
މޯލްޑިވް ގޭސް އިން ހުޅުމާލޭގައި ގޭސް ފޯރުކޮށްދިނުމަށް އެޖެންޓަކާ ހަވާލުކޮށްފި
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގެ އެކި ޞަރަޙައްދު ތަކަށް ގޭސް ފޯރުކޮށްދެމުން ގެންދާ އެއްކުންފުނިކަމަށްވާ މޯލްޑިވް ގޭސްއިން ހުޅުމާލޭގައި ފޯރުކޮށްދެމުން ގެންދިޔަ ގޭހުގެ ޚިދްމަތް ޚަރަދު ކުޑަކުރުމުގެ ގޮތުން އެޖެންޓަކާއި ޙަވާލު ކޮށްފިކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަޝްރަފް އަލީ ވިދާޅުވީ މިއަދުން ފެށިގެން ދެން ހުޅުމާލެއަށް ގޭސްފޯރުކޮށްދެމުންދާނީ އެކުންފުނީގެ އެޖެންޓެއް ކަމަށްވާ ރެޖިންގ މާރޓްގެ ފަރާތުން ކަމަށެވެ.
”އަޅުގަނޑުމެން ހުޅުމާލޭއަށް ގޭސް ފޯރުކޮށްދިނުން ހުއްޓާލީއެއްނޫން. އަޅުގަނޑުމެންގެ އެޖެންޓެއް މެދުވެރިކޮށް ހުޅުމާލެއަށް ގޭސް ފޯރުކޮށްދޭ ގޮތަށް ހެދީ.’އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ހުޅުމާލޭގައި ހުންނަ މޯލްޑިވް ގޭސް އޮފީސް ބަންދު ކުރިކަމުގައިވިޔަސް އެރަށުގައި އެކުންފުނީގެ އޮޕަރޭޝަންތައް ވަރަށް ބާރަށް ހިގަމުންދާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ ސްޓާފެއް މާކެޓިން ކަންތައްތަކުގައި އެކޮޅުގައި ޙަރަކާތްތެރި ވަމުންދާނެ. އަޅުގަނޑުމެން އެކޮޅުގައި ދެމުންގެންދިޔަ ގޭހުގެ ޚިދްމަތް އެޖެންޓަކާއި ޙަވާލު ކުރަންޖެހުނީ ޚަރަދު ކުޑަކުރުމުގެ ގޮތުން .އެއީ އަޅުގަނޑުމެންގެ އޯވަރ ހެޑާ ސޭލްސް އާއި ނުބައްދަލުވާތީ.“ އަޝްރަފް ވިދާޅުވިއެވެ.
އަޝރަފް ވިދާޅުވީ މާލެއާއި އަޅާބަލާއިރު ހުޅުމާލޭގެ ސޭލްސް ވަރަށް ދަށް ކަމަށާއި ނަމަވެސް އެކޮޅުގެ މާރކެޓަށް އަންނަ ބަދަލު ތައް ބެލުމަށް އެކުންފުނީގެ ފަރާތުން އެކޮޅުގައި ޙަރަކާތްތެރި ވަމުންދާނެ ކަމަށެވެ.
މޯލްޑިވް ގޭސްގެ 000,40 ވުރެ ގިނަ ކަސްޓަމަރުން މިހާރު ރާއްޖޭގެ އެކިޞަރަޙައްދު ތަކުގައި އެބަތިއްބެއެވެ. މޯލްޑިވް ގޭސްއަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން )އެސް.ޓީ.އޯ( ގެ 90 އިން ސައްތަ ޙިއްޞާވާ ކުންފުންޏެކެވެ.