގޮސް އަހަންނަށް ވަދެވުނީ ވަރަށް އާދައިގެ ނިކަމެތިކޮށް ހުރި ގެއަކަށެވެ. އޭރު އަހަރެންގެ ދޮށީ އަންހެން ދަރިފުޅުވެސް އަހަރެންގެ ފަހަތުން ދުވަމުން ގޮސް އެގެއަށް ވަނެވެ. އެގެއަކީ އަހަރުމެން އުޅުނު ގެއާ މާދުރުނޫން ހިސާބެއްގައި ހުރި ގެއެއް ކަމުން މާ ގިނަ އިރުތަކެއް ނުވަނީސް އެގެއަށް ދެވިއްޖެއެވެ. އެގޭ ދައްތަ އަށް އަހަރެން ގޮވާ އަޑުއިވިގެން އައިސް ދައްތަ ދޮރުހުޅުވާލިއެވެ. އަދި ވީ ކީއްތޯ ސުވާލުކުރުމުން ވެސް ދޭނެ ޖަވާބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންގެ ދެވަނަ ދަރިފުޅު އެގޭ އެނދުމަތީގައި ބާއްވާފައި އަނެއްކާވެސް އަހަރެން މިސްރާބު ޖެހީ އަހަރެމެން އުޅުނު ގެއާ ދިމާއަށެވެ. އެދެކުދިން އެގޭގައި ބައިތިއްބާފައި އަހަރެންގެން އަނެއްކާވެސް ކުރިން އުޅުނު ގެއަށް ދިޔައީމެވެ. މަރުވާނީ އެއްފަހަރު އެވެ. އަހަރެންގެ ހިތައް އެރިއެވެ.
އަހަރެން އައިސް ދެވަނަ ފަހަރަށް ގެއަށް ވަނީމެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލެވުނީމަ އަހަންނަށް ބަލާލެވުނީ އެނދާ ދިމާއަށެވެ. އަހަރެންގެ އެންމެ ހަނގު ދަރިފުޅު އަރާމް ނިއްޖަކުން ނިދާފައި އޮތެވެ. އަހަރެންގެ ދަރިފުޅު މަތިން އަހަރެން ހަނދާނެއްވެސް ނެތެވެ. ދަރިފުޅުމަތިން ހަނދާންވީ ކޮޓަރިއަށް ވަދެ ދަރިފުޅު ފެނުމުންނެވެ. އަހަރެން ވަގުތުން ގޮސް ދަރިފުޅު ގައިގަ ބައްދާލީމެވެ. އަދި ބޮސްދެވުނެވެ. އެވަގުތު އަހަންނަށް ރޮވުނެވެ. އަހަރެންގެ އެކަނިވެރިކަމާމެދު ވިސްނާލެވުނެވެ. މިބިރުވެރިރޭ އަހަރެންގެ ފިރިމީހާ އަހަރެންގެ ގާތުގައި ނެތް ކަމުގެ އިހުސާސް ކުރެވެން ފެށުނެވެ. ނަމަވެސް މީ ތަޤްދީރުގެ ނިޔާއެވެ. އަހަރެން މިފަދަ އެތައް ރެއެއް ތަޙައްމަލް ކުރަން ޖެހޭނެ އެތައް ދުވަހެއް އަދި އަންނާނެކަން ކަށަވަރެވެ. މިހުރިހާ ކަމެއް ހިތައް އެރުމަށްފަހު ﷲ އަށް ވަކީލުކުރާ ޙާލުން ހަމަޖެހިލައިގެން އެނދުގައި އޮށޯތީމެވެ.
(ނުނިމޭ)
-
ބުރާސްފަތި، ސެޕްޓެމްބަރ 10 2009، 20:53
ވަރަށް ރީތި ވާހަކަ އެއް 3 ވަނަ ބަޔަކަށް އިންތިޒާރު ކުރަން
-
ހޮނިހިރު، ސެޕްޓެމްބަރ 12 2009، 12:02
ހާދަރީއްޗޭ،،،ވަރައް ވަރައް ސަޅި އިގޭ،،ތިވާހަކާގެ ނުނިމި އޮތް ބަޔައް ކެއްތެރިކަމެއްނެތި އިންތިޒާރުކުރަން،،،ޝަމްޝް ތިކުރާހިއްވަރައްހަމަ ސާބަސް،،،