
ދިމާވާ ދަތިތަކަށް ކެތްތެރިވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުން (2)
-އައްޝައިޚް ނަސްރުﷲ މުސްތަފާ-
~ ކެތްތެރިވުމަށް އެހީވާކަންތައްތައް
ކެތްތެރިވުމަށް އަޅާޔަށް އެހީތެރިވާ ކަންތައްތައް ތިރީގައި މިވަނީއެވެ:-
1- ހަމަކަށަވަރުން މަތިވެރި ﷲ އީ އަޅުތަކުންގެ ޙަރަކާތްތަކާއި ހަނުހިމޭންކަމާއި މަޑުމައިތިރިކަމާއި އެންމެހާ ޢަމަލްތަކެއް ހެއްދެވިފަރާތްކަން ޤަބޫލްކުރުން.
އެކަލާނގެ އެދިވޮދިގެންނެވި ކަމެއްވާނެއެވެ. އެދި ވޮޑިގެންނުވާކަމެއް ނުވާނެއެވެ. މިޢާލަމުގެ މަތީގައިވެސް އަދި ދަށުގައިވެސް އެކަލާނގެ އިރާދަފުޅާއިއެކު މެނުވީ ޙަރަކާތެއް ނުކުރެއެވެ. އަޅުތަކުންނަކީ ޢަމަލުތައްކުރުމަށްވާ ބައެކެވެ. ތިމާ އަބަދުވެސް ބަލަންވީ މީސްތަކުން ކުރާކަންތައްތަކަށް ނޫނެވެ. ބަލަންވީ އެބައިމީހުން އެފަދައިން ކަންތައް ކުރަނީ ކީއްވެގެންތޯއެވެ؟ އަދި އޭގެއިން ތިމާއަށް ލިބެނީކޮން ފައިދާ ތަކެއްތޯއެވެ؟ އެކަންތައްތަކަކީ ﷲ އިރާދަފުޅާއި މިންވަރުފުޅުން ހިނގާކަންތައްތައްކަމަށް އަބަދުވެސް ދެކެންވާނެއެވެ. އަދި ﷲ އާ ވަކީލުކުރަންވާނެއެވެ. އެއިރުން އެންމެހައި މަޑުމޮޅިކަމަކާއި ހިތާމަޔަކުން ސަލާމަތްވާނެއެވެ. އެހެނީ ﷲ އެއްވެސް އަޅަކަށް ދެރަކޮށް ކަމެއް މެދުވެރިނުކުރައްވާނެއެވެ.އަދި މެދުވެރިވާ ކަންތައްތަކަކީ އަބަދުވެސް އިމްތިޙާނެއްކަމަށް ދެކި އޭގެއިން ފާސްވޭތޯ ބަލަން ވީއެވެ. އެއިރުން ތިމާއަށް ދެރަކަމެއް ނުޖެހޭނެއެވެ.
2- އަޅާ އޭނާގެ ކުށް ފާފަތައް މަތީން ހަނދާން ކުރުން.
ކަމެއް މެދުވެރިވުމުން އެކަމެއް މެދުވެރިވީ ތިމާގެ ސަބަބުންކަން ދަންނަންވާނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ:
(وما أصابكم من مصيبة فبما كسبت أيديكم ويعفوا عن كثير)سورة الشورى:30
މާނައީ “އަދި ތިޔަބައިމީހުންނަށް ކޮންމެފަދަ މުޞީބާތެއް ދިމާވިކަމުގައި ވިޔަސް އެއީ ތިޔަބައިމީހުން އަމިއްލަ އަތްތަކުން ކުރި ކަންތައްތަކެއްގެ ނަތީޖާއެވެ، އަދި ﷲ ވަރަށް ގިނަ ކަންތައްތަކުން ތިޔަބައިމީހުން ނަޖާކުރައްވައި މަޢާފްކުރައްވަތެވެ.”
އަޅާއަށް ދިމާވާ ކޮންމެ ނުބައިކަމެއް ދިމާވަނީ އޭނާގެ ކުށް ފާފަތަކުގެ ސަބަބުންކަން ދަންނަ ކަމުގައިވާނަމަ މީސްތަކުންނަށް އެއްޗިހި ކިޔައި މަލާމާތްކޮށް އެމީހުން ކުރާކަންތައްތަކުގެ ބަދަލުހިފަން އުޅުމުގެ ބަދަލުގައި ތަވްބާވެ ފާފަފުއްސެވުމަށް އެދި ދުޢާކުރާނެއެވެ. އަދި ދަންނާށެވެ. އަޅާ މީސްތަކުން ކުރާކަންތައްތަކުގެ ބަދަލުހިފަން އުޅެ، އަމިއްލަ ނަފްސަށް މަލާމާތްނުކޮށް އަދި ފާފަފުއްސެވުމަށް އެދި ނުދަންނަވާނަމަ އޭނާގެ މުޞީބާތަކީ ބޮޑުވެގެންވާ މުޞީބާތެކެވެ. އެހެންނަމަވެސް ތައުބާވެ ފާފަފުއްސެވުމަށް އެދި ދަންނަވާނަމަ އަދި އަމިއްލަ ސަބަބުން ދިމާވާކަންތައްތައްކަން ހިތަށް އަރުވައިފިނަމަ އެކަންތައްތައް އޭނާގެ ޙައްގުގައި ފަހުން ވެގެންދާނީ ނިޢުމަތެއްކަމުގައިއެވެ. މިކަމާ ގުޅޭގޮތުން ﷲ ރުއްސުން ލެއްވި ޢަލީ ބިން އަބީ ޠާލިބް ޖަވާހިރެއް ފަދަ ބަސްފުޅެއް ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “އަޅާ އަބަދުވެސް އެދެންވާނީ އޭނާ ހައްދަވައި ގެންގުޅުއްވާ ރަސްކަލާނގެ ޙަޟްރަތުންނެވެ، އަދި އެކަލާނގެއަށް މެނުވީ ބިރުވެތި ނުވާހުށިކަމެވެ.” އަދިވެސް އެކަލޭގެފާނާއި އެހެނިހެން ބައެއް ސަލަފުންގެ ފަރާތުން އައިސްފައިވެއެވެ: “ކުށްފާފައިގެ ސަބަބުން މެނުވީ އެއްވެސް ބަލާވެރިކަމެއް ނާދެއެވެ، އަދި ތައުބާވެގެން މެނުވީ އެކަމަކުން ސަލާމަތްވުމެއް ނެތެވެ.”
3- ކެތްތެރިވެ މަޢާފްކުރާމީހުންނަށް ވަޢުދުވެވޮޑިގެންފައިވާ ފުރިހަމަ ޘަވާބް މަތިން ހަނދާންކުރުން.
ﷲ ވަޙީކުރައްވާފައިވެއެވެ:
( وجزاؤ سيئة سيئة مثلها فمن عفا وأصلح فأجره على الله إن الله لا يحب الظالمين).
މާނައީ: “ނުބައިކަމުގެ ޖަޒާއަކީ އެފަދަ އެހެން ނުބައިކަމެކެވެ، ދެންފަހެ މަޢާފްކޮށް ޞުލްޙަވެރިވެއްޖެ މީހާ ދަންނާށެވެ.ފަހެ އޭނާއަށް އަޖްރު ދެއްވާނީ ﷲ އެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.”
4- މަޢާފްދީ އިޙްސާންތެރިވެއްޖެނަމަ އޭގެ ސަބަބުން ތިމާގެ އަޚުންގެ މައްޗަށް ހިތް ސާފުވެ އެބައިމީހުންނަށް މަކަރުހެދުމާއި ޙަސަދަވެރިވުމާއި، ބަދަލުހިފުމުގެ ޖޯޝާއި، ގެއްލުންދޭން އެދޭ އެދުން ނެތިވެ އޭގެ ސަބަބުން ލިބޭ މަންފަޢަޔާއި ހިތްހަމަޖެހުން އެތައް ގުނައަކަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރުވެގެން ދާނެއެވެ. އަދި އެފަދަމީހަކު ﷲގެ މިވަޙީބަސްފުޅު ތެރެއަށް ވަންނާނެއެވެ. (والله يحب المحسنين). މާނައީ: “އަދި ﷲ އީ އިޙްސާންތެރީންނަށް ލޯބިވޮޑިގެންވާ އިލާހަކު ކަމުގައިވެއެވެ.” ދެން އޭނާވެގެން ދާނީ ﷲ ލޯބިވެވޮޑިގެންވާމީހުންގެ ތެރެއިންނެވެ. އޭނާގެ އަތުން މަދު ފައިސާކޮޅެއް ދިޔުމުން އޭގެ ބަދަލުގައި އެތައް ހާސް ފައިސާތަކެއް ލިބުނުމީހެއް ފަދައިންނެވެ. ﷲގެ މިމަތިވެރި އަޖްރަށް އިންތިހާޔަށް އުފާވެގެން ދާނޭމީހަކު ކަމުގައި އޭނާވެގެންދާނެއެވެ.
5- އަމިއްލަ ނަފްސަށް ބަދަލުހިފާ ހަމައެކަކަށްވެސް މިހައިހިސާބަށް ނިކަމެތިކަމާއި މަޑުމޮޅިކަން މެނުވީ ލިބިފައެއް ނެތެވެ. އެހެންނަމަވެސް މަޢާފްކޮށްފިނަމަ ﷲ އެމީހަކު ޢިއްޒަތްތެރިކުރުވައެވެ. މިއީ އަޅުގަނޑުމެންގެ މާތްނަބިއްޔާ ޚަބަރުދެއްވާފައިވާ ކަންތައްތަކުގެ ތެރެއިން އެއްކަމެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ:
عن أبي هريرة أن رسول الله صلى الله عليه وسلم قال ما نقصت صدقة من مال وما زاد رجلا بعفو إلا عزا وما تواضع أحد لله إلا رفعه الله .
މާނައީ: "ޞަދަޤާތް ދިނުމަކުން މުދަލެއް މަދެއް ނުވާނެއެވެ . ޢަފޫ ކޮށްގެން އަޅާގެ ޢިއްޒަތްތެރިކަން މެނުވީ ﷲ އިތުރުނުކު ރައްވައެވެ، އަދި ﷲ އަށްޓަކައި ހިތްތިރިކޮށްފި އަޅަކަށް މަތިވެރިކަން މެނުވީ ﷲ ނުދެއްވަވައެވެ."
މިހެން ކަންހުރިއިރު ބަދަލުހިފައިގެން ލިބޭ ޢިއްޒަތަށް ވުރެ މަޢާފްކޮށްގެން ލިބޭ މަތިވެރިކަމަށް ބޮޑަށް އެދެންވާނެއެވެ. އެހެނީ ބަދަލުހިފައިގެން ލިބޭ ޢިއްޒަތްތެރިކަމަކީ ހަމައެކަނި ވަގުތީ އަދި ބޭރުފުށުގެ ކަމަކަށްވާތީއެވެ. އަދި މަޢާފްދީގެން ހިތަށް ވަގުތީ ނިކަމެތިކަމެއް ލިބުނަސް އެކަން ފަހުން ވެގެންދާނީ ފާޅުގައްޔާއި ސިއްރުގައި ޢިއްޒަތްތެރިކަމަކަށެވެ.
(ނުނިމޭ)