
އިހްސާސް (2)
ބަލައިލައެވެ. އެޔާއެކު ނުކުމެގެންދެއެވެ. އެހެންނަމަވެސް އެފަދަ ކޮންމެ ވަގުތެއްގައިވެސް ސާނާގެ މޫނުމަތީގައިވާ އުދާސްކަމާއި ހިތްދަތިކަން ނާއިފަކަށް ސިއްރެއްނުވެއެވެ. އެކަމަކުވެސް ކުރާނީކީއްހެއްޔެވެ. މިހާރު އޭނާ ސާނާއާ ވާހަކަދައްކާހިތެއްނުވެއެވެ.
ދުވަސްކޮޅެއްފަހެވެ. ސާނާ މަޑުމަޑުން ދުރަށްދާ ކަމުގައި ނާއިފަށް ހީވާންފެށިއެވެ. މެސެޖްކުރުން މަދުވެ ގުޅާގުޅުންތައް މަދުވާން ފެށިއެވެ. މިގޮތަށް ކަންތައްވާންފެށުމުން ނާއިފް ޝަކުވާ ކުރަންފެށިއެވެ. ސާނާ އޭނާއާ ދުރުވާވާހަކަ ބުނެއެވެ. އެހެންނަމަވެސް ސާނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއީ ނާއިފަށް ހީވާގޮތްކަމުގައި ބުނެއެވެ. އަދި ސާނާ އެންމެ ލޯބިވަނީ ނާއިފްދެކެ ކަމުގައި ބުނެއެވެ. އެހެންނަމަވެސް މިހާރު އަބަދުވެސް ނާއިފަށްޖެހެނީ ޝަކުވާކުރާށެވެ. ކުރީގައި އެޝަކުވާތައް ކުރީ ސާނާއެވެ. ނާއިފް އޭނާއާ އަޅާނުލާކަމުގެ ޝަކުވާއެވެ. އެހެންނަމަވެސް މިހާރު ނާއިފަށް ޖެހިފައިވަނީ ކުރިން އޭނާއަށް އަޑުއިވުނު ޝަކުވާތައް ޚުދު އޭނާގެ ދުލުން ބޭރުކުރާށެވެ. މިހާރު ނާއިފް ދެރަވެއެވެ. ސާނާގެ މެސެޖްތަކަށް އިންތިޒާރު ކުރެވެއެވެ. އޭނާގެ ފޯންކޯލްތަކަށް ސަމާލުކަންދެވެއެވެ. ސާނާއޭނާދެކެ ކިހާލޯބިވީކަން މިހާރު އޭނާއަށް އިޙްސާސްކުރެވެއެވެ. އެލޯބީގައި އެއްވެސް އަމިއްލަ އެދުމެއްނުވެއެވެ. އެއީ ސާފުލޯތްބެކެވެ. މިހާރުވެސް ނާއިފްބޭނުމީ ސާނާއެވެ. އެކަމަކު އޭރު އޭނާ ބޭނުންވީ ގަދަކުރާށެވެ. ސާނާ ތަޅުވާށެވެ. އަދިވެސް ބޮޑަށް އޭނާދެކެ ލޯބިކުރުވާށެވެ. އޭނާ އެއްޗެހިކީ އެހެންވެއެވެ. ސާނާގެ އެކި ސިފަތަކުގެ ވާހަކަދެއްކިއެވެ. މަލާމާތްކުރިއެވެ. މަޖަލަކަށްކަމަށް ހަދާފައެވެ. އެހެންނަމަވެސް ސާނާ އެޔަކަށް ޖަވާބެއްނުދެއެވެ. އެހެންނަމަވެސް އެކަހަލަ ވާހަކަދެއްކުމުން ސާނާ ވަރަށްދެރަވެ ހިތުގައި ޖެހޭކަމުގައި އެއްދުވަހު އޭނާބުންޏެވެ. އޭރު ނާއިފަކަށް އެއީ މާބޮޑުކަމަކަށްނުވެއެވެ. ނާއިފްގެ ހުތުރުވާހަކައެއް މަޖަލަކަށްވެސް ސާނާ ނުބުނާތީ އޭނާދުށީ އޭނާއަކީ އެންމެ ފުރިހަމަ މީހާކަމުގައެވެ.
ނާއިފް ބާލީހުގައި ބައްދާލައިގެން އެތައްއިރަކު ވިސްނަން އޮތުމަށްފަހު ބޭރަށް ނުކުމެއްޖެއެވެ. އޭރު މަންމަ ބައްޕައަށް ކާންހަދައިގެން ކާންދޭން މޭޒުކައިރީގައި އިނެވެ. ބައްޕަގެ ތަށްޓަށް ރިހަޔާއި ބަތް އަދި ބޭނުންވާ އެހެން އެއްޗެހިވެސް އަޅައިދެމުންދާތަން ފެނުމުން ފުރަތަމަ ފަހަރަށް ނާއިފަށް އެކަން ވިސްނާލަން މަޖުބޫރުވެއްޖެއެވެ. މަންމަ ކިހާރަގަޅުހެއްޔެވެ؟ އެންމެފަހަރަކުވެސް ބައްޕަ ކާންބައިންދާފައި ދުރަކަށް ނުދެއެވެ. އަދި ނާއިފްމެންކުއްޖަކު ކާންއިންކަމުގައިވިޔަސް ދުރަކަށްނުދާނެއެވެ.ދެމީހުންގެ ޢުމުރުން ސާޅީހުން މައްޗަށް ގޮސްފައިވީއިރުވެސް، މިހާރުވެސް ޚާއްސަ ދުވަސްދުވަހު ބައްޕައަންނަމުން މަންމައަށް ކާޑާއި މާބޮނޑި ގެނެސްދެއެވެ. ރީތިބަސްތަކުން މަންމައާއި މުޚާތަބުކުރެއެވެ. ބައްޕަ، މަންމަދެކެ ވަރަށް ލޯބިވާ ވާހަކައާއި މަންމަ ކޮށްދޭ ކަންތަކުގެ ޥާހަކަދައްކައެވެ. މިކަމާ ނާއިފްމެން ޖޯކް ޖަހާވެސް ހަދައެވެ. އެކަމަކު މިއަދު ޚުދު އޭނާއަށް މިކަންތައް ވިސްނުމުން މިއީ ކިހާމުހިންމުކަމެއްކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ކުރެވިއްޖެއެވެ. އެކަކު އަނެކަކުދެކެ ލޯބިވުމަކީ އަދި އެކަން ފާޅުކުރުމަކީ ކިހާމުހިންމުކަމެއްކަން އޭނާއަށް އެނގިއްޖެއެވެ.
ނާއިފް މަޑުމަޑުންގޮސް މަންމައާއި ބައްޕަ ކައިރީގައި އިށީދެއްޖެއެވެ. އަދި މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. އެޔާއެކު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގެންފިއެވެ. އެވަގުތު މަންމަ އޭނާގެ ބޮލުގައި ފިރުމާލަމުން ނިއްކުރީގައި ބޮސްދިނެވެ. އެވަގުތު ސިޓިންރޫމުގެ ދޮރު ހުޅުވާލާފައި ވަނީ ސާނާއެވެ. ރީތި ރީތި މާބޮނޑިއެއް ހިފައިގެންނެވެ. ހުސްފިނިފެންމަލުގެ މާބޮނޑިއެކެވެ. އަދި ހިނިތުންވަމުންއައިސް ނާއިފްގެ އަތަށް މާބޮނޑިއަކާއި ކާޑެއް ދިއްކޮށްލިއެވެ. އެވަގުތު ދުނިޔޭގައިވާ ހުރިހާ އުފަލެއް އޭނާގެ އުނގަށްޖަމާވީ ކަމުގައި ނާއިފަށް އިޙުސާސްކުރެވުނެވެ. އާއެކެވެ. ނާއިފަށް ސާނާގެ ލޯބީގެ އަގު ވަޒަންކުރެވުނީ އޭނާ ދިޔައިމައެވެ. އެލޯބީގެ މަތިވެރިކަމެވެ. އެލޯބީގެ މާތްކަމާއި ރަގަޅުކަމެވެ. އެހެންނަމަވެސް ސާނާ އަނެއްކާވެސް އައުމުން އޭނާގެ ޙަޔާތަށް ބަހާރުމޫސުން އައި ކަހަލައެވެ. ދުވެފައި ގޮސް ސާނާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ހިނގައްޖެއެވެ. އަދި އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިނދެ ކާޑުނަގާފައި ކިޔާލިއެވެ. އޭގައި އޮތީ ލޯބީގެރީތި ރީތި ޢިބާރާތްކޮޅެކެވެ. މިއަދު އޭގެ ކޮންމެ ލަފްޒެއް ނާއިފަށް ގެނެސްދެނީ އެތައްފޮނި އިޙުސާސެކެވެ. ނާއިފް ސާނާގެ ލޮލަށް ބަލައިލިއެވެ. އަދި ޝަކުވާގެ ރާގެއްގައި އެތައްވާހަކައެއް އެއްފަހަރާ އެހިއެވެ. ސާނާގެ ޖަވާބަކަށްވީ މިހެންހެދީ މަންމަ ބުނެގެންކަމުގައެވެ. އެއީ ނާއިފަށް އަހަރެންގެ މުހިންމުކަން އަގުވަޒަންކުރުވުމަށްޓަކައެވެ. ނާއިފްގެ ގާތަށް ވަރަށް ހިނިއައެވެ. އަދި ސާނާގެނެސް މަޑުމަޑުން މޭގައި ޖައްސާ ބާރުކޮށްލިއެވެ. ދުވަހަކުވެސް ވަކިނުވާނެކަމަށް ބުނަމުން ލޯބީގެ އެތައް އިޙުސާސަކާއެކުގައެވެ.